ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުންހެން ހިފާ ހައްޔަރު ކުރި އެވެ. ރައީސް މުހައްމަދު ނަޝީދާއި، ގާސިމް އިބްރާހިމް، އިމްރާން އަބްދުﷲ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކޮށް ޖަލުގައި ބަންދު ކުރި އެވެ. ބައެއް ލީޑަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލާ ދިގު މުއްދަތުގެ ޖަލު ހުކުމްތައް ކޮށްފައި ވެއެވެ. އޭގެ އިތުުރުން ވެސް ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެން ބޭފުޅުންނާއި، ރައީސް ޔާމީންގެ ނާއިބު ރައީސާ، މަޖިލީހުގެ އެތައް މެންބަރުންނެއް ވެސް ފަހުން ތިބައްވަން ޖެހިވަޑައިގަތީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. ނޫނީ ގައުމުން ބޭރުގައި އަރުވާލެވިގެނެވެ.
މީގެ އިތުުރުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ރައްޔިތުންނަށް ގާނޫނުތަކުން ލިބިދިން އެތައް ހައްގުތަކެއް ހިފެހެއްޓޭ ގޮތަށް ގާނޫނުތަކަށް ވެސް ބަދަލު ގެނައެވެ. އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސްތައް ކުރިމަތި ކުރިވިއެވެ. އަބުރުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ހަދާ، މީޑީއާތަކަށް ބޮޑެތި އަދަބުތައް ދެމުންދިޔަ އެވެ. އަދި ސޯޝަލް މީޑިއާއާއި އެނޫން ވަސީލަތްތައް ބޭނުން ކޮށްގެން ސަރުކާރަށް ފާޑުކިޔަމުންދިޔަ އެތައް ބަޔަކު ހައްޔަރުކޮށް ޖަލަށް ލެވުނެވެ.
މި ހުރިހާ ކަމަކާއެކު ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެ، ޚިޔާނާތުގެ ބޮޑެތި ތުހުމަތަކެއް ވެސް ކުރެވެން ފެށިއެވެ. އެ ތުހުމަތުތައް ކުރެވެމުން ދަނިކޮށް އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ކަންކަންް ފަޅާއެރި އެވެ. އަދި ސަރުކާރުން އެކަމަށް އެއްބަސްވި އެވެ. އަދި މިއީ މިހާތަނަށް ސަރުކާރުގެ ތެރޭގައި ހިނގާދިޔަ ޚިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމަށް ސަރުކާރުން ވެސް އިއުތިރާފުވި އެވެ.
މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެގެން އައިއިރު އޭރު އޮތް ސަރުކާރާމެދު ހުރި ބޮޑެތި ކަންބޮޑުވުންތަކެވެ. އިންތިޚާބަށްފަހު އަލަށް ސަރުކާރާ ހަވާލުވެ ވަޑައިގަންނަވާ ބޭފުޅަކު ހައްލު ކުރައްވަން ޖެހިވަޑައިގެންފައިހުރި ބޮޑެތި މައްސަލަތަކެވެ.
ރިޔާސީ އިންތިޚާބުގައި މިހާރު ރައީސް އަދި އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބުގެ ކެންޕެއިންގައި އެންމެ ބޮޑަށް ވައުދުވެ ވަޑައިގެންނެވީ ގައުމަށް ކުރިމަތިވެފައިވާ އެ މައްސަލަތަކުން ގައުމު ސަލާމަތްކު ރެއްވުމުގެ ވައުދެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނު ވަޑައިގެންނެވި އެވެ. ސިޔާސީ ލީޑަރުން މިނިވަން ކޮށްދެއްވުމެވެ. ނުހައްގުން އަނިޔާ ލިބިފައިވާ އެންމެންނަށް އިންސާފު ހޯދައި ދިނުމެވެ. އަނިޔާވެރިން ނައްތާލާ ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ގާއިމް ކޮށް ދިނުމެވެ. ދައުލަތުގެ އެންމެ ފުނުގައި މޫލާފައިވާ ވައްކަމާއި ފަސާދައިގެ މޫ ބުޑުން ލުހެލުމެވެ. ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ އިންސާފު ގާއިމް ކޮށްދިނުމެވެ. ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމެވެ. މިއީ ރައީސް ސޯލިހްގެ ވެސް ރިޔާސީ ވައުދުތަކެވެ. ގިނަ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެސް ވީ އެ ކަންތައްތަކެވެ.
ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު، ސިޔާސީ ހަތަރު ލީޑަރުންނާއި، ޕާޓީތަކުގެ ބުރަ މަސައްކަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރިއެވެ. އަދި ނޮވެންބަރު 17، 2018 ގައި މަގާމުގެ ހުވާ ކުރެއްވި އެވެ.
ގަލޮޅު ދަނޑުގައި އެތައް ސަތޭކަ ބަޔާކާއެކު ކުރިއަށް ގެންދިޔަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ފުރަތަމަ ފަހަރަށް ގައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ވަނީ ކެންޕެއިންގައި ވެވަޑައިގެންނެވި ވައުދުތައް ތަކުރާރު ކުރައްވާފަ އެވެ. އަދި އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއްނެތި، ރައްޔިތުން ރުހުން ދިން އިއްތިހާދާއެކު ވެރިކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް ވެވަޑައިގެންނެވި ވައުދާއެއްގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ވެސް ކޮމިޝަނެެއް އުފެއްދެވި އެވެ. ގޮންޖެހުންތަކާއެކު ވެސް ކޮމިޝަނަށް ގާނޫނީ ބާރުވެެރިކަން ހޯއްދަވައިދެއްވި އެވެ.
ދެ ކޮމިޝަންގެ މަސައްކަތްތައް ބާރު ސްޕީޑްގައި ގެންގޮސް މުހިންމު ބައެއް މައްސަލަތަކުގެ އެންމެ ފުންމިނަށް ވާސިލްވެއްޖެ އެވެ. ރައީސް ސޯލިހްގެ ވެރިކަމަށް އަހަރު ދުވަސްވީއިރު، ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރަޝީމް އަލީގެ ތަހުގީގު ރިޕޯޓް އެކުލަވާލާ ރައީސަށް ވަނީ އަރުވާފަ އެވެ. ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފުގެ މައްސަލަ ތަހުގީގުކޮށް ފައިނަލް ރިޕޯޓް ވެސް ވަނީ ފޮނުވާފަ އެވެ. މީގެ އިތުުރުން ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލައާއި ގޮތްނޭންގޭ އެތައް މަރުތަކެއްގެ މައްސަލަތައް ވަނީ ނިމުމަކާއި ހަމައަށް އައިސްފައެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން 49 ރަށަކާއި ފަޅެއްގެ މައްސަލަ ބަލާ އެކަމަށް އިންސާފު ހޯދުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ދެ ކޮމިޝަންގެ ހުރިހާ މަސައްކަތެއް މިއަހަރު ނިމުމުގެ ކުރިން މުޅިން ނިންމާލުމަކީ އުންމީދެކެވެ.
ކޮރަޕްޝަންގެ ވަބާއިން ދައުލަތް މިންޖު ކުރުމަކީ ބުރަ، އެހެނަސް ކުރަންޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް. ކޮރަޕްޝަން ނައްތާލުމުގައި މިއަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ބީލަމުގެ މަރުހަލާގައި، އެކި ގޮތްގޮތުން ކުރިމަތިވާ ނުފޫޒުތައް. އެހެންކަމުން، ބީލަމުގެ މައްސަލަތައް ބެލުމަށްޓަކާ، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މުސްތަޤިއްލު ރިވިއު ކޮމިޓީއެއް އެކުލަވާލައިގެން މިއަންނަނީ މަސައްކަތް ކުރަމުންއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
މީގެ އިތުރުން އަބުރުރައްކާތެރި ކުރުމާއި، ޚިޔާލުފާޅު ކުރުމުގެ ގާނޫނުގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ގާނޫނު އުވާލެއްވި އެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން އުވާލެއްވި ފުރަތަމަ ގާނޫނަކީ އެ ގާނޫނެވެ.
ސިޓީ ކައުންސިލްތަކާއި، އެހެން ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އިއާދަ ކޮށް ދެއްވި އެވެ. އަދި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ރަށްރަށުގެ ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ކައުންސިލްތަކުން އަންހެނުންނަށް ވަކި ޕަސެންޓެއް ޚާއްސަ ކުރަން ގާނޫނަށް އިސްލާހު އޮތީ ހުށައަޅާފައެވެ. ދާދި އަވަހަށް އެ އިސްލާހުތައް މަޖިލީހުުން ފާސްވެގެންދާނެއެވެ. އަދި އަތޮޅުތަކަށް ކުރާ ހޭދަ ބޮޑުތަނުން އިތުރު ކުރައްވާ މިއަހަރުގެ ބަޖެޓް އެކުލަވާލެއްވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު ކާމިޔާބު ކަމާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެއެވެ. އެގޮތުން އައިޖީއެމްއެޗްގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ތިރީސް ހަތަރު ރަށެއްގެ ބަނދަރު މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލު ކުރެވި، އޭގެ ތެރެއިން 14 ރަށެއްގައި އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި ހަތް ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން 4736 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. 567 ދަރިވަރުންނަށް ވަނީ ސްޓޫޑެންޓް ލޯން ދޫކޮށްފައެވެ.
ދަރިވަރުންގެ ނާސްތާ ޕްރަގްރާމް ފެށި ކާމިޔާބު ކަމާއެކު ދަނީ ކުރިއަށެވެ. އެއްވެސް ސުކޫލެއް ތަފާތު ކުރުމެއްނެތި ނާސްތާ ޕްރަގްރާމް ކުރިއަށް ގެންދެވޭ ކަމީ ރާއްޖޭގެ ތާރީޚުގައި ވެސް ތައުލީމީ ދާއިރާގައި ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަށް ވަނީ ވެފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި އިތުރު ފްލެޓްތައް އެޅުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަތޮޅުތެރޭގެ އެތައް ރަށެއްގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް 2020 ގެ ބަޖެޓްގައި މިހާރުވެސް ވަނީ ހިމަނާފައެވެ. ތެއްތިރީސް ރަށެއްގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށަން އޮތީ ތައްޔާރުވެފަ އެވެ. އަމާޒު ހިފާފައި ވަނީ 2021 އަންނައިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ފެށުމަށެވެ.
އިއާދަކުރަނިވި ހަކަތައިގެ ނިޒާމް 13 ރަށެއްގައި ގާއިމް ކުރެވި، 14 ސަރަހައްދެއް، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅި، ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގައި އައްޑުއާއި ފުވައްމުލައް ހިމެނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގާ އިތުރު ފްލެޓް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ،އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
މީގެ އިތުރުން ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ގައުމުތަކާއި އޮތް ގުޅުންތައް ވަނީ އިތުރުވެފައެވެ. ކޮމަންވެލްތުގައި ބައިވެރިވުމުގެ މަސައްކަތް އަލުން ވަނީ ފެށިފައެވެ. އޭގެ ސަބަބުން ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 3.21 ބިލިއަން ރުފިޔާ ބޭރު ގައުމުތަކުން އެހީގެ ގޮތުގައި ވަނީ ލިބިފައެވެ. އަދި ހަ އަހަރަށް ފަހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހް، ވަޑައިގަތުމަކީވެސް ތާރީޚީ މުހިންމު ކަމަށްވިއެވެ.
ރައީސް ސޯލިހުގެ މި ދައުރަށް އަމާޒު ހިފާފައިވާ މުހިންމު މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުމަށްވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު އާއި މާލެ ސަރައްހައްދުގައި ބުރިޖް އެޅުމުގެ މަސައްކަތް އޮތީ ކުރިއަށެވެ.
މީގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު 2020 ގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އެ އަމާޒަށް ވާސިލްވެވުމުން އަހަރަކު ތިން މިލިއަން ޕަސިންޖަރުންނަށް ޚިދުމަތްދިނުމުގެ މަގު ތަނަސްވެގެންދާނެ އެވެ.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއްދީގެން ހިންގާނެ މަޝްރޫއުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢު ހިމެނޭނެ. އާ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް މިހާރު އަލުން ފަށައިގެން ވަރަށް ހަލުވިކަމާ އެކު ކުރިއަށް އެބަދޭއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
މީގެ އިތުރުން މުޖްތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައިވެސް ޚާއްސަ މަސައްކަތްތަކެއް ކުރެވި މިދިޔަ އަހަރު ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދިފައެވެ. އެގޮތުން ވޭތުވެދިޔަ 6 އަހަރުގެ ޕޮލިސް ރެކޯޑްތަކަށް ބަލާއިރު، އަނިޔާވެރި ކުށްތަކާއި ގޭންގް ކުށްތަކުގައި މާލޭގެ މަގުތަކުގައި 21 މީހަކު މަރާލާފައިވީނަމަވެސް، ގޭންގު ކުށްތަކުގައި މިއަހަރުގެ ތެރޭގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވެއެވެ.
މީގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުއައްސަސާއަށް އިތުބާރު ހޯދުމަށް އެ ދެ މުއައްސަސާ އިތުރަށް މިނިވަންކޮށް ޕްރިޕެޝަނަލް ދެ މުއައްސަސާތައް ހެދުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މިފަދަ އެތައް މަސައްކަތްތަކާއެކު ރައީސް ސޯލިހުގެ ފުރަތަަމަ 365 ދުވަސް ފުރިހަމަކޮށްފައިވަނީ ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިން އަހަރެއްގެ ގޮތުގައެވެ.