ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނިންމުމަކީ އެމްޑީޕީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް އެމްއާރްއެމް އިން ނިންމާފައިވާއިރު އިބުރޭ މިއަދު އަވަސް އަށް ވިދާޅުވީ އެމްއާރުއެމް އިން ކޯލިޝަން ހެދުމަކުން ނުވަތަ ނުހެދުމަކުން އެމްޑީޕީއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް އެމްއާރްއެމް އިން ނިންމީ އެމްޑީޕީން ހުށަހެޅި ބައެއް ސިޔާސަތުތަކަށް އެމްއާރްއެމް އަށް އެއްބަސްނުވެވޭ ކަމަށް ބުނެ އެވެ.
އިބުރޭ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ކަނޑައަޅަނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުން ހޯދައި ބަލައި އަޑުއަހައިގެން ކަމަށެވެ.
"ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާއެކު އެމްއާރްއެމް އިން ކޯލިޝަން ހެދިއިރުވެސް އެމްޑީޕީން އެކުލަވާލި ސިޔާސަތުތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ރައްޔިތުންގެ ގާތަށް ގޮސްގެން އެކުލަވާލި ސިޔާސަތުތަކެއް،" އިބްރޭ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީއަށްވެސް އެމްޑީޕީން ދައުވަތު ދިނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ވެސް ވަނީ އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން ނިންމާ، އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފަ އެވެ.
ޖުމްހޫރީ ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހެދިނަމަ ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އިބްރޭ ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހެދިނަމަ ރިޔާސީ އިންތިހާބު [ރައީސް ސޯލިހަށް] އެއްބުރުން ނެގޭނެ،" އިބްރޭ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ޕީޕީއެމްގެ އިތުރުން ދަ ޑިމޮކްރެޓްސް އިން ދަނީ މަޝްވަރާކުރަމުންނެވެ.