ހަބަރު

އައިޖީއެމްއެޗްއާ މެދު ހުރި ޝަކުވާތައް މަދުވެއްޖެ: ރައީސް

Aug 16, 2015

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އާ މެދު ހުރި ޝަކުވާތައް މިހާރު މަދުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލެ ހެލްތް ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އައިޖީއެމްއެޗްގެ މެނޭޖްމަންޓުން ގެނައި އެކި ބަދަލުތަކާ އެކު މީހުން ތޮއްޖެހުމުގެ މައްސަލަ އާއި އެހެން ވެސް ރައްޔިތުންގެ ޝަކުވާތަކަށް މިހާރު ހައްލު ހޯދާދެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ކަމެއް މިނިސްޓަރު ބެއްލެވުމުގެ ބަދަލުގައި ގަވަނިން ބޯޑެއްގެ ދަށުން އައިޖީއެމްއެޗް ތިން ޑިޕާޓްމަންޓަކުން ހިންގަން ފެށުމުން ރަނގަޅު ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ނަމަވެސް އައިޖީއެމްއެޗްގައި އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް ޔަގީން މިހެން ބުނީ މަވެސް މިކަމަށް ފާޑު ކިޔާ ލިޔާނެކަން. ހުރިހާ ކަމެއް ރަނގަޅެއް ނުވާނެ. އެކަމަކު ގިނަ ކަންކަން ރަނގަޅު ވެއްޖެ. ޝަކުވާ މަދުވެއްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޓާޝަރީ ހޮސްޕިޓަލަކަށް އެންމެ މުހިންމު ކަމަކީ ޑައިގްނޯސްޓިކް ހިދުމަތްތައް ފުރިހަމަ ވެފައި ހުރުން ކަމަށެވެ. އައިޖީއެމްއެޗަށް ވެސް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ދިވެހިން ބޭރަށް ދަތުރު ކުރަން ޖެހެނީ ވެސް ބަލިތައް ދެނެގަތުމުގެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި ފެންވަރު ރަނގަޅު ޑައިގްނޯސްޓިކް ހިދުމަތެއް ގާއިމް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އައިޖީއެމްއެޗްގެ ކަންކަން ރަނގަޅު ކުރުމަށް ވެސް އަޅުގަނޑުމެން ދާނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އަތޮޅުތަކަށް ސިއްހީ ހިދުމަތް ފުޅާކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކަށް ބައްލަވާ ލައްވަމުން ރައީސް ވިދާޅުވީ ކޮންމެ ރަށެއްގައި ހުރިހާ ސްޕެޝަލިސްޓުންގެ ހިދުމަތް ގާއިމް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސްޕެސަލިސްޓް ޑޮކްޓަރުން އަތޮޅުތަކަށް ދަތުރުކޮށްގެން 3200 މީހަކު މިހާތަނަށް ބަލައި ފަރުވާ ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޓެލެމެޑިސިންގެ ހިދުމަތް ފުޅާކުރުމަށް ވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސީއެމްބިއުލޭންސްގެ ހިދުމަތް ވެސް މިހާރު 20 އަތޮޅެއްގައި ދެމުން އަންނަ ކަމަށެވެ. އަދި މާލެ ވިލިމާލެއާ ދެމެދު އެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވިލިމާލެ މިސްކިތުގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް ވެސް މާ ލަސްނުވެ ނިމި އޭގެ ފަސޭހަ ރައްޔިތުންނަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.