ރައީސް އަބްދުﷲ ޔާމީން

ނަސްރުގެ ދުވަހާ ގުޅުވާ މައުމޫނަށް ޔާމީންގެ ބަހުގެ ހަމަލާ

ދިވެހީންގެ ފަހުރުވެރި ނަސްރުގެ ދުވަހުގެ ހާއްސަކަން މި ސަރުކާރުން ކަނޑުވާލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ފާޑުވިދާޅުވުމުން އެމަނިކުފާނުގެ ބޭބޭފުޅު އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަމާޒު ކުރައްވައިފި އެވެ.

ނަސްރުގެ ދުވަހަކީ މީގެ 33 އަހަރު ކުރީން ނޮވެންބަރު 3، 1988 ގައި ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން ބޭރުގެ ކުލީ ސިފައިންނާއެކު ރާއްޖެ އަރާ އޭރު އޮތް ގާނޫނީ ސަރުކާރު ބަދަލު ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެ ދިވެހީންނަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމުގެ ދުވަހެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ހިނގާދިޔަ އެ ހާދިސާއަށް ކޮންމެ އަހަރަކު ވެސް ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރެއެވެ.

ނަމަވެސް މި އަހަރުގެ ނަސްރުގެ ދުވަހު ދައުލަތުގެ ޓީވީން ނިންމީ އެ ދުވަހަށް ހާއްސަކޮށް އެއްވެސް ޕްރަގްރާމެއް ނުގެންނާށެވެ. އެކަން އާންމުންނަށް ފާހަގަކުރެވި ވަރަށް ބޮޑަށް ފާޑުކިޔުމުން ދައުލަތުގެ މީޑިއާ ހިންގަން ސަރުކާރުން ލައްވާފައިވާ ބޭފުޅުން ވަނީ ނަސްރުގެ ދުވަހަކީ "ބީ ކެޓަގަރީ" ދުވަހެއް ކަމަށް ވިދާޅުވެ ދިވެހީން އިތުރަށް ރުޅިއަރުވާލާފަ އެވެ. 

ރޭ އޮތް އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅަށް ނިސްބަތްވާ ގޮތަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަން ދިފާއުވި ދުވަސް ވެސް ފާހަގަކުރައްވަން މިހާރު އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ. މައުމޫން އެ ދުވަސް ފާހަގަ ނުކުރައްވާނަމަ އެހެން ބަޔަކު އެ ދުވަސް ފާހަގަ ކުރަނީ ކީއްކުރަންތޯ ވެސް ސުވާލު ކުރެއްވިއެވެ.

"މިހާރު އައްޑިހައަށަކާ ހަމައިން ނުވަދިހަ ނުވައެއް އެއީ ހަނދާންކުރާ ދުވަހަކަށް ނުވޭ. އަޅުގަނޑެއްވެސް ނެތިން ދެން އެ ދުވަސް ފާހަގަ ކުރާކަށް. އެ ދުވަހު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވީ އަޅުގަނޑުގެ ބޭބެ. ރައީސް މައުމޫނަކަށް އެއީ މިއަދު ކަމެއް ނޫން، މައްސަލައެއް ނޫން. އެހެންވީމަ ކީއްކުރަން އަޅުގަނޑުމެން ނުކުމެ އެ ދުވަސް ފާހަގަކުރަންވީ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު އެފަދައިން ވިދާޅުވި ނަމަވެސް ފުރާނައިން ގުރުބާނި ދިވެހިން ސިފައިންގެ ހަނދާން އަބަދު ވެސް އާ ކުރައްވާނެ ކަމަށެވެ. އަދި ނަސްރުގެ ދުވަހުގެ ބަތަލު ހުސައިން އާދަމަށް އިޝާރާތް ކުރައްވާ އެއީ ގައުމީ ބަތަލެއް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގައި ތިއްބެވި ކަަމަށް ބުނާ ވަތަނީ ލީޑަރުން ނަސްރުގެ ދުވަހާމެދު މިހާ ބޮޑަށް އިހުމާލުވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދުވަސް ފާހަގަ ނުކުރިޔަސް ހެޔޮ ކަމަށް ވިދާޅުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.