ނޮވެމްބަރު ތިނެއް

ޝަހީދުންގެ މަގްބަރާގެ އާބާތުރަ ފިލުވައިފި

Nov 1, 2021
2

ނޮވެންބަރު 3، 1988 ގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވާ މަގުބަރާގެ އާބާތުރަ ފިލުވާ އެ ސަރަހައްދު ރީތިކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ނޮވެމްބަރު 3 ގެ ޝަހީދުން ފަސްދާނުލާފައިވާ ތަން އެތައް އަހަރެއްވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ހަޑިވެ ވީރާނާވެފައިވާތީ އެތަން ސާފުކޮށް ރީތިކުރުމުގެ މަސައްކަތް އެ ކައުންސިލުން ކޮށްފައިވާ ކަމަށެވެ.

އެ ގޮތުން އެ ސަރަހައްދަށް ދޮންވެލިލާ އަދި ވަށައިގެެންވާ ފާރުގައި ކުލަ އައުކޮށްފައިވެއެވެ.

މީގެ 33 އަހަރު ކުރީން ހިނގި ހާދިސާގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވަނީ ހެންވޭރު ސަހަރާގައެވެ. އެ ސަރަހައްދު އޮންނަނީ ވަކިކޮށްފައި ނަމަވެސް މި ފަހުން އެ ސަރަހައްދު މާބޮޑަށް ބަލަހައްޓާފައެއް ނުވެއެވެ.

ސިޓީ ކައުންސިލުން މިއަދު އެތަން ސާފުކުރިއިރު ގައުފޮޅުގެ ބައެއް ވަނީ ހަލާކުވެފައެވެ. އަދި ކުލަފޮޅި މުޅި ސަރަހައްދުގެ ވެލިގަނޑު ވަނީ ކަޅުވެފައެވެ.

ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 18 ދިވެއްސަކު ޝަހީދުވިއެވެ.