ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އަދި އެ ކޯޓްގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން އެ ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ބައްދަލްވުމުގައި ކަމަށެވެ.
އެގޮތުން ޖޭއެސްސީގެ މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީން ބެލުމަށްފަހު އެ ކޮމިޝަންގެ މިއަދުގެ ބައްދަލްވުމަށް 19 މައްސަލައެއް ތާވަލު ކުރެވި، އެ ކޮމެޓީގެ ނިންމުމާ އެއްގޮތަށް ދެ މައްސަލައެއް ބަލައިގަނެ، ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ.
އެ ދެ މައްސަލައަކީ ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އަދި އެ ކޯޓްގެ ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ރ. ހުޅުދުއްފާރު ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ މުސްތަފާގެ ސުލޫކީ މައްސަލައެވެ.
ސުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
ސުޖާއު ހައިކޯޓްގެ އިސް ފަނޑިޔާރަކަށް އައްޔަންކުރެއްވީ އޯގަސްޓް 15، 2018 ގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ އޭރު ހައިކޯޓްގެ އިސްފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ. ޖޭއެސްސީން ކުރި ތަހުގީގަށްފަހު މިހާރު އަބްދުﷲ ދީދީ ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. މިއީ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މައްސަލަ މިގޮތަށް ތަހުގީގުކުރެވި މަޖިލީސް މެދުވެރިކޮށް ވަކިކުރެވުނު ފުރަތަމަ ފަހަރެވެ.
މިފަހުން ޖޭއެސްސީއައި ބޮޑު ބަދަލާއެކު ގިނަ ފަނޑިޔާރުންތަކެއްފެ މައްސަލަތައް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށައަޅަން ޖޭއެސްސީން ނިންމުމުން ރާގިބު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ. އަދި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށައެޅުމުން މަޖިލީހުން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ.