އެމްއާރުއެމް

މައުމޫން ވަޑައިގަތުމުން ގޮތް ނިންމާނީ ރައީސް ސޯލިހާ ބައްދަލުކުރުމަށްފަހު: އެމްއާރްއެމް

Feb 23, 2023
1

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އަމަލުކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ ޒައީމު -- ރައީސް މައުމޫން އަބްދުލްގައްޔޫމު ރާއްޖެ ވަޑައިގަތުމުން ކަމަށް އެމްއާރްއެމް އިން ބުނެފި އެވެ.

އެމްއާރްއެމް އިން މިހެން ބުނެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކުގައި ނުކުތުމަށް އެދިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް -- ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންނަށް މިމަހުގެ 19 ވަނަ ދުވަހު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

ރައީސްގެ ސިޓީގައި ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށްވެސް ކޯލިޝަނެއް ހަދައި އެކުގައި ނުކުތުމުގެ ދައުވަތު ކޯލިޝަން ލީޑަރުންނަށް ދެއްވާފަ އެވެ.

މިސިޓީއާ ގުޅިގެން އެމްއާރްއެމް އިން މިރޭ ބުނީ ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕާޓީގެ ޒައީމު -- ރައީސް މައުމޫނަށް، އެމްޑީޕީގެ އެންމެ އިސް ލީޑަރު -- ރައީސް ސޯލިހް ފޮނުއްވާފައިވާ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެމްއާރްއެމް އިން ބުނީ ކޯލިޝަން ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި އެމްއާރްއެމްއަށް ކުރެވުނު ތަޖުރިބާތަކާއި މެދު، އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ރައީސް ސޯލިހާ ބައްދަލުކުރަން އެމްއާރްއެމް އިން ބޭނުންވާ ކަމަށެވެ.

"ނަމަވެސް މިވަގުތު ރައީސް މައުމޫން ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގަ އެވެ. އެހެންކަމުން ރައީސް މައުމޫން ރާއްޖެއަށް އެނބުރި ވަޑައިގަތުމުން، އެދިވަޑައިގެންފައިވާ ބައްދަލުވުން ބޭއްވުމަށް ފަސޭހަފުޅު ވަގުތެއް މިޕާޓީން އެމަނިކުފާނާ ހިއްސާކުރާނެ ވާހަކަ ދަންނަވައި މިޕާޓީން މިއަދު ވާނީ ޖަވާބު ފޮނުވާފަ އެވެ.

ރައީސް ސޯލިހްގެ ސިޓީއާ ގުޅިގެން އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފަ އެވެ. ވެރިކަން ކުރާ ކޯލިޝަންގައި އޮތް ޖޭޕީން ނިންމާ ގޮތެއް ނިންމާނީ މާދަމާ ފަށާ އެ ޕާޓީގެ ގައުމީ ކޮންގްރެސްގަ އެވެ.