ޖިންސީ ގޯނާ

ޖިންސީ ގޯނާގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ނުކުރި

ގަލޮޅު މަދަރުސާގެކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖީލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ނަަމަވެސް އެޖެންޑާއެއް ނުކުރި އެވެ.

ޖިންސީ ގޯނާގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ މިހާރުވެސް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަމުންދާތީ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމަށެވެ. އަދި އެޖެންޑާ ކުރެވޭނީ ކޮމިޓީއެއްގައި ހިނގަމުން ނުދާ މައްސަލަ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި ވަކި މީހަކަށް އަދި ފިޔަވަޅެއް ނާޅަ އެވެ. އެހެން ނަމަވެސް ގަލޮޅު މަދަރުސާގެ މަސައްކަތު މުވައްޒަފުންގެ ގޮތުގައި ހިމެނޭ ހުރިހާ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ގަލޮޅު މަދަރުސާގެ އެކި ހިސާބުތަކުގައި މިހާރު ވަނީ ސީސީޓީވީ ކެމަރާ ވެސް ހަރުކޮށްފަ އެވެ.

ގަލޮޅު މަަދަރުސާގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަމުންދާ އިރު އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުންގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ޖިންސީ ގޯނާ ލިބުނު ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި އޭނާއަށް ޖިންސީ ގޯނާއާ ކުރިމަތިވީ ސްކޫލުގައި ފާހާނާއަށް ގެންދިޔަ މަސައްކަތު މީހާގެ ފަރާތުން ނެވެ. ނަަމަވެސް އެކަން ކުރި މީހެއް ދެނެގަނެވިފައެއް ނުވެ އެވެ.