މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަންސްގެ އޮފިސަރުންނާ އެކު އިއުތިރާފް އެއްބަސްވުމަކަށް

ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދިނުމުގެ ކުށުގައި ދައުލަތުން ދައުވާކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަސް އޮފިސަރުންގެ ތެރެއިން ތިން މީހަކާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފި އެވެ.

މި އެއްބަސްވުން ހަދާފައިވަނީ ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމާއި، ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލީ އަޝްފާގުއާ އެކު އެވެ.

ޖަލަށް މަނާ ތަކެތި ވައްދާ މީހުން ހޯދުމަށް ފުލުހުންނާއި ސިފައިން ގުޅިގެން މާފުށި ޖަލުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނަކަށްފަހު ކުށުގެ ތުހުމަތުގައި ކަރެކްޝަންސްގެ 13 އޮފިސަރަކު މިދިޔަ ޖޫން 28 ވަނަ ދުވަހު ހައްޔަރުކުރި އެވެ. އަދި މި އެންމެންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ވަނީ މިދިޔަ އޮގަސްޓް 10 ވަނަ ދުވަހު ޕީޖީ އޮފީހަށް ލިޔެކިޔުންތައް ފޮނުވާފަ އެވެ.

ޕީޖީއަށް ފޮނުވި ލިސްޓުގައި ހިމެނޭ 13 އޮފިސަރުން

  • މާޒިން ހަމީދު (22 އ) - ހަވޭލި، ފ. ނިލަންދު
  • ޖިނާހް އަބްދުއްރަހީމް (29 އ) - އައިވަރީ ހައުސް، ރ. އުނގޫފާރު
  • މުހައްމަދު ފަތޫހު ފަތުހުﷲ (24 އ) - ކުއްޅަވައްގެ، ގއ. ވިލިނގިލި
  • އަލީ ހިޝާމް (33 އ) - ބީޗް ހައުސް، ކ. މާފުށި
  • މުހައްމަދު ނަބުހާން (30 އ) - ގ. އިވްނިން ސްޓާ، މާލެ
  • މުހައްމަދު ނަބީލް އިބްރާހީމް (21 އ) - މ. މޭދާ، މާލެ
  • އަލީ ނާޒިމު (36 އ) - ތަރާނާގެ، ހދ. ނޭކުރެންދޫ
  • ޒަޔާން އަހްމަދު (23 އ) - މާވިނަ، ކ. މާފުށި
  • ޔާމީން ހުސައިން (23 އ) - ހިޖާޒް، ރ. މީދޫ
  • އަހްމަދު ޝަމާލް (24 އ) - ފަހާގެ. ށ. ފޯކައިދޫ
  • މުހައްމަދު ރިމާޒް (29 އ) - ދަނބުމާގެ، ށ. ފޯކައިދޫ
  • އަހްމަދު އަނޫފް (27 އ) - ބިންމަތީގެ، ކ. ކާށިދޫ
  • އަލީ އަޝްފާގު (32 އ) - ކާމިނީގެ، ނ. ލަންދޫ

ދައުލަތުން އިއުތިރާފް އެއްބަސްވުން ހެދި މީހުންނަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމު ކުށުގެ ދައުވާ އެވެ. ދައުލަތުން ދައުވާ ކުރި އިތުރު ދެ މީހުން އަދި ތިބިއިރު އެ މީހުންނާ އެކު އަދި އިއުތިރާފް އެއްބަސްވުމެއް ހަދާފައެއް ނުވެ އެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކުރި އެހެން މީހުންނަށް ދައުވާކުރެވޭ ހެކި ނެތުމުން ޕީޖީ ވަނީ އެ މީހުންނަށް ދައުވާ ނުކުރުމަށް ނިންމާފަ އެވެ.

ނޫސްވެރިންނަށް މީގެކުރިން މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު ޖަލަށް މަނާ ތަކެތި ވެއްދުމުގައި ޖަލުގެ 18 އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.

އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ތުހުމަތު ކުރެވޭ ޖަލު އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އަދި މިކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އޮފިސަރުންގެ އެކައުންޓްތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.