މީހުން

އުދަރެހުން އަރައިގެން އަންނަ އަލިގަދަ ތަރި!

މިއީ ވަރަށް ހާއްސަ ވާހަކައެކެވެ. އަދި މިއީ ވަރަށް ހައިރާން ކުރުވަނިވި ވާހަކައެއް ވެސް މެއެވެ؛ އެންމެން މި ވާހަކަ އަޑު އެހީ މިދިއަ ބުދަ ދުވަހުގެ ރޭ، ދޮންދޫނި ލިޓުލް ލާނާސް ޕްރީ ސްކޫލްގެ ގްރެޖްއޭޝަން ހަފްލާގެ ތެރެއިން ކަމަށް ވިޔަސް މި ވާހަަކަ ލިޔަން ފެށުނީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރީންނެވެ. މި ވާހަކައަކީ އެ ރޭ ބޮޑު ވެގެންވާ ޝަރަފެއް ހާސިލުކުރި ރ. އިނގުރައިދޫ، އުދަރެސް / ޔޫސުފް ބިން މާޒިން (ޔޫޔު) ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސް ކުރި ވާހަކަ އެވެ. ކުޑަކުޑަ ޔޫޔުގެ މަންމަ އާއި ބައްޕަގެ ގަދަ މަސައްކަތްތާއި ހެޔޮ ދުއާއާއެކު ޔޫޔު ކީރިތި ގުރުއާން ހިތު ދަސް ކުރީ ހަތަރު އަހަރު ދުވަހުން ދޮންދޫނި ލިޓުލް ލާނާސްގެ މެނޭޖްމަންޓާއި، ޓީޗަރުންގެ މިންނަތުންނެވެ.

ޔޫޔުގެ ބައްޕަ، މާޒިން ހުސައިން އިބްރާހިމް ނިސްބަތް ވަނީ ރ. އިނގުރައިދޫއަށެވެ. އޭނާގެ މަންމާ، އުންމު ހާނީ ނިސްބަތްވަނީ އެ އަތޮޅުން ފަޅުވެފައިވާ ކަނދޮޅުދޫއަށެވެ. ހަގު އުމުރުގައި ގުރުއާން ހިތުދަސްކޮށް ރިކޯޑެއް ހެދި ދަރިފުޅުގެ ވާހަަކަ އެ ދެމެފަރީން އަވަސް އޮންލައިނާ ހިއްސާ ކުރީ އުފަލުގެ ކަރުނައާއެކު އެވެ.

ޔޫޔުގެ މަންމާ، އުންމު ހާނީއަކީ ރީތިކޮށް ގުރުއާން ކިޔަވާ، ގުރުއާނުގެ ތަރިއެކެވެ. ޓީވީއެމްގައި އެންމެ ފަހުން ބޭއްވި "އެންމެ އަލިގަދަ ތަރި" މުބާރާތުގައި އޭނާ ވަނީ ދެވަނަ ހޯދާފަ އެވެ. އަދި އުންމު ހާނީއަކީ ކީރިތި ގުރުއާން ހިތުދަސް މަންމައެކެވެ. -- އޭނާ ގުރުއާން ހިތުދަސް ކުރީ އުމުރުން 20 އަހަރުގައި އެވެ. -- ގުރުއާނާމެދު ހިތުގައި އަބަދުވެސް ޚާއްސަ ލޯތްބެއް އޮންނަ އުންމު ހާނީ އޭނަގެ އަލަތު ދަރިފުޅު، ޔޫޔޫއަށް ބަލިވެ އިނީއްސުރެއްވެސް ވިހަން ދެން ވެސް ހާއްސަ އުފަލެއްގެ ގޮތުގައިގައި ހުރިހާ ވަގުތެއްގައިމެ މާތް ﷲ ގެ ކަލާމްފުޅު، ގުރުއާން ކިޔެވުމުގައި ދެމިހުއްޓެވެ.

އުންމު ހާނީ ދެކޭ އަދި ގަބޫލު ކުރާ ގޮތެއް ވެސް އޮވެއެވެ؛ އެއީ ބަލިވެން އިންނަ ދުވަސްވަރުން ފެށިގެން ހިތާ އެންމެ ކައިރިގައި ގުރުއާން ބޭއްވުން އެންމެ މުހިންމު ކަމަކަށް ހެދުމެވެ. ދަރިފުޅު އެހާ ޅަ އުމުރެއްގައި ކީިރިތި ގުރުއާން ހިތުދަސް ކުރުމުގައި އެކަން ބާރަކަށް ވެއެވެ. ޔޫޔު ވެސް އޭނާގެ އުމުރުން ދެ އަހަރާ ބައިގައި ގުރުއާން ހިތު ދަސްކުުރުމުގެ އާދަޔާހިލާފް މަސައްކަތް ފެށިއްޖެ އެވެ. -- އަލްހަމްދުލިﷲ

ކުޑަކުޑަ ޔޫޔުއަކީ ވާހަކަ ގިނަ ކުއްޖަކަށް ނުވެއެވެ. ގިނަ ފަހަރަށް އޭނާގެ ބަހުރުވައަކީ ހިނިތުން ވުމެކެވެ. އެހެންވެ އޭނާގެ ފަރާތުން ގިނަ ވާހަކަ ދައްކާ މީހަކަށް ވެފައި ވަނީ މަންމާ، އުންމު ހާނީ އެވެ. އޭނާ ބުނާ ގޮތުން ޔޫޔުގެ އުމުރުން ދެ އަހަރާއި ބައި ކުރިން ވެސް ޔޫޔުގެ ތޫނު ފިލިކަން ފާހަގަ ކުރެވެން ފެށި އެވެ. މަންމައާ ބައްޕަ ގުރުއާން ކިޔަވާ އަޑު ކަނުލައި އެހުމާއެކު ތުއްތު ތުއްތު އިރު ބައެއް އާޔަތްތައް ހިތު ދަހަށް ކިޔާން ފަށައިފި އެވެ.

"އަޅުގަނޑަށް މަޣުރިބު ނަމާދަށްފަހު ވެސް އަދި ނިދުމުގެ ކުރިން ވެސް ވަރަށް ގިނައިން ތަބާރަ ސޫރަތް [މުލްކު ސޫރަތް] ކިޔެވޭނެ. އެއް ދުވަހެއްގައި ޔޫޔު [ޔޫސުފް] ކިޔަވަނީ އެ ސޫރަތުން ތަންކޮޅެއް. ދެން އަޅުގަނޑު ހިތަށް އެރީ ކޮންމެ ރެއަކު އެހެން ކިޔަވާތީ އަޑު އަހައިގެނޭ މި ދަސް ކުރަނީ. އެއީ ދަރިފުޅު ވަރަށް ކުޑައިރު. އޭގެ ފަހުން ބަގަރާ ސޫރަތުގެ ބައެއް ވެސް ކިޔަވަން ފަށައިފި. ދެން ހިތަށް އެރީ އަޑުއަހައިގެން ޔޫޔު އެބަ ދަސްކުރެއޭ... އެކަމަކު އޭރު އެހާ ބޮޑަކަށް ބާރެއް ނާޅަން ދަސް ކުރުވާކަށް" މި ވާހަކަ ލިޔެވޭން ފެށި ގޮތް އުންމު ހާނީ ކިޔައި ދިނެވެ.

ޔޫޔުއަކީ ވަރަށް ކުޑައިރުން ފެށިގެން ރީތިކޮށް މަޚުރަޖަށް ކިޔަވަން ފެށި ކުއްޖެކެވެ. އޭނަގެ މަންމާ، އުންމު ހާނީއަކީ ގުރުއާން ކިޔަވައިދޭ މުދައްރިސެކެވެ. މަންމާ ކިޔަވައިދޭ އިރު ޔޫޔު ވެސް ދިޔައީ ފަހަތުން ގުރުއާންގެ އާޔަތްތައް ރީތި މަހުރަޖާގައި ކިޔަވައި ހިތުދަސް ކުރަމުންނެވެ. އެކަންވީ އާދަހިލާފު ކަމަކަށެވެ. އަދި އެކަންވީ ޔޫޔު އަށް ކިޔަވައިދޭން ވެސް ފަސޭހަވި ސަބަބަކަށެވެ.

ޔޫޔުއަށް ވާހަކަ ދެކެވި ކިޔަވާން ފެށުމާއެކު އެހެން ކަމެއް ވެސް ފެންނާން ފެށި އެވެ. ގޭގައި މީހުންނަށް ގުރުއާން ކިޔަވައިދޭއިރު ސޫރަތްތަކާއި ގުޅޭގޮތުން ކުރާ ސުވާލުތަކަށް ޔޫޔު އިސްވެ ޖަވާބު ދޭން ފެށީ އެވެ. ހަގީގަތުގައި ޔޫޔުއަށް ގުރުއާން ހިތު ދަސްކޮށްދޭން އަޒުމު ކަނޑައެޅުނު ހިސާބަކީ އެއީ އެވެ. އެހިސާބުން ފެށިގެން އެއީ ދެމަފިރިންގެ އެންމެ ބޮޑު އުންމީދަކަށް ވެސް ހެދި އެވެ.

"ވަރަށް ބޮޑު ޑްރީމެއް އަޅުގަނޑުމެންގެ ދަރިފުޅަކީ ރާއްޖޭގެ އެންމެ ކުޑަ ހާފިޒަށްވުމަކީ... ހަގީގަތުގައި މިކަން މި އައީ ދެ ފަރާތުގެ އާއިލާއިގެ ތެރެއިން ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު މަންމައަކީ ވެސް 20 އަހަރު ވަންދެން ގުރުއާން ކިޔަވައިދޭން މަސައްކަތްކުރި މީހެއް. އަންހެނުންގެ މަންމަވެސް ހަމަ އެހެން. ހުރިހާ ވަގުތެއް މަންމަމެން ހޭދަކުރީ ގުރުއާނާއެކު" މި އިންޓަވިއުގައި ޔޫޔުގެ ބައްޕަ ވެސް ބައިވެރިވި އެވެ.

ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ؛ އަދި ރަސްމީ ނުވި ނަމަވެސް މިހާރު ޔޫޔު ވެފައި ވަނީ ރާއްޖޭގެ އެންމެ ހަގު ހާފިޒުންގެ ތެރޭގައެވެ. މި ފުރިހަމަ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އުނގަކީ އުންމު ހާނީ އެވެ. އަދި އަޖައިބެއް ކަހަލަ މި މަސައްކަތުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރި ފުރާޅަކީ ދޮންދޫނި ލިޓުލްލާނާސް ޕްރީ ސްކޫލެވެ. އެ ސުކޫލްގެ މެނޭޖްމަންޓާ ޓީޗަރުންނެވެ.

އެ ސުކޫލަށް ޔޫޔު ވެއްދިއިރު ވެސް ގޭގައި މަންމަ ދިޔައީ ޔޫޔުއަށް ގުރުއާން ކިޔަވައިދެމުންނެވެ. ބައެއް ފަހަރު ފޯނު މެދުވެރިކޮށް ގުރުއާން އިއްވަމުންނެވެ. އެހެންވެ ސްކޫލަށް ދިޔައިރު ވެސް ތުއްތު ޔޫޔުގެ ޝައުުވެރިކަން ގުރުއާންގެ ތެރެއަށް ގެންގޮސްފައި ވެއެވެ.

"ބައެއް ފަހަރު ކިޔާފާނެ އަދި ނުކިޔާ ފަހަރުވެސް އާދޭ... އެކަމަކު މުޅީން ޔަގީންވި މިއީ ދަސްކުރުމުގެ ހުނަރު ވަރަށް ރަނގަޅު ކުއްޖެއްކަން." އުންމު ހާނީ ބުނެލި އެވެ.

ޔޫޔު ސްކޫލަށް ވަދެއްޖެ އެވެ؛ އޭނާގެ ހުނަރުވެރި ކަމާއި ތޫނުކަން ޓީޗަރުންނަށް ފާހަގަވެ ހައިރާންވެއްޖެ އެވެ. ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު ޒިފާފަށް އެކަން ފާހަގަ ކުރެއްވުނު ހިސާބުން ޔޫޔުގެ މަންމަ އާއި ބައްޕައަށް އެ ވާހަކަ ހިއްސާކުރި އެވެ. އެއީ ޔޫޔުގެ މަންމަ އާއި ބައްޕަ ދެކޭން ފެށި ހުވަފެނުގައި އެ ދެމަފިރިން އިންތިޒާރުކުރަމުން އައި ހާއްސަ ވަގުތުކޮޅަކަށް ވެސް ވިއެވެ.

"ސުކޫލުން އެއް ދުވަހަކު ޒިފާ އާންޓީ [ޑެޕިއުޓީ ޕްރިންސިޕަލް] ވިދާޅުވީ ވަރަށް ބޮޑު އުންމީދެކޭ ސުކޫލް ނިމުމުގެ ކުރިން ޔޫޔުއަށް ގުރުއާން އެއްކޮށް ހިތުދަސްކޮށް ދިނުމަކީ. އެއީ އަޅުގަނޑުމެންގެ ހުވަފެނުގައި ކުލަޖައްސަން ލިބުނު އެންމެ ބޮޑު ބާރަކީ،"

ނާސަރީގައި ކިޔެވި އިރު ޔޫޔު ދެ ފޮތް ހިތު ދަސް ކުރި އެވެ. އޭގެ ކުރިން އަންމާފޮތް އެއްކޮށް މުރާޖައާކުރިއެވެ. އަދި އެލްކޭޖީގައި އިތުރު ފަސް ފޮތް ދަސްކުރި އެވެ. އެ މަރުހަލާ ނިންމާލީ ޖުމްލަ އައް ފޮތް ދަސްކޮށް އެ އަށް ފޮތް އެކަށް މުރާޖައާ ކުރުމަށް ފަހުއެވެ.

ޔޫކޭޖީގައި ޔޫޔު ހޭދަކުރި އަހަރަކީ ގުރުއާނާއެކު އެންމެ ގިނަ ވަގުތު ހޭދަކުރި އަހަރެވެ. އެއީ އިއްޔެ ސްކޫލް ޗުއްޓީ ފެށި މި އަހަރެވެ. މިއަހަރު ތެރޭ ޔޫޔު ވަނީ 22 ފޮތް ހިތުން ދަސްކޮށްފަ އެވެ. މިދިއަ އޮކްޓޫބަރު މަހު އެކަނި ޔޫޔު ވަނީ 10 ފޮތް ހިތު ދަސްކޮށްފަ އެވެ. މިހާރު ގެންދަނީ އެ ބައިތައް މުރާޖައާ ކުރަމުންނެވެ.

"ހަތަރު އަހަރުން މި މަސައްކަތް މި ނިންމުނީ ދޮންދޫނި ސުކޫލުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު. ކޮންމެ ވަގުތަކު ބުންޏަސް ސުކޫލުގެ އެހީތެރިކަން ލިބޭ. ބައެއް ފަހަރު ތިން ހަތަރު ފަހަރު ވެސް ސުކޫލަށް ގެންގޮސް ޔޫޔުއަށް ދަސްކޮށްދިނުމުގައި ޓީޗަރުން މަސައްކަތް ކުރޭ. މުރާޖައާކޮށް ދިނުމުގައި ވެސް ސުކޫލްގެ ދައުރު ވަރަށް ބޮޑު. ޒިފާ އާންޓީ އަދި ސުކޫލްގެ ޕްރިންސިޕަލް ޝައިހު ހަސަން މޫސާ ފިކުރީ އަދި ހުރިހާ ޓީޗަރުންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނު. ޚާއްސަކޮށް ރިޝް، ސަނީ އަދި ޝިޔާ އާންޓީގެ ނަން ފާހަގަކޮށްލަން"

ހަ އަހަރުގައި ކީރިތި ގުރުއާން ހިތުން ދަސްކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. މިފަދަ ނަތީޖާ ނެރެން މުހިންމު ކަމެއް ޔޫޔުގެ މަންމަ ފާހަގަ ކުރެއެވެ. އޭނާ ބުނި ގޮތުގައި ދަރިންނަކީ މައިންބަފައިންގެ ރަނގަޅު ތަރުބިއްޔަތެއް ލިބިއްޖެނަމަ ކޮންމެ ދާއިރާއަކުން ވެސް ކުރި ހޯދާނެ ކުދިންނެވެ. ޚާއްސަކޮށް ގުރުއާނުގަ އެވެ. ބޭނުންވަނީ ވީހާވެސް ކުޑައިރު އެ ތަރުބިއްޔަތު ދޭން ފެށުމެވެ.

"އަޅުގަނޑުމެން ހޭނި ގޮތަކަށް ދަރިފުޅު ހޭނޭ. މިއަދު ކިޔަވާނީ ފަސް ގަނޑޭ ބުނެފިނަމަ ދަރިފުޅު އެގޮތަކަށް އަމަލު ކުރާނެ. އޭގެ އިތުރުުން މި ނިއުމަތަށް އެދި ވަރަށް ގިނައިން ދުއާވެސް ކުރިން އަޅުގަނޑުމެން ދެ މީހުން. އަދި ހިތް އަލިވާ ކާނާ ދިނުމަށް ވެސް އިސްކަން ދިނިން،" ޔޫޔުގެ މަންމަ ބުންޏެވެ.

ހަ އަހަރުގެ ކުއްޖަކު ހަތަރު އަހަރުން ގުރުއާން ހިތުދަސް ކުރުމަކީ ވަރަށް ގިނައިރު އެކަމަށް ހޭދަކޮށްގެން ނޫނީ ނުވާނެ ކަމެއް ކަމަށް ހީވެދާނެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ހާނީ ބުނި ގޮތުގައި ގުރުއާން ހިތުދަސްކުރަން ޔޫޔު ހޭދަކުރީ ވަރަށް މަދު ވަގުތުތަކެކެވެ. އަދި ވަރަށް ގިނަ ވަގުތު ޔޫޔު ޝައުގުވެރިވާ އެހެން ބައެއް ކަން ކަމަށް ވެސް ހުސްކުރި އެވެ.

ދޮންދޫނި ސުކޫލްގެ ފުޓްބޯޅަ ޓީމުގައި ވެސް ޔޫޔު ކުޅެ އެވެ. އެތައް މަސް ދުވަހެއް ވަންދެން ކޮންމެ ދުވަހަކު ގަވާއިދުން ފުޓްބޯޅަ ޕްރެކްޓިހަށް ވެސް ދިޔައެވެ. އަދި ޔޫޔުއަކީ ބާރަށް ދުވަން ވަރަށް ޝަައުގުވެރިވާ ކުއްޖަކަށްވާތީ ސާއިދު އެކަޑަމީއަށް ވެސް ގަވާއިދުން ދިޔަ އެވެ.

ތަފާތަކީ ގުރުއާން ހިތުދަސް ކުރަން އާންޓީންނާއެކު ޔޫޔު ހޭދަކުރާ ވަގުތަކީ ވަރަށް ޝައުގުވެރިކަމާއެކު ހޭދަކުރާ ވަގުތުތަކަކަށް ހަދާފައި އޮތުމެވެ. ހުރިހާ ވަގުތެއް އެކަމަށް ހޭދަ ނުކޮށް ފަސޭހައިން އެ ދަތުރު ނިންމާލެވުނު ސަބަބަކީ އެއީއެވެ.

"ވަރަށް ކުޑަ ވަގުތުކޮޅެއް އަސްލު ކިޔެވުމަށް ހޭދަ ކުރަނީ. ގިނަ ވަގުތުތަކެއް ކުޅެން ވެސް ދަރިފުޅު ހޭދަކުރޭ. އަވަސް އަރުވާލާފައި ނިންމާލާކަށް ނޫން ވިސްނީ. އަދި މިއަހަރު ވެސް ވަރަށް ގިނަ ވަގުތު ފުޓްބޯޅަ ކުޅެން ހޭދަކުރި. އަދި ސާއިދު ސްޕޯޓްސްގައި ދުވަންވެސް ދޭ." ޔޫޔުގެ ބައްޕަ ބުންޏެވެ.

ހާފިޒަކަށްވެ، ތަރިއެއްގެ ގޮތުގައި މިއަދު ޔޫޔުއަށް ވަނީ ދޮންދޫނި ލިޓުލް ލާނާސްއާ ވަކިވާން ޖެހިފައެވެ. ގުރޭޑް ކްލާސްތަކަށް ދާންޖެހޭނީ އެހެން ސުކޫލަކަށެވެ. އެކަމަކު އެ ޝަރަފްވެރި މަގާމަށް ޔޫޔު ގެނެސްދިން ސުކޫލް ދޫކޮށްލުމަކީ އޭނާ ވަރަށް ދެރަވާ ކަމަކަށް ވެއެވެ. އެހެން ނަމަވެސް ދޮންދޫނި އަދި އޮތީ ޔޫޔު ދޫކޮށްލާ ގޮތަކަށް ނޫނެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ރަސްމީކޮށް ޔޫޔު ހާފިޒެއް ކަމަށް ބަލައިގަންނަންދެން ގުރުއާން މުރާޖަޢާކޮށްދިނުމުގައި އެ ސުކޫލްގެ ދެމި އޮންނާނެ އެވެ.

ޔޫޔުގެ މަންމައާ ބައްޕަ ބޭނުންވަނީ ވީހާވެސް އަވަހަށް ގުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކުލާހުގައި ރަޖިސްޓްރީވެ ހިތުން ކިޔައިދިނުމުގެ މަސައްކަތް ފަށާށެވެ. އެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެކަމަކު ހަތް އަހަރު ވުމުންނެވެ. އެހެންވެ އެެހެން ފުރުސަތެއް ހޯދާ ވީހާވެސް އަވަހަށް ހާފިޒްކަމުގެ ސަނަދު ހޯދަން ޔޫޔުގެ މަންމަ އާއި ބައްޕަ ތިބީ ކެތްމަދުވެފަ އެވެ.

ދޮންދޫނި ލިޓުލްލާނާސް ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަދި ދީނީ އިލްމުވެރިޔާ ޝައިހު ހަސަން މޫސާ ފިކުރީ ވިދާޅުވި ގޮތުގައި ޔޫޔުގެ ކާމިޔާބާމެދު ސުކޫލް ފަޚުރުވެރިވެ އެވެ. ކީރިތި ގުރުއާންގެ އިލްމު ފަތުރައި ދީ ޅަ ދަރިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމަކީ އެ ސުކޫލުގެ އަމާޒެވެ.

"އަޅުގަނޑުމެންގެ ފުލް ސަޕޯޓް ބެލެނިވެރިންނަށް އޮންނާނެ. ދަރިވަރު އެކަން ކުރުމަށް ޝައުގުވެރިވެ، ބެލެނިވެރިން އެދިއްޖެނަމަ އިންޝާﷲ، މި ސުކޫލް އޮންނާނީ އެކަމަށް ތައްޔާރަށް." އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ތުއްތު ކުދިންނަކީ ވަރަށް ހިތްއަލި ބައެކެވެ. އެހެންވެ ޔޫޔުގެ މަންމަ އާއި ބައްޕަ ފަދައިން ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން އޭނާ ބެލެނިވެރިންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަ އެވެ.

"ތުއްތު ކުދިން ވަރަށް ހިތްއަލި. ބެލެނިވެރިންނަށް ފުރުސަތު ލިބޭނެ އެކުދިން އެކި ރޮނގު ރޮނގުން ތަރުބިއްޔަތު ކުރަން. އެހެންވީމަ އެ އުމުރު ނަގާނުލާ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރަން އިސްކަން ދޭންޖެހޭ." ހަސަން ވިދާޅުވި އެވެ.

ހަސަންގެ އަނބިކަނބަލުން އަދި ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު ޒިފާފު ވިދާޅުވި ގޮތުގައި ޔޫޔުގެ ހުނަރުވެރިކަން ފާހަގަކުރެވުނު ހިސާބުން އެ ސުކޫލުގެ ހަތަރު އަހަރު ނިމުމުގެ ކުރިން ގުރުއާން ހިތުން ދަސްކޮށްދިނުމަށް ވަރަށް ބޮޑަށް ބޭނުންވި އެވެ.

"ހަގީގަތުގައި ޔޫސުފްއަކީ ވަރަށް ބަސްއަހާ ރަނގަޅު ކުއްޖެއް. މާޝާﷲ. މިހާ ހިސާބަށް މިއާދެވުނީ އެންމެންގެ ބުރަ މަސައްކަތުން." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ ޝުކުރު މި މަސައްކަތުގައި އުޅުނު ހުރިހާ ޓީޗަރުންނަށް އެބައޮތް. ޓީމުގެ މަސައްކަތާމެދު އަޅުގަނޑު އުފާކުރަން. އަދި ޔޫޔުއަށް ލިބުނު ކާމިޔާބަށް ހަމްދުކުރަން. އުންމީދަކީ އިތުރު ކާމިޔާބީތައް މިންވަރުކުރެއްވުން."

ޔޫޔުގެ މަންމަ އާއި ބައްޕަ ބުނި ގޮތުގައި ގުރުއާނަށް އޮތް ޝައުގުވެރިކަން ބޮޑު ކަމުން ގުރުއާނުގެ މާނަ ދަސް ކުރަން ވެސް ޔޫޔުގެ ޝައުގުވެރިވެ އެވެ. އަދި ކުޑަކުޑަ ޔޫޔު ބުނާ ގޮތުގައި އޭނާ އެންމެ ޝައުގުވެރިވަނީ "ޔޫސުފް ސޫރަތް" ކިޔަވާށެވެ.

"އުންމީދު ހާސިލު ވެއްޖެ... ދެން އެންމެ ބޮޑު އުންމީދަކީ އިސްލާމްދީނަށް ލޯބިކުރާ، އަރަބި ބަސް ދަންނަ އަދި ޚުލުގު ހެޔޮ ދަރިވަރަކަށްވުން. ދީީނަށް ޚިދުމަތްކުރާ ކުއްޖަކަށްވުން. އަދި ކުޅިވަރު ކުޅުމަށްވެސް ވަރަށް ޝައުގުވެރިވޭ. އަދި ހިސާބު އިލްމަށްވެސް ވަރަށް ޝައުގުހުންނަކަން ފާހަގަކޮށްލެވޭ. އެހެންވީމަ އެ ދާއިރާތަކުން ޔޫޔު ވިދާލުމަކީ ވެސް ވަރަށް ބޮޑު އުންމީދެއް." ދެމަފިރިން ވެސް މިހެން ބުންޏެވެ.

ޔޫޔު ހޯދި ބޮޑު ކާމިޔާބާއެކު މަންމައާ ބައްޕަ ތިބީ ވަރަށް އުފާވެފަ އެވެ. ޔޫޔުގެ ވާހަކަ އަޑު އަހާފައި ގައުމު އޮތީ އުފާވެފަ އެވެ. އަހަރެމެން އެންމެން އެދެނީ ރ. އިނގުރައިދޫ، އުދަރެހުން އަރައިގެން އަންނަ މި ރަން ތަރިއަކީ އެންމެ އަލިގަދަ އެންމެ ވިދުން ގަދަ ތަރިއަށް ވެގެން ދިއުމެވެ.