ލައިފްސްޓައިލް

ޖަޕާން ކުންފުނިތަކުގެ އަންހެނުން އައިނު އެޅުން މަނާ!

ޖަޕާނުގެ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން އައިނު އެޅުން މަނާ ކުރަން ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަރަށް ނުރުހުން ފާޅު ކުރަމުން އެބަދެ އެވެ.

ޖަޕާން މީޑިއާ އިން ހުކުރު ދުވަހު ބުނި ގޮތުގައި އެ ގައުމުގެ ކުންފުނިތަކުން އެ ކުންފުނިތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން މަސައްކަތު ގަޑީގައި އައިނު އެޅުން މަނާ ކުރަނީ ތަފާތު ސަބަބުތަކާ ހުރެ ކަމަށް ބީބީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އައިނު އެޅުން މަނާ ކުރަން ޖެހޭ ފުރަތަމަ ސަބަބެއް ކަމަށް އެ ކުންފުނިތަކުން ބުނަނީ ރީޓެއިލް ވިޔަފާރި ކުރާ ތަންތަނުގައި މަސައްކަތްކުރާ އަންހެނުން އައިނު އަޅައިގެން ތިބޭއިރު ފޫހި ގޮތަކަށް ތިބޭ ގޮތަކަށް ފެންނާތީ އެވެ.
މިގޮތަށް އައިނު އެޅުން މަނާ ކުރަން ނިންމަނީ ކުންފުނިތަކުގެ ޕޮލިސީގެ ދަށުން ކަމެއް ނުވަތަ މީހުން ހިތްހަމަނުޖެހޭ ގޮތްތަކެއް ހުންނާތީ އެކަން ކުރަނީ ކަމެއް ސާފެއް ނުވެ އެވެ.

ކޮންމެއަކަސް މިކަން އިއުލާން ކުރުމާއެކު ސޯޝަލް މީޑިއާގައި މިކަމާ ދެކޮޅަށް ނަފްރަތުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އަދި އެކި މީހުންގެ މެދުގައި މި މައްސަލައިގައި ހޫނު ބަހުސްތައް ވެސް ކުރެވެމުން އެބަދެ އެވެ.

"އައިނު މުޅިން މަނާ" ހޭޝްޓެގްގެ ދަށުގައި ތަފާތު ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައި މި ބަހުސްތައް ކުރިޔަށް ދާއިރު އެއް ބަޔަކު ބުނަނީ މިހާ ހެއްވާ ކަމެއް އަދި ދުވަހަކު ވެސް ފެނިފައި ނުވާ ކަމަށެވެ.

"އަހަރެންނަކީ އައިނު ނާޅާނަމަ ދެ ލޯ އަނދިރިމީހެކޭ އެއްފަދަ މީހެއް. ކޮމްޕިއުޓަރު ސްކްރީން ވެސް ނުފެންނާނެ އައިނާ ނުލައެއް. ދެން ކިހިނެއް މަސައްކަތް ކުރާނީ،" ރުޅި އައިސްގެން ކޮމެންޓްކުރި މީހަކު ބުނެފައި ވެއެވެ.

އެހެން މީހަކު ބުނި ގޮތުގައި އެންމެ ކުރި އަރާފައިވާ ޖަޕާނު މިހާރު 17 ވަނަ ގަރުނާ ހަމައަށް ފަހަތަށް ސޮއްސާލައިފި ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ މަސައްކަތްކުރާ ތަނާ ގުޅުން ހުރި މައްސަލައެއްގައި ޖަޕާނު މީހުން ވަރަށް ރުޅިގަދަ ވެގެން އުޅެފައި ވެއެވެ. މިދިޔަ ޖުލައި މަހު ޖަޕާނުގެ ބައެއް ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހައި ހީލްސްއަށް އެރުން މަޖުބޫރު ކޮށްފަ އެވެ.

މިއާ ގުޅިގެން ވަރަށް ގިނަ ބަޔަކު ޕެޓިޝަން ހަދައި ލޭބާ މިނިސްޓްރީއަށް ހުށަހެޅުމުން ޖަޕާންގެ ލޭބާ މިނިސްޓަރު ވަނީ ހައި ހީލްސްއަށް އެރުމަށް ނެރުނު ގަވާއިދަށް ތާއީދު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ވަޒީފާގައި އުޅޭއިރު އެންމެން ވެސް ތިބެން ޖެހޭނީ ހައި ހީލްސްގައި ކަމަށް އޭނާއަށް ވެސް ގަބޫލު ކުރެއްވޭ ކަމަށެވެ. އެހެންކަމުން މިފަހަރު ވެސް ޕެޓިޝަނެއް ފަދަ ކަމަކުން މި ނިންމުން ބަދަލު ކުރާނެ ކަމަކަށް ނުބެލެވެ އެވެ.