ޖިނާއީ އިޖުރާއަތުތަކުގެ ގާނޫނުގައި ބަޔާން ކުރާ ޖިނައީ ބޮޑެތި ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އަމަލު ހިމަނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެ އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދެވެ. ޖީހާން އެ ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
ޖީހާން ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުގައި، އެ ބިލް އޭނާ ހުށަހެޅުއްވީ، ގާނޫނު އަސާސީގައި ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ކުރުމަކީ އެ ކުދިންނަށް ލިބިގެންވާ ހައްގެއް ކަމުގައި ވިޔަސް އެ ހައްގު ކަށަވަރު ނުވާތީ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އަމަލުތައް ދިވެހި މުޖުތަމައުގައި ގިނަވެފައިވާތީ، އެ ކުދިންނަށް ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށް ޖީހާންގެ ހުށަހެޅުއްވި ބިލުގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން ޖިންސީގޯނާގެ އަމަލުތައް މަދު ކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ޖިންސީ ގޯނާގެ އަމަލުތައް ހިމަނަން ބިލުގައި ވެ އެވެ.
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ދާދި ފަހުން ފެންމަތިވެ، މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ކަމާ ބެހޭ މުއައްސަސާތަކުގެ އިހުމާލުތައް ތިލަވެގެން ދިޔަ އެވެ. އެއާ ގުޅިގެން ރާއްޖޭގެ މަސްރަހު ހޫނުވެ ޖިންސީ ގޯނާއާ ދެކޮޅަށް އެއްވުންތައް ވެސް ރަށްރަށުގައި ދަނީ ބާއްވަމުންނެވެ.
ދެ އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވި ފަހުން، އެފަދަ ގިނަ މައްސަލަތަކެއް އަންނަނީ ތިލަވަމުންނެވެ. އޭގެ ފަހުން އުމުރުން ތިން އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ހާމަވަގެން ގޮސްފައިވެ އެވެ.