ނޮވެންބަރު 3، 1988 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލަލާ ގުޅިގެން މަރަން ހުކުމް ކުރި މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކޮށް އެ މީހުންގެ ހުކުމް ލުއި ކޮށް ދެއްވީ ކުރިމަތި ވެދާނެ އިތުރު ނުރައްކަލަކުން ސަލާމަތްވުމަށާއި އެއްވެސް މީހެއްގެ މަރުގެ އިލްޒާމް އިސްތަށިފުޅުގައި އެޅެން ބޭނުން ނުވާތީ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ނަސްރުގެ ދުވަހާއި ގުޅިގެން އަވަސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ. މިއީ ވޭތިވެދިޔަ 31 އަހަރުގެ ތެރޭގައި ނޮވެންބަރު ތިނަކާ ގުޅޭ ގޮތުން ރައީސް މައުމޫން ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއު އެވެ.
ރައީސް މައުމޫން ވިދާޅުވީ ޓެރަރިސްޓުންގެ މައްޗަށް ހިންގި ހުޅުވާލެވިފައިވާ ޝަރީއަތުގައި 16 މީހަކު މަރަން ހުކުމް ކުރި ކަމަށާ ނަމަވެސް އެ ހުކުމްތައް ތަންފީޒުކޮށް މަރުގެ އަދަބު ނުދިނީ އަހަރުތަކެއް ފަހުން ނަމަވެސް އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނާ ވަޑައިގަތުމަށް ފަހު ކަަމަށެވެ.
"އެ ފަހަރު ޝަރީއަތުން ނިންމެވީ ހަތަރު ދިވެހިންގެ [މައްޗަށް] މަރުގެ ހުުކުމް. އަދި 12 ބިދޭސީއަކަށް ވެސް މަރުގެ އަދަބު ދޭން. ޖުމްލަ 16 މީހުން މަރަން. އެކަމާ ދޭތެރޭ އަޅުގަނޑު ވަރަށް ވިސްނިން. އަދި އެފަހަރު ދިމާވީ ހުކުމް ކޮށްފައި، އެ ހުކުމް އަޅުގަނޑު ލުއި ކުރުމުގެ ކުރިން ރާއްޖެއިން ބޭރަށް ދާން ދިމާވި ދަތުރެއްގައި ދިޔަ ގައުމެއްގެ ވެރިއަކު އަރިހުގައި އެވާހަކަ އަޅުގަނޑު ދަންނަވާލީމަ ވިދާޅުވި ވަގުތުން އެމީހުން މަރާށޭ... ވަގުތުން އެމީހުން މަރާ ހުސް ކޮށްލާށޭ.." ރައީސް މައުމޫން ވިދާޅުވި އެވެ. "އެހެން ނަމަވެސް އަޅުގަނޑުމެންގެ ކަންތައްތައް ހުންނަނީ އެހެނެއް ނޫން. އަޅުގަނޑު ވިސްނީ ފަހަށް. އެއީ މިއަދު ކުރާ ކަމެއްގެ ނަތީޖާ މިއަދު ނުފެނި ހިނގައިދާނެ. އެކަމު މީގެ 10 އަހަރު ފަހުން 20 އަހަރު ފަހުން ފެނިދާނެ. އޭރުން ފެންނާނީ ކިހިނެތްތޯ؟ މިސާލެއް ދަންނަވަންޏާ، ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ދެވުނީ 1951 އަހަރު. [ރައީސް] މުހައްމަދު އަމީންގެ ވެރިކަމުގައި. އަދިވެސް މީހުން އެ ވާހަކަ ދައްކާ. އަދިވެސް ދައްކާ މިވެނި މީހަކު އެ އޮތީ [ރައީސް] މުހައްމަދު އަމީންގެ ވެރިކަމުގައި މަރާފައޭ،"
މަރުގެ ހުކުމެއް ކުރުމުން އެފަދަ ހުކުމެއް ލުއި ކުރުމަކީ އޭރަކު ގައުމުގައި ހުންނަވާ ވެރިއަަކަށް އޮތް އިޚްތިޔާރެއް ކަމަށް ވެސް އިންޓަވިއުގައި ރައީސް މައުމޫން ވިދާޅުވި އެވެ. މީހަކު މަރައިގެން ސަލާމަތެއް ނެތް ކަމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވަނީ މަރަން ހުކުމް ކުރި ބިދޭސީން މަރާ ނުލައި އަދަބު ލުއި ކޮށް ދެއްވީ އެމީހުންނާ ގުޅުންހުރި ބައެއްގެ ފަރާތުން އިތުރު ގެއްލުންތަކެއް ރާއްޖެއާއި ދިވެހި ރައްޔިތުންނަށް ވުމުގެ ފުރުސަތު ނުދޭން ވެގެން ކަމަށެވެ.
"ހަގީގަތުގައި އިސްލާމްދީނުގައި ވެސް ޙާކިމާއަށް އެބައޮތް އަދަބު ލުއި ކޮށްދިނުމުގެ އިޚްތިޔާރު. ގައުމުގެ މަސްލަހަތު ނިޔާ ކުރާ ގޮތަކަށް، ރައްޔިތުންގެ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތިން އެ ހުކުމް ލުއި ކުރުމަކީ ޙާކިމާއަށް ލިބިގެންވާ ހައްގެއް. އެހެންވީމަ އެ ހައްގުގެ ބޭނުން އަޅުގަނޑު ކުރީ. އަޅުގަނޑު ދުށް ގޮތުގައި އެންމެ ރަނގަޅު ގޮތަކީ މީހުން ނުމެރުން. މަރައިގެން ސަލާމަތެއް ނުވާނެ! އެއީ އަޅުގަނޑުމެން ހަތަރު ދިވެހިން މެރިނަމަ އެ ހަތަރު ދިވެހިންގެ އާއިލާގެ މީހުންނާ ދަރިންނާ، ދަރިންގެ ދަރިން މިއަދު ދުނިޔޭގައި ތިބޭނެ. [އެ މީހުން] ކީކޭތޯ ހީިކުރާނީ؟" މައުމޫން ވިދާޅުވި އެވެ.
"އަދި ބޭރު ބަޔަކު މެރިނަމަ އެ މީހުންގެ އާއިލާތަކާ، ދެންތިބި މީހުންނާ އަނެއްކާ ރާއްޖެއަށް ހަމަލާ ވެސް ދީފާނެ ދެއްތޯ؟ އެ ނުރައްކާތަކުން ސަލާމަތެއް ނުވެވޭނެ. އެހެންވީމަ މީހުން މަރައިގެން އެއީ ކަންކަން ހައްލު ކުރެވޭނެ ގޮތެއް ނޫން. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް ވިސްނާފަ ނިންމީ މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރަން. އެއީ އެއްވެސް މީހެއްގެ މަރުގެ އިލްޒާމް އަޅުގަނޑުގެ ބޮލުގައި އެޅޭކަށް އަޅުގަނޑު ބޭނުމެއް ނޫން،"
ހަގީގަތުގައި އިސްލާމްދީނުގައި ވެސް ހާކިމާއަށް އެބައޮތް އަދަބު ލުއި ކޮށްދިނުމުގެ އިޚްތިޔާރު. ގައުމުގެ މަސްލަހަތު ނިޔާކުރާ ގޮތަކަށް، ރައްޔިތުންގެ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތިން އެ ހުކުމް ލުއި ކުރުމަކީ ޙާކިމާއަށް ލިބިގެންވާ ހައްގެއް. އެހެންވީމަ އެ ހައްގުގެ ބޭނުން އަޅުގަނޑުކުރީ. އަޅުގަނޑު ދުށްގޮތުގައި އެންމެ ރަނގަޅު ގޮތަކީ މީހުން ނުމެރުން. މަރައިގެން ސަލާމަތެއް ނުވާނެ. އަޅުގަނޑުމެން ހަތަރު ދިވެހިން މެރި ނަމަ އެ ހަތަރު ދިވެހިންގެ އާއިލާގެ މީހުންނާ ދަރިންނާ، ދަރިންގެ ދަރިން މިއަދު ދުނިޔޭގައި ތިބޭނެ. ކީކޭތޯ ހީިކުރާނީ؟ އަދި ބޭރު ބަޔަކު މެރިނަމަ އެ މީހުންގެ އާއިލާތަކާ، ދެން ތިބި މީހުންނާ އަނެއްކާ ރާއްޖެއަށް ހަމަލާވެސް ދީފާނެ ދެއްތޯ؟ އެ ނުރައްކާތަކުން ސަލާމަތެއް ނުވެވޭނެ. އެހެންވީމަ މީހުން މަރައިގެން އެއީ ކަންކަން ހައްލު ކުރެވޭނެ ގޮތެއް ނޫން. އެހެންވީމަ އަޅުގަނޑު ވަރަށްބޮޑަށް ވިސްނާފަ އަޅުގަނޑު ނިންމީ މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރަން. އެއީ އެއްވެސް މީހެއްގެ މަރުގެ އިލްޒާމް އަޅުގަނޑުގެ ބޮލުގައި އެޅޭކަށް އަޅުގަނޑު ބޭނުމެއް ނޫން،މައުމޫން އަބްދުލްގައްޔޫމް | ކުރީގެ ރައީސުލްޖުމްހޫރިއްޔާ
ރައީސް މައުމޫން ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ދިވެހިންނަށް ނަސްރު ލިބުމަށް ވަރަށް ގިނަ ކަންކަން މެދުވެރިވި ކަމަށެވެ.
"އެ ބާޣީން ނުވަތަ އެ ޓެރަރިސްޓުން ރާއްޖެއަށް ހަމަލާ ދިންއިރު ހީކޮށްގެން ތިބީ އަޅުގަނޑު ރާއްޖޭގައި ނުހުންނާނެ ކަމަށް. އެއީ އޭގެ ކުރިން އެއްބަސްވެފައި އޮތީ އަޅުގަނޑު ރަސްމީ ޒިޔާރަތެއްގައި އިންޑިއާއަށް ދިއުމަށް، ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު. އެމީހުން [ޓެރަރިސްޓުން] ފުރީ އޭގެ ކުރިން، އެމީހުން ކަނޑުމަތީގައި ވަނިކޮށް ވީގޮތަކީ އަޅުގަނޑަށް ދިމާވި އުޒުރަކާ ހުރެ އަޅުގަނޑު އޭރު އިންޑިއާގެ ބޮޑުވަޒީރަކަށް ހުންނެވި ރަޖީވް ގާދީއަށް ފޯނު ކޮށްފައި ދަންނަވާލީ އަޅުގަނޑަށް ދިމާވި ކުޑަކުޑަ އުޒުރަކާ ހުރެ މި ދަތުރު ތަންކޮޅެއް ލަސް ކޮށްލެއް ވިޔަސް އެންމެ ރަނގަޅުތޯއޭ! އެމަނިކުފާނު ވިދާޅުވީ އެންމެ ރަނގަޅޭ، އެހެންވީމަ އެ ދަތުރު ކެންސަލްވިކަން ރާއްޖެ އައި މީހުންނަކަށް ނޭނގޭ! އެހެންވީމަ އެ މީހުން ހީކޮށްގެން ތިބީ އަޅުގަނޑު ރާއްޖޭގައި ނެތް ކަމަށް."
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހުންނެވިކަން ޓެރަރިސްޓުންނަށް އެނގުނުނަމަ އެމަނިކުފާނު ހުރިތާކުން ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ވެސް އެ ދުވަހު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ދުވަހު ތީމުގެއަށް ހަމަލާދިން ނަމަވެސް އެއީ އެމަނިކުފާނު އުޅުއްވާނެ ކަމަށް ބަލައިގެންދިން ހަމަލާއެއް ނޫން ކަމަށެވެ.
އަޅުގަނޑު ރާއްޖޭގައި ހުރިކަން އެނގުނު ނަމަ ދުލެއް ނުކުރީސް. އަޅުގަނޑު ހުރިތާކުން ހޯދާނެ. އެމީހުން އައީ އަޅުގަނޑުގެ ވެރިކަން ބަދަލު ކޮށްލަން. އެހެންވީމަ މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން އެ މީހުންނަށް އެކަން އެނގިފައި ނެތުމުން އަޅުގަނޑު ފަހާ ދުވާކަށް، ހުރި ތަނެއް ހޯދާކަށް އެހާ ވަރަކަށް މަސައްކަތެއް ނުކުރޭ. ތެދުފުޅެއް ތީމުގެއަށް ހަމަލާތަކެއް ދިން. އެހެން ނަމަވެސް އަޅުގަނޑު ތީމުގޭގައި ހުރިކަން ނުވަތަ އެތާ ކައިރި ގެއެއްގައި ހުރިކަން އެނގުނު ނަމަ ހުއްޓައެއް ނުލީސް ދެއްތޯ. އެހެންވީމަ އެ ގޮތުން ވެސް ލިބުނު ވަރަށް ބޮޑު ރަހުމަތެއް އެއީ.މައުމޫން އަބްދުލްގައްޔޫމް | ކުރީގެ ރައީސުލްޖުމްހޫރިއްޔާ
އެމަނިކުފާނު ވިދާޅުވީ ޓެރަރިސްޓުން ހަމަލަދޭން ބޭނުންކުރި އެތައް ހަތިޔާރެއް ނުގޮވާ ހުރި ކަމަށާ އެއީ މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ރާއްޖެއަށް ނަސްރު ލިބެން މެދުވެރިވީ މުހިންމު ސަބަބެއް ކަމަށެވެ. އެ ހަމަލާތަކުން ގައުމާއި ރައްޔިތުން ދިފާއު ކުރުމަށް ސިފައިންނާ، އަދި އާންމުންގެ އިތުރުން ބޭރު ގައުމުތަކުން ވެދިން އެހީތެރިކަން ވެސް ރައީސް މައުމޫން ފާހަގަ ކުރައްވަ އެވެ.
ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލައި ރާއްޖެ ހިފަން ދިން ހަމަލާއަށް މިއަދު 31 އަހަރު ފުރުނީ އެވެ. ހަނގުރާމައިގެ ތަމްރީނު ހަދާފައިވާ ފުރިހަމަ ލަސްކަރެއް ޒަމާނީ ހަތިޔާރާއެކު ރާއްޖެ އަރައި 19 ދިވެއްސަކު ޝާހީދުކޮށް އެތައް ބަޔަކު ޒަހަމްކުރި ހަމަލާއަށް ކިތަންމެ އަހަރެއް ވިޔަސް އެއީ ދިވެހިންގެ ހަނދާނުން ފިލައިގެންދާނެ ދުވަހެއް ނޫނެވެ. އަދަދު ނުކުރެވޭނެ މާލީ އަދި މާއްދީ ގެއްލުން ލިބުނު އެ ހާދިސާގެ ސަބަބުން ދިވެހިންގެ ހިތުގައި އުފެދިފައިވާ އެ ރުޅިވެރި ކަމާއި ނަފުރަތުގެ އަލިފާން ދުވަހަކު ވެސް ނިއްވައެއް ނުލެވޭނެ އެވެ.
ނޮވެމްބަރު ތިނެއްގައި ދިވެހިންނަށް ލިބުނު ފަތަހައިގެ ސަބަބުން މިއަދު ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު އެކަމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި ގިނަ ދިވެހިން ވެސް ވަނީ މިނިވަންވެފަ އެވެ. އަދި އެންމެ އިސް ލީޑަރު ބާޣީ އަބްދުﷲ ލުތުފީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި "ފިލުވުމުން" ދެން ނުހޯދޭހާ ދުރަށް ގޮސް ގެއްލިފައި ވަނިކޮށް މިދިއަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންްކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލުތުފީއަށް މަޖުބޫރުވެގެން ދިވެހި އެމްބަސީއަށް ވަނުމުން އެތަނުގައި ބަހައްޓައި ގެން ގުޅެނިކޮށް ފަޅާ އެރުމުން މިހާރު ވަނީ ރާއްޖެ ގެނެސް ޖަލުގައި ބަންދު ކޮށްފަ އެވެ.