މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ހައްގުތަކަށް ގޮވާލައި ބޭއްވި އެއްވުންތަކާއި އިހްތިޖާޖްތަކުގެ ތެރެއިންނެވެ. 25 އަހަރު ދުވަހު މަޖިލީހުގައި ސިޔާސީ ހަޔާތް ހޭދަކުރެއްވިއިރު، އެއަށްވުރެ އިތުރަށް ކުރިއަށް ވަޑައިގަތުމުގެ ޝައުގުވެރިކަމެއް ވެސް އެހާތަނަށް ފާޅު ކުރައްވާފައެއް ނުވެ އެވެ.
ނަމަވެސް ގިނަ ޕާޓީތައް ހިމެނޭ ސިޔާސީ އާ ނިޒާމާއެކެ ކުރިން ބޭއްވުނު އިންތިހާބުތަކާ ހިލާފަށް މިދިޔަ ރިޔާސީ އިންތިހާބުގައި އޮތީ ތަފާތު މާހައުލެކެވެ. 2008 އަދި 2013 ގައި ގިނަ ކެންޑިޑޭޓުންތަކާ އެކު ވާދަވެރި ރިޔާސީ އިންތިހާބެއް ފެނުނެވެ. އެކަމަކު މިދިޔަ އަހަރުގެ އިންތިހާބާ ދިވެހިން ކުރިމަތިލިއިރު އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ވާދަ ކުރައްވާނެ ކެންޑިޑޭޓެއް ހުރެދާނެ ކަމުގެ ޔަގީން ކަން ވެސް ނެތެވެ.
ސިޔާސީ ޕާޓީތަކުގެ ނިޒާމާއެކު އެންމެ ހަރަކާތްތެރިކޮށް ސިޔާސީ ހަރަކާތް ހިންގަމުން އައި އެމްޑީޕީއަށް ވެސް އޮތީ އެ ޕާޓީގެ ތާރީހުގައި ވެސް ދުށް އެންމެ ދަތި އެއް ދުވަސްވަރާ ކުރިމަތިވެފަ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީ އެންމެ އުހަށް ގެންދިއުމުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ އާންމު މެންބަރުންގެ އެންމެ ބޮޑު ތާއީދެއް އޮންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަައި 13 އަހަރުގެ ޖަލު ހުކުމާއެކު އެމްޑީޕީއަށް ހީނަރު ކަމެއް އައެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އިހްތިޖާޖް ކުރަން ފެށި އެވެ. އެމްޑީޕީގެ އެއްވުންތަކާއި ހަރަކާތްތައް ގިނަ ކޮށްލި އެވެ. އެކަމަކު ބާރު އޮތް ފަރާތްތަކުން ތިބީ ވެސް ދޫ ދޭ ކަހަލަ ގޮތަކަށް ނޫނެވެ. އެއްވެ އުޅުމުގެ މިނިވަން ކަން ގާނޫނުން ހަނިކޮށްލި އެވެ. ސަލާމަތީ ބާރުތައް މެދުވެރިކޮށް އެއްވުންތަކަށް ހުރަސް އެޅި އެވެ. ބޮޑު ރީނދޫ ލަޝްކަރަށް ގުޑުން އަރުވާލާ ވަރަށް ހުރަސްތައް ކުރިމަތި ކުރި އެވެ.
އެ ދަތި ދަނޑިވަޅުގައި އެމްޑީޕީއަށް ގުޑުމެއް ނުގެނެސް ހިފަހައްޓާލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އެއް ލީޑަރަކީ، ރައީސް ނަޝީދުގެ އަރިސް އަދި އެމްޑީޕީއަށް އެންމެ ވަފާތެރި އިބްރާހިމް މުހައްމަދު ސޯލިހެވެ. މިނިވަން ކަމާއި އެއްވެ އުޅުމަށް ގޮވާލި ހަރަކާތްތަކުގެ ތެރޭގައި، ސޯލިހް ހައްޔަރު ވެސް ކުރެވުނެވެ. އެކަމަކު ބާރުތަކާ ކުރިމަތިލީ އަތުވެދާނެ ކަމަކަށް ފަސް ޖެހުމެއް ނެތި އެވެ.
"ރައީސް ނަޝީދަށް ހުކުމް ކުރި ރޭ އަޅުގަނޑާއި ސޯލިހާއި އެމްޑީޕީގެ ގިނަ ބަޔަކު ތިބީ މަގުމަތީގަ، އެމަނިކުފާނަށް ކުރި ހުކުމް ވެގެން ދިޔައީ ލިބުނު ބޮޑު ސިހުމަކަށް، އުއްމީދުތައް ފުނޑުފުނޑުވެ އެންމެން ހުއްޓުމަކަށް އައިސް ތިއްބައި އަޅުގަނޑުމެން އެންމެނަށް ހިތްވަރު ދޭން ފެއްޓެވީ އިބްރާހިމް މުހައްމަދު ސޯލިހް، ހަމަ އެމްޑީޕީއަށްޓަކައި،" އެމަނިކުފާނާއެކު ވަރަށް އަރިސްކޮށް އުޅުއްވާ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިސްރާބު ގޯސްކަމަށް ފެނި އެހެން ސިޔާސީ ޕާޓީތައް ވެސް ގުޅުނެވެ. ނަމަވެސް މުޅި އިދިކޮޅު ސިޔާސީ ހަރަކާތް "ކަސްތޮޅެއް" ގެ ތެރެއަށް ލާ ތާށިކޮށްލި އެވެ. އިދިކޮޅު ލީޑަރުންތައް ތިބީ ޖަލު ހުކުމްތަކުގަ އެވެ. ނޫނީ ހުކުމެއް ނެތި ޖަލު ބަންދުގަ އެވެ. ސިޔާސީ ގޮތުން ހަރަކާތްތެރިވި ކޮންމެ މީހަކަށް އެ ބިރު އޮވެ، އެއް ބަޔަކު ގައުމުން ބޭރުގައި އަރުވާލެވިގެންނެވެ. ޖަލްސާއެއް، ހިނގާލުމެއް، އެއްވުމެއް، ނޫނީ ހަރުގެ ސައެއް ވެސް ނުބޭއްވެ އެވެ.
ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަމުން ދިޔައިރު، މަޖިލީހުގެ ތެރޭގައި ވެސް އިދިކޮޅުގެ ބާރެއް ނެތެވެ. އެމްޑީޕީއާއި އިދިކޮޅުގެ މުސްތަގުބަލާ މެދު އެތައް ސުވާލެއް އުފެދެނުވެ. އެކަމަކު އޭރު ވެސް އެމްޑީޕީގެ އެތެރޭގައި ހުންނަވައިގެން އަމަލީ ގޮތުން ކުރެވެން ހުރި މަސައްކަތެއް ކުރެއްވި އެވެ. އިދިކޮޅު ހަރަކާތަށް މިނިވަން މާހައުލެއް ގެނައުމަށް ގޮވާލައި އާންމު މެންބަރުންނާއެކު މަގުމަތީގައި އެމަނިކުފާނު ހުންނެވި އެވެ.
ޕާޓީތަކަށް އެއްބަސްވެވުނު ނަމަކަށް
ސަރުކާރުން ކުރިމަތި ކޮށްފައިވާ ދަތި މާހައުލުމުގައި ވެސް ލީޑަރުންނަށް ވެރިކަމަށް ކުރިމަތުލެވޭނެ ގޮތް މެދުވެރި ކުރެވޭނެ ކަމުގެ އުއްމީދުގައި ޕާޓީތައް ގުޅިގެންނާއި ޕާޓީތައް ވަކި ވަކިން ވެސް މަސައްކަތް ކުރަމުން ދިޔަ އެވެ. އެކަމަކު ފަހު ވަގުތު ގާތްވިއިރު ވެސް ވެރިކަމަށް ވަޑައިގެންނެވުމުގެ ޝައުގުގައި ހުންނެވި އެއްވެސް ލީޑަރަކަށް ކުރިމަތީގައި އޮތް "ބަންދުން" މިނިވަނެއް ނުވެވުނެވެ.
އެ ހާލަތުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އޮތް ގޮތަކީ މީގެ ކުރިން ވެސް އިންތިހާބުތައް ކާމިޔާބު ކުރުމުގައި މޮޅު ފޯމިއުލާ އަކަމަށް އޮތް ކޯލިޝަނުން އެއް ކެންޑިޑޭޓަކަށް ތާއީދު ކުރުމެވެ. އެ ފަހަރު އެ ނޫން ޗޮއިސް އެއް އޮތް ކަމަކަށް ވެސް ނުބެލެވެ އެވެ. ލީޑަރުންތައް ތިބީ ވެރިކަމަށް ކުރިމަތި ނުލެވޭނެ ހާލަތްތަކުގެ ތެރެއަށްލާ ބަންދުކޮށްފަ އެވެ.
އެކަމަކު ނެރޭނެ ކެންޑިޑޭޓަކާ މެދު އެއްބަސްނުވެވި ޕާޓީތައް އެންމެ ފުރަތަމަ ވެސް ފެށީ ކޯޅެންށެވެ. އެމްޑީޕީއާއި ޖޭޕީ ވެސް ހިފާލީ ކޯލިޝަންގެ ކެންޑިޑޭޓް އެ ޕާޓީއެއްގެ ތެރެއިން ނެރުމަށެވެ. ބަހުސް ހޫނުވެ ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ނުކުމެދާނެ ކަމަށް ވެސް ގަބޫލު ކުރެވޭ ހިސާބަށް ވެސް ކަންކަން ދިޔަ އެވެ. ދެ ޕާޓީގެ މެންބަރުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވި ބޮޑެތި ޒުވާބުތައް ކުރަން ފެށުނެވެ.
ކޯލިޝަންގެ ބައިވެރިންގެ މެދުގައިވާ ދެބަސްވުންތައް، އެއްބަސްވުންތަކަށް ބަދަލު ކުރުމުގެ ގޮތުން މަޝްވަރާ ކުރުމަށް ހަތަރު ބައިވެރިންގެ މެދުގައި "އަށާރަނަވާރަ" ކޮމިޓީއެއް ވެސް އުފައްދައި މަސައްކަތް ކުރެއްވި އެވެ. އެ ކޮމިޓީގެ ޗެއާއެއްގެ ގޮތުގައި ރައީސް ސޯލިހް އުޅުއްވިއިރު، ޕާޓީތައް އެއް ގަލަކަށް އެރުވުމުގައި މުހިއްމު ދައުރުތަކެއް އެމަނިކުފާނު އަދާ ކުރެއްވި އެވެ.
އެ މަޝްވަރާތަކުގައި އެމަނިކުފާނު އަދާ ކުރެއްވި ދައުރާ ގުޅިގެން ކޯލިޝަންގެ ލީޑަރުންނާއި ޕާޓީތަކުގެ ރުހުން ވެސް ލިބުނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމަށެވެ. ގާތް އެކުވެރިޔާ ރައީސް ނަޝީދަށް ވެސް ވާދަކުރުމުގެ ފުރުސަތު ނުދޭނެކަމުގެ ޔަގީން ކަން ނުލިބުމުން، އެމަނިކުފާނުގެ ބަދަލުގައި ރައީސް ސޯލިހް ނުކުންނަވަން އެމްޑީޕީގެ ކޮންގްރެސްގައި މެންބަރުން ނިންމީ އެވެ. އެ ހާލަތުގައި ވާދަކުރެއްވުން ނޫން ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވެސް ގަބޫލު ކުރެއްވީ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވެސް އޭރުގެ އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ވިއްކި އެއް ވާހަކަ އަކީ ވެސް ރައީސް ސޯލިހްގެ "މަޝްވަރާ ކުރެއްވުމުގެ" ގާބިލް ކަމުގެ ވާހަކަ އެވެ. ކޯލިޝަންގެ ކެންޑިޑޭޓަކަށް ރައީސް ސޯލިހް ވެވަޑައިގެންނެވި ސިއްރެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަ ކުރެއްވީ އެމަނިކުފާނުގެ އެކުވެރި މިޒާޖެވެ. ސިޔާސީ ހަމަޖެހުން ގެނެވޭނީ އެފަދަ ލީޑަރަކަށް ކަމަށް ބުނެ އެވެ.
މިހާރު ވެސް ސިޔާސީ ޕާޓީތަކުގެ މެދުގައި ހުރި ހިޔާލު ތަފާތުވުންތަކާ އެކު ވެސް ކޯލިޝަން ދެމި އޮތީ އެ ސަބަބަށްޓަކައި ކަމަށް ކޯލިޝަންގެ ބައިވެރިން ގަބޫލު ކުރެ އެވެ. ކޯލިޝަންގެ ބައިވެރިންގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކާ އެކު ވެސް މިއަދު ވެސް ކޯލިޝަން ދެމި އޮތީ ބައިވެރިން އެމަނިކުފާނަށް އިތުބާރު ކުރާތީ އެވެ.
"މިއަދުގެ ރައީސަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ، ވަރަށް މަޑުމައިތިރި، ވިސްނުންތެރިކަމާއެކު ކަންތައްތައް، ކެތްތެރިކަަމާއެކު ކުރައްވާ ބޭފުޅެއް. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކަން އެބަ އޮތް ކުރީ ސަރުކާރު ތަކަށްވުރެ މާ ބޮޑަށް ވެސް ރަނގަޅަށް، ރައްޔިތުންނަށް ވެސް އަދި އަޅުގަނޑުމެންނާ މެދުވެސް ކަންތައް ކުރައްވާނެ ކަމަށް." ކޯލިޝަންގެ އެއް ލީޑަރު ގާސިމް ވިދާޅުވެފައިވެ އެވެ.
ކާމިޔާބު ކެމްޕޭނަކާއެކު ތާރީހީ ކާމިޔާބެއް
ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ވެސް ރައީސް ސޯލިހަށް ނުކުމެ ވަޑައިގަންނަވަން ޖެހުނީ ދަތި ދަތުރަކަށެވެ. ކެމްޕޭނަށް ބަހައްޓަވާ ޕޯސްޓަރުތަކާއި ބެނާތަކުގައި ލީޑަރުންގެ ތަސްވީރުތައް ފެންނާތީ ކަމަށް ބުނެ އަތުލައި ޕޯސްޓަރުތައް އިރާލި އެވެ. ރައީސް ޔާމީން ދަތުރު ކުރައްވާ ވަގުތުތަކުގައި ކެމްޕޭންގައި އުޅޭ ފަރާތްތައް ފުލުހަށް ހާޒިރު ކުރުން ފަދަ ކަންކަން ހިނގި އެވެ.
ހުޅުމާލެއަށް ދޮރުން ދޮރަށް ހިންގެވުމަށް ވަޑައިގަތުމުން ރައީސް ސޯލިހަށް ހަމަލާ ދޭން ވެސް ބަޔަކު މަސައްކަތް ކުރި އެވެ. އެކަމަކު އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސޯލިހްގެ ސެކިއުރިޓީން އެމަނިކުފާނު ވަށާލައި ރައްކާތެރިކަން ފޯރުކޮށް ދިނީ އެވެ.
އެ ހާލަތުގައި ވެސް ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްގެ މެދުގައި ރަށްރަށް ބައްސަވައިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ކާމިޔާބު ކެމްޕޭނެއްގެ ރެކޯޑެއް ގާއިމް ކުރެއްވި އެވެ. އެއް ފަސްގަނޑަކަށް ޖަމާވާން މަޖުބޫރު ކުރާ ސިޔާސަތު ދޫކޮށް، އިންސާފުވެރި ކަމާއެކު އެއްވެސް ރަށެއް ބާކީ ނުކޮށް "ޖަޒީރާ ރާއްޖެ" އެއް ތަރައްގީ ކުރާނެ ކަމުގެ ވައުދު ހިއްޕަވައިގެންނެވެ.
ޑިމޮކްރެޓިކް އާ ނިޒާމަށް ބައްޓަން ކުރި ގާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓްގެ ގޮތުގައި ރައީސް ސޯލިހް މިދިޔަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. ރާއްޖޭގައި ބޭއްވުނު ތިން ރިޔާސީ އިންތިހާބަށް އަޅާ ބަލާއިރު، ދެ ކެންޑިޑޭޓުން ވާދަކުރައްވައިގެން، އެންމެ ފަރަގު ބޮޑުކޮށް އިންތިހާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ.
ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސްގެ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނު ރައީސް ކަމުގެ މަގާމުގެ ހުވާ ކުރެއްވި އެވެ. ޅ. ހިންނަވަރަށް އުފަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެގެން ގޮސްްފައި ވަނީ މާލެއަށް ނިސްބަތްނުވާ ފުރަތަމަ ރައީސް އަށެވެ.