ހަބަރު

ރިލްވާން ހޯދަން ހިންގާ އޮޕަރޭޝަނަކީ ހަރަދު ބޮޑުކަމެއް: ފުލުހުން

Aug 16, 2015
2

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގަކީ މިހާތަނަށް އެންމެ ގިނަ ވަސީލަތްތައް ބޭނުންކޮށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ މަސައްކަތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސެން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާން ގެއްލުމާ ގުޅޭ ތަހުގީގު މައުލޫމާތު ސާފު ކުރުމަށް ފުލުހުންނާ ބައްދަލު ކުރި މީޑިއާ ކައުންސިލްގެ ބޭފުޅުންނާ ބައްދަލު ކުރައްވާ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ވިދާޅުވީ ވަކި ބަޔަކު އެ މައްސަލަ ސިޔާސީ ކޮށް އެކި ގޮތްގޮތަށް ވާހަކަ ދެއްކި ނަމަވެސް ފުލުުހުން އެ މައްސަލައިގައި ކުރާ ތަހުގީގަކީ އިހުލާސްތެރި މަސައްކަތެއް ކަމަށެވެ. އަދި ރިލްވާން ހޯދުމުގެ މަސައްކަތް ކާމިޔާބު ކުރުން އެންމެ މުހިންމީ ފުލުހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އެކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމީ ހިތާމަ ކުރަން،" ކޮމިޝަނަރު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ރިލްވާން ހޯދުމަށާއި އޭނާއަށް ވީގޮތް ބެލުމަށް ފުލުހުން ކުރަމުންދާ ތަހުގީގުގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ. މިގޮތުން ކުރިން ލިބިފައިހުރި މައުލޫމާތުތައް އަލުން ރިވިއުކޮށް، ލިބިފައިވާ ވީޑިއޯ ފުޓޭޖްތައް އިތުރަށް ދިރާސާކޮށް، އެއްވެސްކަހަލަ މަޢުލޫމާތެއް މިކަމާ ގުޅިގެން ލިބިފައިވާނަމަ އެ މަޢުލޫމާތަކާ ގުޅިގެން ބަލަންޖެހޭ އެހެނިހެން ކަންކަން މިހާރުވެސް ބަލަމުން އަންނަ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު ހަސަން ހަބީބު ވިދާޅުވީ ރިލްވާން މައްސަލައަކީ ފުލުހުންގެ ގިނަ ގުނަ ވަޞީލަތަތްކެއް ބޭނުން ކުރި މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ޓަކައި ކޮށްފައިވާ މަސައްކަތްތައް ރައްޔިތުންނަށް ހާމަކޮށްދެމުން ދިޔަ ކަމަށެވެ. ހަބީބު ވިދާޅުވި ގޮތުގައި ތަހުގީގަށް ޓަކައި ހާމަކުރެވެން ނެތް މަދު މައުލޫމާތެއް ފިޔަވައި ފުލުހުންނަށް ލިބުނު މައުލޫމާތެއް ވަނީ އާންމު ކުރެވިފަ އެވެ.

"ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރަމުންދާ މަސައްކަތާއި އޭނާ ގެއްލުނު މައްސަލައިގެ ތަޙުޤީޤަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ޚަރަދު ބޮޑު އަދި ފުލުހުންގެ ގިނަ ގުނަ ވަޞީލަތަތްކެއް ބޭނުން ކުރެވުނު މައްސަލައެއް ،" ކޮމިޝަނަރު ވިދާޅުވި އެވެ.

މައްސަލަ ތަހުގީގު ކުރާ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙު ވިދާޅުވީ ރިލްވާންގެ އާއިލާއާ ބަރާބަރަށް މައުލޫމާތު ހިއްސާ ކުރަމުން އަންނަ ކަމަށެވެ. ސަތީހު ވިދާޅުވީ އާއިލާއިން ވެސް އެކަމުގެ އެއްބާރުލުން ދޭ ކަމަށާއި އާއިލާގެ އެހީތެރިކަމާ އެކު އެ ތަހުގީގުގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ވެސް ރިލްވާން، ދުނިޔޭގައި ނެތް ކަމުގެ އެއްވެސް ހެއްކެއް ނުލިބޭކަން ސަތީހު ފާހަގަ ކުރެއްވި އެވެ.