ޕީޕީއެމް

އިދިކޮޅުގެ ހިނގާލުން ފަސްކޮށްފި

މިނިވަންކަމުގެ ދިފާއުގައި މާދަމާ އިދިކޮޅުން ބާއްވަން ނިންމި ސުލްހަވެރި ހިނގާލުން ފަސްކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވީ މާދަމާ ބެއްވުމަށް ހަމަޖެހިފައި އޮތް "މިނިވަންކަމުގެ ހިނގާލުން" ފަސްކުރީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. އަދި އެ ހިނގާލުން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ސިލްސިލާ ހަރަކާތްތަކެއް ވެސް ބާއްވަމުންނެވެ.

އިދިކޮޅުގެ އެއްވުންތަކުގައި ލީޑާޝިޕްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން މިހާރަކަށް އައިސް ބައިވެރިވާ މަންޒަރު ފެނެ އެވެ.

މީގެ ކުރިން ވެސް އިދިކޮޅުން ވަނީ ބޮޑެތި ހިނގާލުންތައް ބާއްފާ އެވެ. އެންމެ ފަހުން އިދިކޮޅުން އެއްވުމެއް ބާއްވާފައިވަނީ ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.