ރައްޔިތުންގެ މަޖިލިސް

ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮތް މީހާ ދޫކޮށްލި މައްސަލަ މަޖިލީހަށް

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި މީހާ ދޫކޮށްލި މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީތަކަށް ހުށައެޅުމަށް ނިންމައިފި އެވެ. އެ މައްސަލަ މަޖިލީހުގެ ކޮމެޓީތަކަށް ހުށައެޅުމަށް ނިންމެވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.

މާލެ ސަރަހައްދުގައި ހިނގި މި ހާދިސާގައި އެ ކުދީންނަށް ޖިންސީ ގޯނާކުރީ އިތުބާރު ހުރި މަގާމެއްގައި ހުރި އެ އާއިލާގެ މީހެކެވެ. މި މައްސަލައާ ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.

އެއީ މި މަހުގެ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެ މީހާގެ ބަންދަށް ފުރަތަމަ ދިނީ 30 ދުވަހެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން އަލުން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތެއް ނުދިނެވެ. މައްސަލާގައި ހިމެނޭ ބައެއް ކުުދީން މިހާރު ބޮޑުވެފައިވާ ކަމަށް ބުނެ ޝަރުތުތަކެއް ކުރުމަށް ފަހު ކޯޓުން އެ މީހާ ދޫކޮށްލަން އަމުުރުކުރީ އެވެ.

އެކަމާއި ގުޅިގެން އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މީހާގެ ޖިންސީ އަނިޔާ ލިބުނު ހަ ކުދީންގެ ތެރެއިން ތިން ކުއްޖަކަށް 18 އަހަރުވެއްޖެ އެވެ. އަނެއް ތިން ކުދީންނަކީ 18 އަހަރުން ދަށުގެ ކުދީންނެވެ. އާއިލާއިން ސިފަ ކުރާ ގޮތުގައި ކޯޓުން ދޫކޮށްލީ "ރަންނަމާރި" އެއްފަދަ ބިރުވެރި މީހެކެވެ.

އާއިލާގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މެންބަރު ޝިޔާމް ވިދާޅުވީ އެ ކަންބޮޑުވުންތަކާއި އަދި ޖިންސީ ގޯނާގެ ތުހުމަތު އޮތް މީހާ ދޫކޮށްލި މައްސަލަ މަޖިލީހުގެ ކޮމެޓީތަކަށް ހުށައަޅުއްވާނެ ކަމަށެވެ.

ޝިޔާމް ވަނީ އިންޑިޔާ އައުޓު ބެނާތަށް ނަގަން ކޯޓު އަމުރު ނެރެނުދިން ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީން ބަލާ ފިޔަވަޅު އަޅާފައިވާއިރު ޖިންސީ ގޯނާގެ މިވަރުގެ ބޮޑު ތުހުމަތެއް އޮތް މީހަކު ދޫކުރި ފަނޑިޔާރުގެ މައްސަލަ ބަލަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ.