ހަބަރު

އުސޫލާ ހިލާފަށް ޝަރީއަތް ބޭއްވި މައްސަލަ ޖޭއެސްސީއާއި މަޖިލީހަށް

ހައިކޯޓުން ހަދާފައިވާ ހާއްސަ ހާލަތުގައި ހައިކޯޓުގެ ޝަރިއަތްތައް ދުރުން ކުރިއަށް ގެންދާނެ ގޮތުގެ އުސުލާ ހިލާފަށް ޝަރީއަތެއް ކުރިއަށް ގެންދިޔަ މައްސަލަ އަމިއްލަ ފަރާތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މައްސަލާގައި އެދިފައިވަނީ މިކަން ބަލައި ފިޔަވަޅު އަޅައިދިނުމަށެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގައި ވަނީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝުޖާއުގެ ބޭބެ، ގ. ޗާންދަނީމާގެ އިސްމާއިލް ޝުޖާއުއަށް ތިން މިލިއަނަށްވުރެ ގިނަ ޑޮލަރު ދޭން މއ. ވަހާރި ހުސެއިން ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓޭޑްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ޖޭއެސްސީން ގިނަ މައްސަލަތަކެއް ބަލަމުންދާ ޝުޖާއު އުސްމާން ރިޔާސަތު ބެލެހެއްޓެވި މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާ ނުލަ އެވެ. ހައިކޯޓުގެ ބައެއް މައްސަލަތައް ޔޫޓިއުބް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރި ނަމަވެސް މި މައްސަލަ ލައިވް ސްޓްރީމް ކޮށްފައެއް ނުވެއެވެ.

ހައިކޯޓުން އާއްމު ކުރި، ހާއްސަ ހާލަތުގައި ހައިކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ އުސޫލު"ގެ ހަތަރު ވަނަ ނަންބަރުގެ (ރ) ގައި ބުނެފައިވަނީ ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ހުކުމް ކުރާ މައްސަލައިގެ ހުކުމް ކުރާ ޝަރީއަތުގެ މަޖިލީސް އޮންލައިންކޮށް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރަން ވާނެ ކަމަށެވެ. ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައްސަލަތަކެވެ.

އެނގިފައިވާ ގޮތުގައި މިކަން ބަލައިދިނުމަށް ޖޭއެސްސީއަށާއި މަޖިލީހަށް ހުށަހަޅާފައިވަނީ ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ސިއްރުކޮށްގެންނެވެ. އެ ފަރާތުން ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި މި މައްސަލައަކީ ހައިކޯޓުގައި ނުނިމި ހުރެ އެތައް ދުވަހެއްވެފައިވާ މައްސަލަތައް ހުއްޓާ، ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން އަވަސް އަރުވާލައިގެން ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށެވެ.

މައްސަލާގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، ހުކުމް އިއްވުމުގެ ޝަރީއަތް ޔޫޓީއުބް މެދުވެރިކޮށް ލައިވް ނުކުރަން ނިންމާފައިވަނީ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހާތިފް ހިލްމީގެ ބަހެއް ނެތި ކަމަށެވެ. އަދި މައްސަލައިގެ ހުކުމް، ވެބްސައިޓުގައި ޝާއިއުކުރުމަށް ފަހު އަލުން ވެބްސައިޓުން އެ ނަގައި، އޭނގައިވާ އެކައުންޓް ނަންބަރުތައް ސިއްރުކޮށްފައިވަނީ މައްސަލައިގާ ހިމެނޭ އެހެން ފަނޑިޔާރުންނަށް އެކަމުގެ މައުލޫމާތު ނޭނގި ކަމަށެވެ.

މައްސަލައިގެ ހުކުމް ހައިކޯޓުގެ ވެބްސައިޓްގައި އެންމެ ފުރަތަމަ ޕަބްލިޝްކޮށްފައިވަނީ މައްސަލައިގަ ހިމެނޭ ހަސްމުންގެ ބޭންކް އެކައުންޓް ނަންބަރުތައް ހިމެނޭ ގޮތަށެވެ. މިއީ ޒަމާނުއްސުރެ ހައިކޯޓުގައި އަމަލުކުރަމުން އަންނަ އުސޫލުވެސްމެއެވެ. ނަމަވެސް ފަހުން ވަނީ އެކައުންޓް ނަންބަރުތައް އުނިކުރުމަށް ފަހު އަލުން ހުކުމް ޕަބްލިޝްކޮށްފައެވެ. މިއީ މީގެކުރިން ހައިކޯޓުން ސިއްރުކޮށްފައިވާނީ ހަމަ އެކަނި ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އެ ކުދިންގެ އައިޑެންޓިޓީ އެނގޭނެ ފަދަ މައުލޫމާތުތައް އެކަންޏެވެ.

މި މައްސަލަ ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށްފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ހައިކޯޓުގެ މީޑިއާ އޮފިސަރު އަމީން ފައިސަލް، މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާ ހަވާލާދީ އަވަސްއަށް ވިދާޅުވީ މައްސަލަ ލައިވް ނުކުރީ މައްސަލައިގާ ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު ހުރުމުން ކަމަށެވެ. އެ ޒާތީ މައުލޫމާތަކީ އެކައުންޓް ނަންބަރުތަކެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ޖޭއެސްސީ އާއި މަޖިލީހުން ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ ޑިސެމްބަރު 19، 2019 ގައެވެ. ހައިކޯޓުން ކުރި ހުކުމުގައިވަނީ 15 ޖޫން 2020 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ތިން މިލިއަން ހަތް ލައްކަ ސައްބީސްހާސް ނުވަސަތޭކަތ ހަތްދިހަ ހަތް ޑޮލަރު އިސްމާއިލް ޝުޖާއަށް ދެއްކުމަށް، މއ. ވަހާރި ހުސެއިން ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓޭޑްގެ މައްޗަށް ހުކުމްކޮށްފައެވެ.

މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ އިސްފަނޑިޔާރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވުނު މަނީލޯންޑްރިން ތުހުމަތުގެ މައްސަލައިގައި، ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފައި ވަނިކޮށް އެ ކަން ބާތިލުކުރި ފަނޑިޔާރުންގެ ބެންޗުގައި ވެސް ހިމެނޭ ފަނޑިޔާރެކެވެ. އެ މައްސަލައިގެ ބެންޗު ބަދަލުކޮށް ބެންޗުގައި ޝުޖާއު އުސްމާނު ހިމެނިވަޑައިގަތީ އަމިއްލައަށެވެ.