ޖޭއެސްސީ

ހައިކޯޓްގެ ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާ އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކޮށް ބެލިބެލުމުން، ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ސާބިތުވާ ކަމަަށެވެ.

ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ކަމަށާ އަދު ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުން ކަމަަށްވެސް ޖޭއެސްސީ އިން ބުންޏެވެ.

ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ހަވާލުވުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެއްކަމަށްވާތީ އަދި ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަހްލާގީ މިންގަނޑު ބަހައްޓަންވާނީ ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރު ކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ހިލާފް އަމަލެއްކަން ސާބިތުވާ ކަމަަށެވެ.

އެހެން ކަމުން ފަނޑިޔާރުކަމުގެ މަގާމުން އަބުދުއްރައޫފް އިބްރާހީމް އަދި އަބުދުﷲ ހަމީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް މިރޭ ބޭއްވުނު ބައްދަލުވުމުގައި ކޮމިޝަނުން ނިންމާފައިވާ ކަމަަށެވެ. މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއިރު ހައިކޯޓްގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ސަމީރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ސަމީރަކީވެސް ފްލެޓަކާއި ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީގެ އެތުރުމަށް އައި ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ވަނީ ބަލާފައެވެ. ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުން ހިމެނޭހެން ހައިކޯޓާއި ކްރިމިނަލް ކޯޓްގެ ވަރަށް ގިނަ ފަނޑިޔާރުން ވަނީ މަގާމުތަކުން ދުރުކޮށްފައެވެ.