ހަބަރު

ކުޑަކުދިން ރައްކާތެރިކުރާ ގާނޫނު މިރޭ 12 ގައި ހިނގަން ފަށާނެ

Feb 19, 2020
3

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވާލި ގާނޫނަށް މިރޭ ދަންވަރު 12:00 އިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރެވޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެއަށް އަމަލު ކުރަން ފަށާނެ އެވެ. އެ މުއްދަތު މިރޭ ދަންވަރު 12:00 އަށް ހަމަވާނެ އެވެ.

އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެ އެވެ. އަދި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގަ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މިބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެގޮތުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމުގައި އެ ބިލުގައި ކަނޑައެޅާފައިވެ އެވެ. އަދި ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެ ގާނޫނުގައި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގައުމީ ނިޒާމެއް ގާއިމް ކުރުމަށް ވަނީ ހިމަނައިފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓާކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅާނެ ގޮތްތައް ވެސް ވަނީ ހިމަނައިފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން މި ފަށަނީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.