ހަބަރު

ގައުމު ތަރައްގީއަށް މިސްރާބު ޖަހައިފި: އެމްއާރްއެމް

ރާއްޖޭގެ ހުރިހާ ދިމާއަކުންވެސް މިހާރު ފެންނަމުންދަނީ، ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަރައްގީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަހަރު ދުވަސް ވުމާއި ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އެމްއާރުއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ސޯލިހުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން އެޕާޓީން މަރުހަބާ ކިޔާ ކަމަށާއި، ސަރުކާރަކީ އެޕާޓީއަށްވެސް އަށްވެސް ނިސްބަތްވާ ސަރުކާރަކަށްވުން އެއީ އެޕާޓީއަށް ލިބޭ އުފަލަކާއި ޝަރަފެއް ކަމަށެވެ.

ސަރުކާރަށް އެއްއަހަރު ފުރިގެންދާއިރު، މިއަދު މިވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިކަމަށާއި، އެގޮތުން ރާއްޖޭގައި ސުލްހަމަސްލަސްކަމާއި އަމަން އަމާންކަން ގާއިމުކޮށް، ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން މަސައްކަތްކުރުމާއި، ޖޮއިންޓް މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެކަމަކީ ކޯލިޝަންގެ އަސާސްތަކާއި ސިޔާސަތުތައް، ދަމަހައްޓާ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރަމުން ގެންދަވާ މިންނަތް މަސައްކަތް ކަމަށެވެ.

މީގެ އިތުރުން، މިއަދު ގައުމުގެ ހުރިހާ ދިމާއަކުންވެސް ފެންނަމުންދަނީ، ކުރިން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަރައްގީއަށް މިސްރާބު ޖަހާފައިވާ މަންޒަރުކަމަށާއި، ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާ އެކުގައި ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރުވެފައިވަނިކޮށް އެގުޅުން އިތުރަށް ވަރުގަދަވަމުން ދާ މަންޒަރު މިއަދު ފެންނަމުންދާކަމަށާއި، ސަރަހައްދީ ގައުމު ތަކާއި ދެމެދު އެކުވެރި ގުޅުމެއް ބާއްވަވަމުން ބައިނަލްއަގުވާމީ ދުނިޔެއަށް ރާއްޖެ ހުޅުވާލެއްވުމާއި އަދި ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯއްދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ރައީސް ސޯލިހު ކުރައްވާފައިވާ ކަމަށެވެ.

ކާމިޔާބުކަމާއެކު ސަރުކާރު ހިންގުމަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތެއްގައި އެޕާޓީގެ ރައީސް އަދި އެޕާޓީގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުވެސް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.