ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން ގޮސް ސްރީލަންކާގައި އުޅުނު މައްސަލާގައި ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ އިއުތިރާފްވެފައި ވާތީ ހަތް މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ހަފްތާ ކުރިއަށްގެންދެވުނު ޝަރީއަތުގައި މިހާރުވެސް ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ލުތުފީ ފިލިކަމަށް އެއްބަސްވެ އަވަސް ނިޔާގައި މައްސަލަ ނިންމައިދިނުމަށް އެދިފައި ވާތީ މިއަދުގެ ޝަރީއަތުގައި އޭނާގެ މައްޗަށް ވަނީ ފިލި މައްސަލައިގައި ހުކުމްކޮށްފަ އެވެ.
މިއަދުގެ ޝަރީއަތުގައި ލުތުފީ ބުނީ އޭނާ އަކީ ބަލިމީހަކަށް ވެފައި ކުރީގެ ހުކުމަށް ބާކީ ދެއަހަރެއްހާ ދުވަސް އޮތުމާއިއެކު ގޭބަންދަށް ބަދަލުކޮށްދިނުމަށް ގާޒީގެ އަރިހުން އެދޭ ކަމަށެވެ. އެހެންނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒްވެ ބުނީ އޭނާގެ މައްޗަށް ބަންދުކުރާ މަރުކަޒަކުން ފިލި ކަމުގެ ދައުވާ އުފުލާފައި ވެސް މިވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދެވުނު ހުއްދައިގައި އޭނާ ފިލައިފައި ވާތީ ކަމަށެވެ. އެހެންކަމުން ޖަލު ނޫން އިތުރު ތަނެއްގައި ބަންދުކުރުމަށް ދައުލަތުން އިއުތުރާޒްވާ ކަމަށް ވަނީ ބުނެފަ އެވެ.
ގާޒީ ވިދާޅުވީ ފިލިކަމަށް އިއުތުރާފްވެފައި ވާތީ ހުކުމް ކުރަން ޖެހޭ އަސާސީ މިންގަނޑަށްވުރެ މަދުކުރަންޖެހޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ލުތުފީއަށް ހުކުމް އިއްވާފައި ވަނީ ކޯޓަށް ހާޒިރުކުރުވައިގެންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.
އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެހުކުމް ރައީސް މައުމޫން ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގަ އެވެ. އޭގެ ފަހުން ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނަމަވެސް އޭގެ ނުވަ އަހަރު ފަހުން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.
އެ މައްސަލަ އިދިކޮޅު ފަރާތްތަކުން ފެންމަތި ކުރުމުން ޕްރެޝަރު ބޮޑުވެ ފަހުން ސަރުކާރުން ވަނީ އޭނާ ރާއްޖެ ގެނެސް ޖަލަށް ލައިފަ އެވެ.