ހަބަރު

ފަނޑިޔާރު ޝުޖާއު ވަކިކުރާ މައްސަލަ ކޮމިޓީއަށް

Aug 17, 2020
1

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ ޝުޖާއުގެ މައްޗަށް ތަހުގީގު ތަހުގީގުކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ގއ. ގެމަނަފުށްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރުމާއި، ކްރިމިނަލް ކޯޓުގެ އަމުރަކުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެނަމަ، ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާކަމުގެ މައްސަލައެއް ކަމަށެވެ.

އަދި އެކަމާ ގުޅިގެން އޭނާ ހުންނެވީ ސަސްޕެންޑުކޮށްފަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ ކޮމީޓީން ބަލާނީ ޖޭއެސްސީގެ ނިންމުމަކީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ރަނގަޅު ނިންމުމެއްތޯ އެވެ. އެއަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވައި، ޖުޑީޝަރީ ކޮމިޓީގެ ނިންމުމަށް ވޯޓަށް އަހާނެ އެވެ.

ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.