ރައްޔިތުންގެ މަޖިލިސް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އިންކުއަރީއެއް މަޖިލީހުން ހިންގަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅިފައިވާ މައްސަލަތަކުގައި އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން ޕާލިމެންޓްރީ އިންކުއަރީއެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އެ ކުދިންނަށް އަރިސް ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ކަމަށެވެ. މަޖިލީހުން އެފަދަ އިންކުއަރީއެއް ކުރާ މިއީ ފުރަތަމަ ފަހަރެވެ.

"މިއީ މި ބާވަތުގެ ކަމެއް މި މަޖިލީހުން ކުރާ ފުރަތަމަ ފަހަރު. މި އިންކްއަރީގެ ބޭނުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ލިބޭ މިންވަރު ދެނެގަތުން. އަދި އެކަމާއި ގުޅިގެން މި ބާވަތުގެ ކަންކަން ހިނގާ ސަބަބުތައް ވެސް ސާފުވެ، އެފަދަ ކަންކަން ނުހިނގާނޭ ގޮތްތައް، އުސޫލުތައް، އިޖުރާއަތްތައް، އެކި އެކި ކަންކަމުގައި ކަނޑައެޅުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ މަައްސަލަތަކުގައި އިންސާފު ލިބިފައިވާ މިންވަރު ދެނެގަންނަން އިންކުއަރީއެއް ކުރަން މަޖިލީހުން ފެށިއިރު، ރައީސް ނަޝީދާއި ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުން މިއަދު ވަނީ ބައެއް ކުޑަކުދިންނާ ބައްދަލު ކުރައްވައިފަ އެވެ.

އޭގެ އިތުރަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހުން ފާސްކޮށްފަ އެވެ. އެއީ މިދިޔަ މަޖިލީހުގެ ތެރޭގައި ވެސް މަސައްކަތް ފަށައި ނަމަވެސް ފާސްނުކުރެވި ދިޔަ ބިލްތަކެކެވެ. މި މަޖިލީހުގައި އަލުން ބިލްތައް ހުށަހެޅި ފާސް ކުރީ އެވެ.