ރައްޔިތުންގެ މަޖިލިސް

ރޭޕް ސާބިތުނުކުރަން ހުށަހެޅޭނެ ހެކިތަކުގެ މާއްދާއަށް އިސްލާހެއް

ޖިންސީ ކުށުގެ ޝިކާރައަށްވާ ފަރާތާ ދެކޮޅަށް ބޭނުން ކުރެވިދާނެ ނުވަތަ އެ ކުށް ސާބިތު ނުވާ ކަމަށް ދިފާއަށް ހުށަހޭޅެނެ ހެކިތަކުގެ ގޮތުގައި ޖިންސީ ކުށުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހެކި ހުށަހެޅޭ ތިން ނުކުތާއެއް ގާނޫނުން އުނިކުރާ ގޮތަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހޫށަހަޅައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ކުށުގެ ޝިކާރަކަށްވީ ފަރާތާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެކިތައް ކަމުގައި ގާނޫނުގައި ބަޔާންކުރާ ބައެއް ހެކިތައް އުނިކުރުމަށެވެ. އެއީ އެ ގާނޫނުގެ 53 ވަނަ މާއްދާގައި ހިމެނޭ ތިން ހެއްކެކެވެ.

ފުރަތަމަ ނުކުތާގައި ވަނީ، ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރި ކަމާއި އަހްލާގާ ގުޅުން ހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާ މެދު ހިނގާފައިވާ ކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭ ފަދަ ހާލަތެއް ކޯޓަށް ފާހަގަވުމެވެ.

ދެވަނަ ނުކުތާއަކީ، ކުށުގެ ޝިކާރައަށްވީ ފަރާތާއި ކުށުގެ ތުހުމަތު ކުރެވޭ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށް ވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާކަމަށް، ޝަރުއީ ކޯޓަށް ގަބޫލުކުރެވުމެވެ.

ތިންވަނަ ނުކުތާއަކީ، ކުށުގެ ތުހުމަތުކުރެވޭ ފަރާތާ މެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ދެމެދުއޮތް ގުޅުމާއިި، އެ ދެ ފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހި ވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވޭ ހާލަތެކެވެ.

މީކާއީލް ވިދާޅުވި ގޮތުގައި، އެ ތިން މާއްދާ އެ ގޮތަށް އޮތުމުގެ ސަބަބުން ޖިންސީ ކުށުގެ ޝިކާރައަށްވާ ފަރާތްތަކުން ޖިންސީ ކުށުގެ މައްސަލަތައް ރިޕޯޓް ކުރަން ޖެހިލުންވެ އެވެ. އޭގެ ސަބަބުން މައްސަލަ ސާބިތުވުމުގައި ވެސް ދަތިތަކެއް ހުންނާތީ އެފަދަ ކުށުގެ އަމަލު ހިންގާ ފަރާތްތައް މުޖުތަމައަށް ދޫވާން ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ޖިންސީ ކުށް ސާބިތުނުވާ ކަމަށް ބަލައިގަނެވޭ ހެކިތަކުގެ ނުކުތާތަކުގެ ތެރެއިން ތިން ނުކުތާއެއް އުނިކުރަން ހުށަހެޅިއިރު އެ ގާނޫނުގައި އިތުރަށް އޮންނަނީ ދެ ނުކުތާއެކެވެ.

ފުރަތަމަ ނުކުތާއަކީ، ކަން ހިނގާދިޔަ ގޮތް ކަމުގައި ބަޔާންކުރާ ގޮތުގައި ހިމެނޭ ނުކުތާތަކުގެ ތެރެއިން އަސާސީ ނުކުތާއަކަށް މިނިވަން ގޮތެއްގައި، ނުވަތަ ހެކިންގެ ހެކި ބަހުން، ބާރުލިއްބައި ނުދޭ ކަމަށް ކުށުގެ ތުހުމަތު ކުރެވޭ ފަރާތުން ސާބިތުކޮށްދިނުމެވެ.

ދެވަނަ ނުކުތާއަކީ ކަން ހިނގާދިޔަ ދުވަހާއި އެ ކަމުގެ ޝަކުވާ ކުރި ދުވަހާ ދެމެދު ހިނގާ ގޮސްފައިވާ މުއްދަތު އެކަށީގެންވާ މިންވަރަށް ވުރެ ދިގުވެފައިވުމާއެކު، އެ މުއްދަތުގައި އެ ވާހަކަ އެހެން އެއްވެސް ފަރާތަކަށް ކިޔައިދީފައިވާ ކަމަށް ސާބިތުކޮށްނުދެވުމެވެ.

ޖިންސީ ކުށުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި މިވަނީ ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުން ފަދަ ޖިންސީ ކުށުގެ ރިޕޯޓްތައް އިތުރުވެ، ތުހުމަތުގައި ހައްޔަރު ކުރެވޭ ބައެއް ފަރާތްތައް ހައްޔަރުން ދޫވާތީ ގިނަ ފާޑުކިއުންތައް ކަމާ ބެހޭ އިދާރާތަކާއި ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.