ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ކުޑަކުދިންނާ މުއާމަލާތް ކުރުމާ ގުޅޭ ސިވިލް ސާވިސްގެ ވަޒީފާތައް ނުދެވޭ ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅިއިރު ސިވިލް ސާވިސްގެ ވަޒީފާތައް ދިނުމުގައި އާ ޝަރުތުތަކެއް ހިމަނާފައި ވެއެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ޖިނާއީ ބޮޑު ކުށެއް ސާބިތު ވެފައި ނުވުން ހިމެނެ އެވެ. ނަމަވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ކުށް ސާބިތުވެ މިނިވަންވިތާ ކިތަންމެ ގިނަ ދުވަހެއް ވި ނަމަވެސް އެފަދަ ފަރާތްތަކަށް ކުޑަކުދިންނަށް މުއާމަލާތްކުރަން ޖެހޭ ސިވިލް ސާވިސްގެ ވަޒީފާތައް ނުދެވޭ ގޮތަށް ރޮޒައިނާ ފަހުން އިސްލާހު ހުށަހެޅުއްވި އެވެ.
އެ އިސްލާހާއެކު ސިވިސް ސާވިސްގެ ބިލް ފާސްކުރަން 68 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ.
ސިވިލް ސާވިސްގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅިިއިރު ވަޒީފާ ދިނުމުގައި އިލްމީ ގޮތުން އެންމެ ރަނގަޅު މީހުނަށް ވަޒީފާތައް ދިނުމުގައި އިސްކަން ނުދިނުމަށާއި އަދި ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މަދުވެގެން ދެ އަންހެން ބޭފުޅުން ތިބެން ޖެހޭ ގޮތަށްވެސް ކުރިން ހިމަނާފައި ވެއެވެ. ނަމަވެސް މިއަދު ފާސް ކުރި ބިލުން އެބައިތައް އޮތީ އުނިކޮށްފަ އެވެ.
ޕާމަނަންޓް ސެކެޓްރީން އިތުބާރު ނެތް ކަމަށް ފެނިއްޖެ ހާލަތެއްގައި އެ ބޭފުޅުން ސީދާ މިނިސްޓަރަށް ވަކިކުރެވޭގޮތަށް ކުރިންވެސް ހުށަހެޅިގޮތަށް މިއަދު ފާސް ކުރި ބިލްގައި ވަނީ ހިމަނައިފަ އެވެ. ނަމަވެސް ބިލް ފާސްކުރިއިރު އިތުބާރު ނެތް ކަމަށް ބެލެވިދާނެ ހާލަތްތައް ފަހުން ބިލަށް އިތުުރު ކޮށްފައި ވެެއެވެ. އޭގެ ތެރޭގައި މަގުބޫލު ސަބަބެއް ނެތި އެއިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރަން އުޒުރުވެރިވުމާއި އަދި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރުން ހިމެނެ އެވެ.