އެމްއާރުއެމް

މިދިޔަ 14 އަހަރު ކަންކަން އިސްލާހެއް ނުވޭ: އެމްއާރްއެމް

ޑިމޮކްރަސީ ގެނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރި ބުރަ މަސައްކަތާއި ތަފާތު ފިކުރަށް ދިން ފުރުސަތާއި އިސްލާހަށް ކުރި މަސައްކަތް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ވެރީން ކުރައްވާފައި ނުވާ ކަމަށް ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް ވޫމަންޓުން ބުނެފި އެވެ.

ސިޔާސީ ދާއިރާގައި ހަރަކާތް ތެރިވަމުންދާ ބައެއް ބޭފުޅޫން ދައްކާ ވާހަކަތަކުން ބައެއް ކަންކަން ރައްޔިތުންނަށް އޮޅުން އެރުން އެކަށީގެންވާތީ އެކަންކަން ސާފުކޮށް ދިނުމަށް އެމްއާރްއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރަކީ އޭގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް ދިގު ދަތުރެއް ކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ނިޒާމުތައް އޮތް ގޮތް ޒަމާނާއި އެކަށީގެންވާ ގޮތަށް ބަދަލުކޮށް ރައްޔިތުންނަށް ގިނަ ދާއިރާތަކުން ހައްގު ތަކާއި މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

މި މަސައްކަތަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ ރައީސް މައުމޫންގެ ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ނިންމެވި ނިންމެވުމާއި ސަރުކާރުން އޭރު އިއުލާނު ކުރެއްވި އިސްލާހީ މަގުޗާޓުން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ މަސައްކަތުގެ ތެރެއިން ދިވެހިން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ކަނޑައަޅައި ވެރިކަމުގެ ބާރުތައް ވަކިކުރެވި އޭގެ މައްޗަށް އައު ގާނޫނުއަސާސީއެއް އެކުލަވައިލެވުނު ކަން ވަނީ ފާހަގަކޮށްފައެވެ.

"އޯގަސްޓް 7، 2008 ގައި ތަސްދީގު ކުރެވުނު ފެހި ގާނޫނުއަސާސީ ވެގެން ދިޔައީ ދިވެހިން އުންމީދު ކުރަމުން އައި ޑިމޮކްރެޓިކް ނިޒާމް ރާއްޖެއަށް ދަތުރު ކުރުމަށް ކޮށުނު މުހިންމު މަގަކަށް،"

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފެހި ގާނޫނުއަސާސީއަށް 14 އަހަރު ފުރި އެ ގާނޫނުއަސާސީގެ ދަށުން ރައީސް މައުމޫންގެ ސަރުކާރުން ދުނިޔެ ބަލައިގަންނަ ފަދަ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވިތާ 14 އަހަރު ފުރެން ދާއިރު މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޑިމޮކްރަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދިން އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ވެރީން ނެރެވިފައި ނުވާ ކަމެވެ.

"އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންސާނީ ހައްގުތަކުގެ ހާލަތާއި ވާނުވާ ޖަހައި ޖަލަށް ލުމާއީ އިޖުތިމާއީ ރައްކާތެރިކަމާއި ކޮރަޕްޝަނާއި ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާހާއި ކުރިއެރުން އައިސްފައި ނުވާކަން ރައްޔިތުން ފާހަގަކުރެއެވެ. އަދި މުޖުތަމައުގެ ރައްކާތެރިކަމާއި ދީނީ އެއްބޢިވަންތަކަން ފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަމަށް ރައްޔިތުން ދެކޭ،"

އެމްއާރްއެމް އިން ބުނީ އެ ޕާޓީގެ އިލްތިމާސަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގެ ހަގީގަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި ފިތުނަ އުފައްދައި އަދި ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ އަމަލުތައް ހިންގައިގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ދިވެހިން މި ދެކޭ އަމާން ފަހި މާދަމާ ހޯދުމަށް ދިވެހި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.