ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް މިއަދުގެ ޖަލްސާގައި ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ.
އެ އިސްލާހުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށަކީ އެ ގާނޫނުގެ 22 ވަަނަ މާއްދާގައި ބުނާ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބޮޑުކުށަކަށް ހަދަން ސަރުކާރުން ހުށަހެޅި ބިލް ކޮމިޓީން ދިރާސާކުރުމަށް ފަހު އެ އިސްލާހަށް އިތުރުކުރީ ރޭޕްގެ ކުށެވެ. އެހެންވެ މިއަދު އެ ރިޕޯޓް ފާސްކުރުުމުން ބޮޑެތި ކުށްތަކުގެ ތެރޭފައި ރޭޕްގެ ކުށް ވެސް މިހާރު ވަނީ ހިމެނިފަ އެވެ.
އެއާއެކު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި މިހާރު ހިމެނޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް އަދި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކާއި އިތުރު ކުށްތައްވެސް ހިމެނެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ގެނެސްފައިވަނީ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިފަހަކަށް އައިސް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.