ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރު ކޯލިޝަންގެ ގުޅުމަށް ރެކޯޑެއް!

Nov 17, 2019
9

ރާއްޖެ، ޑިމޮކްރަސީގެ މަގަށް ދަތުރު ކުރި ފަހުން އިންތިހާބުތަކުގައި ދައްކަމުން އަންނަނީ އެއް ފޯމިއުލާއަކުން އެއް ނަތީޖާ ނެރޭ މަންޒަރެވެ. ގިނަ ޕާޓީތައް އެކުލެވޭ މި ނިޒާމުގައި ރަނގަޅަށް ފައި ހަރުލީ ޕާޓީތައް ގުޅިގެން ކޯލިޝަނުން ނޫނީ އިންތިހާބެއް ކާމިޔާބު ނުވެވޭނެ ކަމުގެ ފިލާވަޅާއެކުގަ އެވެ. ދެހާސް އަށް ވަނަ އަހަރާއި 2013 އަދި 2018 ގެ ރިޔާސީ އިންތިހާބުގައި ވެސް ސަރުކާރެއް ގާއިމް ވީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނެއް ހަދައިގެނެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިންމުމަށް ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމާއި ޑރ. ހަސަން ސައީދާއި ޑރ. މުހައްމަދު ޖަމީލާއި ޑރ. އަހުމަދު ޝަހީދާއި އުމަރު ނަސީރުގެ އައިޑީޕީ އަދި އަދާލަތު ޕާޓީއާ އެކުވެ ވަރުގަދަ ކޯލިޝަން އުފައްދައިގެން ނިކުތެވެ. އެއީ "ވަތަން އެދޭ ގޮތަށް" ހެދި ފުރަތަމަ ކޯލިޝަނެވެ. ނަމަވެސް ކޯލިޝަން ނިމިގެން ދިޔައީ ވަތަން އެންމެ އެދުނު ގޮތާ ހިލާފަށެވެ. ސަރުކާރަށް މަހެއް ނުފުރެނީސް 23 ދުވަސް ތެރޭގައި މައްސަލަ ބޮޑުވެ ޖޭޕީ ކޯލިޝަނުން ވަކިވި އެވެ. ސަރުކާރަށް އަހަރު ދުވަސްވި އިރު އެމްޑީޕީއާއެކު ސަރުކާރު ގެންނަން ކޯލިޝަން ހެދި ޖޭޕީ އާއި ހަސަން ސައީދު ވަނީ ސަރުކާރުން ވަކިވެފަ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އަދާލަތު ޕާޓީ ވެސް ސަރުކާރާ ދެކޮޅުވެ، ކޯލިޝަން ރޫޅިއްޖެ އެވެ.

ޖެހިގެން އައި އިންތިހާބުގައި ވެސް ދެވަަނަ ބުރާ ހަމަޔަށް ދިޔަ އިރު ކޯލިޝަނެއް ހެދުމުގެ ބޭނުން އޮތީ ޖެހިފަ އެވެ. މިފަހަރު ކޯލިޝަން ހެދީ އެމްޑީޕީއާ ދެކޮޅަށެވެ. ރައީސް މައުމޫން ހިމެނޭ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކޯލިޝަން ހަދާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އެވެ.

ނަތީޖާ ނުކުތީ ހަމަ އެއް ގޮތަކަށެވެ. ކޯލިޝަން ސަރުކާރަށް ހަ މަސް ފުރުމުގެ ކުރިން 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އިއުލާން ކުރެއްވީ ޖޭޕީ ކޯލިޝަން އިން ވަކިކޮށްފައިވާ ކަމަށެވެ.

އެފަަހަރު މައްސަލަ ޖެހުނީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމުންނެވެ. ތަފާތު މައްސަލައެއް ނަމަވެސް ނަތީޖާއަކަށްވީ ޖޭޕީ ސަރުކާރާ ވަކިވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އަދާލަތު ޕާޓީން ވެސް ކޯލިޝަނާ ވަކިވެއްޖެކަން އިއުލާން ކުރުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިހާރު މި އޮތް ކޯލިޝަން އުފެދިގެން އައީ އެހެން ފަހަރުތަކާ ހިލާފަށް ތަފާތު ކޮށެވެ. މީގެ ކުރިން ކޯލިޝަން ހަދާފައި ވަނީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ވަކި ޕާޓީއެއް ބަލި ކުރަން އިތުރު ގޮތެއް ނެތިގެނެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނަން ވެއްޖެ ކަން މާ ކުރިން ނިންމައި ރިޔާސީ އިންތިހާބުގެ މާ ކުރިން ޕާޓީތައް ގުޅިގެން މަޝްވަރާތައް ފެށި އެވެ. އެއަށް ފަހު ޕާޓިތައް ކުރިޔަށް ދާނެ ގޮތްތަކެއް ކަނޑައަޅާ މިއަދު މި އޮތް ސަރުކާރު އެކުލަވާލައި ކޯލިޝަން ފޯމިއުލާ ޖަހައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.

ކޯލިޝަނަށް އެއް އަހަރު، ހާލަކީ ކޮބާ؟

މީގެ އެއް އަހަރު ކުރިން މިއަދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ: "ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު އެންމެ ހިނދުކޮޅަކަށް ވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް މިކަން އަބަދު ވެސް އަޅުގަނޑު ހަނދާނުގައި ބަހައްޓާނަން،"

ރައީސް ސޯލިހު ވިދާޅުވި ގޮތަށް މިއަދާ ހަމަޔަށް އައިއިރު ވެސް ސަރުކާރު އޮތީ ހަތަރު ޕާޓީއާއެކު ކޯލިޝަނެއްގެ ތެރޭގަ އެވެ. މިހާތަނަށް އެއްވެސް ޕާޓީއެއް ސަރުކާރު ކޯލިޝަން އިން ވަކިކޮށްފައިވާ ކަމެއް ނުވަތަ ކޯލިޝަން އިން ވަކިވެފައިވާ ކަން ޕާޓީއަކުން ވެސް އިއުލާން ކޮށްފައެއް ނެތެވެ. އެހެންކަމުން މިދިޔަ ދެ ސަރުކާރު ތެރޭގައި ހިނގި ގޮތާ ހިލާފަށް އެންމެ ގިނަ ދުވަހު ކޯލިޝަން ރޫޅުނަ ނުދީ ހިފަހައްޓާލެވުނު ސަރުކާރަށް ރައީސް ސޯލިހުގެ ސަރުކާރު ވެގެންދާނެ އެވެ.

އެހެން ނަމަވެސް މިހާތަނަށް އައިއިރު ކޯލިޝަން އޮތީ އެންމެ ވަރުގަދަކޮށް، ބަދަހި ކަމާއެކުގައޭ ބުނެވޭކަށް ނެތެވެ. އެއީ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޖޭޕީ ދެމެދު މައްސަލަ ޖެހި އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެ މައްސަލަތަކާ ހެދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީ އިދިކޮޅު ފަރާތްތަކާއެކު ވެސް ކޯލިޝަން ހަދައިގެން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ސަރުކާރު ކޯލިޝަން އިން ވަކި ނުވާ ކަމަށް ރައީސް ސޯލިހު ވެސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ތަަކުރާރުކޮށް ވިދާޅުވަމުން ގެންދަވަ އެވެ.

"އެއްވެސް ބޭފުޅަކު ހީނުކުރައްވާތި މިއީ އަޅުގަނޑުމެންގެ ޕާޓީ ކޯލިޝަނުން ބޭރުވުމަށްޓަކައި ކުރާ ކަމެއް ކަން، ނޫން އެހެނެއް ނޫން. މިއަދުގެ ސަރުކާރުން ރާއްޖޭގެ ގާނޫނުއަސާސީއާއި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައިގެން ކުރިޔަށް ދާނަމަ ސޯލިހާއެކު ކުރިޔަށް ދާނަން،" ޖުމްހޫރީ ޕާޓީއަށް ޕީޕީއެމްގެ މެންބަރުން ވައްދަން ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވި އެވެ.

ސަރުކާރު އުފެދިގެން އައިއިރު ނިންމާފައި ވަނީ މަހަކު އެއް ފަހަރު ހަތަރު ލީޑަރުން ބައްދަލުވެ މަޝްވަރާ ކުރުމަށެވެ. އެހެން ނަމަވެސް އެ މަޝްވަރާތައް ހިނގާފައި ވަނީ ދެ ފަހަރަކު އެވެ. އޭގެ ފަހުން މަޝްވަރާތައް ވަނީ ހުއްޓިފަ އެވެ. އަދި ލީޑަރުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ބުނެ ރައީސް ސޯލިހު ތަފާތު ތާރީހުތަކެއް ދިން ނަމަވެސް އެއިން އެއްވެސް ދުވަހަކު ބައްދަލުވެފަ އެއް ނެތެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވާ ގޮތުން ހަތަރު ލީޑަރުން އެކީ ބައްދަލު ނުވި ކަމުގައިވީ ނަމަވެސް ހުރިހާ ލީޑަރުންނާއި އެމަނިކުފާނާ ބަރާބަރަށް މަޝްވަރާ ކުރައްވަ އެވެ.

ސަރުކާރަށް އެއް އަހަރު ފުރޭ އިރު ކޯލިޝަން ގުޅިފައި އޮތް ނަމަވެސް އެ ގުޅުމޭ މެދު އިތުރު ސުވާލުތަކެއް އުފެދޭ ދުވަސްތަކެއް އަނެއްކާވެސް އެބައާދެ އެވެ. އެއީ ލޯކަލް ކަައުންސިލް އިންތިހާބެވެ. ސަރުކާރު އުފެދުމުގެ ކުރިން ޕާޓީތަކުން އެކުލަވައިލި އެއްބަސްވުމުގައިވާ ގޮތުން އެ އިންތިހާބުގައި ވެސް ޕާޓީތައް ގުޅިގެން ވާދަ ކުރާނެ އެވެ. އެހެން ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް މަޖިލިސް އިންތިހާބުގައި ވެސް އަމަލު ކުރުމަށް ފަހު ކުރިޔަށް އޮތް އިންތިހާބުގައި ވާނެ ގޮތަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެންމެ ބޮޑު ސުވާލަކީ ފަސް އަހަރުވާ އިރު ކޯލިޝަން ދެމި އޮންނާނެ ހެއްޔެވެ؟ ގައިމުވެސް އަހަރުވީ އިރު އެންމެ ރަނގަޅެވެ.