ރިޔާސީ އިންތިހާބު 2023

ރައީސް ސޯލިހާއި އެމްއާރްއެމް ނިންމީ އިތުރު މަޝްވަރާއަށް ދާން

Mar 19, 2023
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ކޯލިޝަން އެއްބަސްވުން އާކުރުމުގެ ކުރިން އިތުރަށް މަޝްވަރާކުރުމަށް ނިންމައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާއި، އަދާލަތު ޕާޓީއާއި އެމްއާރްއެމް އަށް ރައީސް ސޯލިހް ވަނީ ދައުވަތު ދެއްވާފަ އެވެ. ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު އަދާލަތު ޕާޓީން ވަނީ ރައީސް ސޯލިހްގެ ދައުވަތު ގަބޫލުކޮށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފަ އެވެ.

އެމްއާރްއެމް އިން ވަނީ އެ ޕާޓީން ގޮތްތަކެއް ނިންމުމުގެ ކުރިން ރައީސް ސޯލިހާ އެކު މަޝްވަރާ ކުރުމަށްފަހު ގޮތްތަކެއް ނިންމަން އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށްފަ އެވެ. އެހެންކަމުން އެމްއާރްއެމްގެ އިސް ބޭފުޅުންނާ އެކު ރައީސް ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި އެމްއާރްއެމްގެ ފަރާތުން ބައިވެރިވީ ޕާޓީގެ ޒައީމު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޕާޓީގެ ރައީސް ފާރިސް މައުމޫނާއި ޕާޓީގެ ނައިބް ރައީސް ޝަޒައިލް ޝިޔާމާއި ސެކްރެޓަރީ ޖެނަރަލް އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ އޮފިޝަލަކު ވިދާޅުވީ މިއަދު އެއްވެސް ކަމަކާ މެދު ގޮތްތަކެއް ނިންމާފައި ނުވާ ކަމަށެވެ. އަދި މަޝްވަރާ އިތުރު ބައްދަލުވުންތައް ބާއްވަން ދެ ފަރާތުން އެއްބަސްވި ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސާފުކުރަން ބޭނުންވި ކަންކަން އަދި އިތުރަށް ޔަގީންކުރަންޖެހޭ ކަންކަން ޔަގީންކުރަން މިއަދު މަޝްވަރާކޮށްލީ،" އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް އެމްޑީޕީއާ އެކު 2018 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެންމެ ރަނގަޅަށް އަމަލުކުރަމުން ނުދާ ކަމަށް އެމްއާރްއެމްގެ އިތުރުން ޖޭޕީން ވެސް ގެންދަނީ ބުނަމުންނެވެ.