ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން ގޮސް ސްރީލަންކާގައި އުޅުނު މައްސަލާގައި ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
ބާޣީ ލުތުފީގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ. މާދަމާ މެންދުރު 11:00 ޖަހާއިރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ކުރިޔަށް ގެންދަން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.
އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބާޣީ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގަ އެވެ. އޭގެ ފަހުން ބާޣީ ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނަމަވެސް އޭގެ ނުވަ އަހަރު ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން ބާޣީ ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.
އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ފެންމަތި ކުރުމުން ޕްރެޝަރު ބޮޑުވެ ފަހުން ސަރުކާރުން ވަނީ އޭނާ ރާއްޖެ ގެނެސް ޖަލަށް ލައިފަ އެވެ.
ބާޣީ ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ.