މީހުން

އާދައިގެ މީހެއް، ތަނަވަސް ހިތެއް!

ކޮވިޑާއެކު ދުނިޔެ އެފުށް މިފުށަށް ޖަހާލިއިރު އާ ނަން ނަމާއި އާ ކަންކަމާއި އާ ޑޮކްޓަރުނާއި އާ ބޭފުޅުންނާއި އާ ލީޑަރުން އުފަންވެ ފެނި ދަސް ވެއްޖެ އެވެ. އެކަމަކު ކޮވިޑްތެރޭ ދިވެހި އުދަރެހަށް އަރާ އެންމެންގެ ލޮލުގައި އަޅައިގަތް އެންމެ އަލިގަދަ ތަރިއަކަށް މިވީ ހާލު ޖެހުނު ދުވަހު ދިވެހިންގެ ތެރެއިން ދިވެހިންނަށް، އެހީވާން ނުކުތް އާ ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) އެވެ. މިހާރު މަންޑޭއަކީ އެންމެން ދަންނަ، އެންމެ މަގުބޫލު، އެންމެ ބައްދަލު ކޮށްލަން ބޭނުން އަދި މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ އެވެ.

ހަމަ އެއްވެސް މީހަކު މަންޑޭއާ ސުވާލު ކުރާނަމަ އޭނާ ދޭން އޮތް ޖަވާބަކީ މިއީ އެވެ: "އަޅުގަނޑު މި އައީ ރިހި ތަބަކެއްގައި މީހަކު ދިން ރަނުގެ ފުރުސަތަކުން މުއްސަނދި ވެގެނެއް ނޫން. އަޅުގަނޑު މިއީ ބުރަ އާއި އުނދަގުލާއި ހިނގި ދިގު ހިނގުމެއް ނިމޭ ހިސާބުން މާތް ﷲ އަޅުގަނޑަށް ދެއްވި ތަނަވަސް ކަމަކާއެކު. މި ފުދުންތެރި ކަމާއެކު އަޅުގަނޑު މިއައީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އަޅުގަނޑުގެ އަތުގައި އޮތް އެއްޗެއް ދޭން،"

އިތުރު ސުވާލެއް ނެތިއްޔާ މަންޑޭގެ ދަތުރު ފަށާ ހިސާބަކީ މިއީ އެވެ؛ މަންޑޭއަކީ މއ. އެރަލް ސީ، ގިރާވަރު މޫސަ އާއި ޝަރީފާ އަބްދުﷲ ގެ ދެމަފިރިންގެ ކުދީންގެ ތެރެއިން ދެވަނަ ދަރިފުޅެވެ. އުމުރު، ވިހި ފަންސަވީހުން ނެއްޓުނު އިރުވެސް އޭނާއަކީ ފުދުންތެރި ކަމެއް ނެތް ވަރަށް އާދައިގެ ނިކަމެތި ދިރިއުޅުމެއް އުޅެމުން އައި ޒުވާނެކެވެ. ދުނިޔޭގެ ކޮންމެ އުފަލަކަށް އަތް ފޯރާވަރުގެ ތަނަވަސްކަން އޭނާއަށް މިންވަރުވީ ކުޑައިރު ދަތި ހާލު ބަނޑުހައިކަން މަތީ ހުރެ ސްކޫލަކަށް ގޮސް އަދި އިންޓޯލް ބޯނެ ފަދަ ނެތި ދިޔަ ދިގު ޒަމާންތަކަކަށް ފަހު އެވެ.

"ކުޑަ އިރު އަޅުގަނޑަކަށް ނުލިބުނު އިންޓޯލެއް. އެންމެންގެ އިންޓޯލް ގަޑީގައި އަޅުގަނޑަށް ލިބެނީ އެހެން ދަރިވަރުން ލޮލީ އާއި ކިރިމި ޖެހި ބަނަހާއި އޭރު ވަރަށް މަޝްހޫރުވި މަސް ބަނަސް ކާއިރު ކުޅުދިޔައި ކޮށްލައި އަމިއްލަ ތުންފަތް ހަފާލަން އެކަނި،" މަންޑޭ ބުންޏެވެ.

މަންޑޭ ބުނި ގޮތުގައި އެހެން ކުދިން ޖޫސް ޕެޓީ ބޯ އިރު މަޖީދިއްޔާގެ މައި ދޮރާށި ކައިރީގައި ބަލަހައްޓަައިގެން ވަރަށް ގިނައިން އޭނާއަށް ހުރެވުނެވެ. އަދި އެހެން ކުދީން ރީތި އެއްޗެހި ހިފައިގެން ސްކޫލަށް ދިޔައިރު އެފަދަ އެއްޗެހި ނުލިބުނަސް އަތް ބީއްސާލާ ހިތް ވިއެވެ. އެކަމަކު އޭނާގެ އުމުރުން 21 އަހަރުގައި 18 އަހަރު ވަންދެން ބަލިވެ އުޅުމަށް ފަހު މަންމަ ދުނިޔޭ ދޫކޮށްފައި ދިޔައިރު ވެސް އޭނާއަށް އެއީ ހަމައެކަނި ދެކެމުން އައި ހުވަފެނެކެވެ.

އޭގެ ކުރިން މަންމަ ބަލިވެގެން ބޭހަށް ދިއުމުން މަންޑޭ އައި ކޮއްކޮމެން ބަލަން ބައްޕަ ފާރާތު މުސްކުޅިވެފައިވާ ދެ ދައްތައަކާ ވެސް ހަވާލުވި އެވެ. އެ ދެ ދައްތަ ކޮންމެ ދުވަހަކުވެސް އަންނަނީ ލިބާހުގެ ޖީބަށް ހުނިލީ ރޮއްޓެއް ލައިގެނެވެ. މަންޑޭ ވިދާޅުވާ ގޮތުގައި މިއަދު ވެސް ބަނޑުހައިވުމުން އެ ދެ ދައްތަ އާއި އެ ހުނި ރޮށީގެ މަތީން ހަނދާންވެ އެވެ.

"ބައްޕައަކީ ވެސް އާދައިގެ ނިކަމެތި މީހެއް. ގިރާވަރުން ހުޅުލެއަށް އަދި ފަހުން މާލެެއަށް ބަދަލުވެ، މަންމައާ ބައްދަލުވެ އާއިލާއެއް އުފެދި އަޅުގަނޑުމެން ކުދީން ބޮޑުވަމުން އައިރު ވެސް އޮތީ ފަގީރު ކަމުގެ ހަނދާންތަކެއް... އެހެން ނަމަވެސް ބައްޕަ އާއި މަންގެ މަސައްކަތުން އެފަދަ ދިރިއުޅުމަކަށް ވަރަށް ރީތިކޮށް ހުރިހާ ކުދިން ފިޓް ވާނެހެން ތަރުބިއްޔަތު ކޮށްދީފައިވޭ... ކޮންމެ ފަދަ ހާލެއްގައި އުޅެން ޖެހުނަސް އެގޮތަށް ފިޓްވާން ދަސް ކޮށްދިން،"

މަންޑޭގެ ބައްޕައަކީ ގިރާވަރު / ހުޅުލޭ މަސްވެރިއެކެވެ. ފަހުން ސިފައިންގެ އާދައިގެ މީހެކެވެ. އޭގެ ފަހުން ސިފައިންގެ ވަޒީފާއިން ވަކިވެ ރައީސް މައުމޫން ވެރިކަން ނިމެންދެން ވެސް ހުރީ ރައީސް އޮފީހުގެ ސެކިއުރިޓީއަކަށެވެ. މަންމަ ނިސްބަތް ވަނީ އެއް ރަށަކަށް އޮތް ހަމައެކަނި އަތޮޅު ފުވައްމުލަކު ސިޓީއަށެވެ.

ދިރިއުޅުން ބިނާވެފައި މަންޑޭގެ ބައްޕައަށް ލިބެމުން އައި ވަރަށް ކުޑަ ކުޑަ މުސާރައަކަށެވެ. ދެން އޮތީ އުންމީދުތަކެވެ. އާއިލާގެ އެއްބަނޑު އެއްބަފާ ހަ ބެއިންނާއި ކުރީގެ ކައިވެންޏެއްގައި މަންމައަށް ލިބިފައިވާ ދެ ބެއިންނަށް ކިޔަވައިދީ ތާހިރު ދިރިއުޅުމެއް ހޯދައި ދޭން ކުރި ފޮނި އުންމީދުތަކެވެ.

މަންޑޭ ފުރަަތަމަ ކިޔަވަން ދިޔައީ އަހުމަދިއްޔާގެ ޕްރީސްކޫލަށެވެ. ދެން ޖަމާލުއްދީނުން މަޖިީދިއްޔާ އަށެވެ. ނަމަވެސް މަޖީދިއްޔާގެ ގްރޭޑް 7 ގައި ދެ އަހަރު ރިޕީޓް ވާން ޖެހި، އޭރު އޮންނަ އުސޫލުގެ ތެރެއިން ސްކޫލުން ވަކި ކުރުމުން އެނބުރި ގޮސް ވަންނާން ޖެހުނީ އަނެއްކާ ވެސް މައްޗަންގޮޅި އާއި އަޅި ކުލައަށް ނިސްބަތްވާ އަހުމަދިއްޔާއަށެވެ.

"ހަގީގަތަކީ ތައުލީމީ ގޮތުން މާ އުހަށް ދެވުނު މީހެއް ނޫން. އެހެން ދިމާވީ އުޅެން ޖެހުނު ފަގީރު ކަމުގެ ތެރެއިން ކޮންމެ ދުވަހަކު ނުކުންނަ ހިތްދަތި އެތައް ކަމެއް ސަބަބުން ކިޔެވުމުގެ ފޯރި ނުހުންނަނީ... އަނެއްކޮޅުން ނިކަމެތި ވެސް ވީމާ ކަންނޭނގޭ ސްކޫލް ތެރެއިން ވެސް މުދައްރިސުންގެ ފަަރާތުން ވެސް މާ ބޮޑަކަށް ބާރެއް ނާޅާ... އެހެން ނަމަވެސް އުނދަގުލުގައި ގްރޭޑް 10 ނިންމާލެވުނު... ތެދަށް ދަންނަވަންޏާ ފޮތާއި އޭގައިވާ އެއްޗަކަށް ވުރެ ބޮޑަށް އަޅުގަނޑަށް ފެންނަމުން ދިޔައީ ސިކުނޑީގައި އޮތް މަންޒަރަކާއި ތަސައްވުރެއް،" މަންޑޭ ވިދާޅުވި އެވެ.

މަންޑޭ ވިދާޅުވި ގޮތުގައި އާއިލާގެ ތެރޭން ވަށައި ބައްދާލާފައިވާ ނިކަމެތި ކަމާއި ދުރަށް ދާން ކުޑައިރު ވެސް އޭނާ ޓްރައި ކުރި އެވެ.

"އަޅުގަނޑަށް ފެނޭ ބޭރު ތެރޭން އެހެން ކުދިން އުފަލުގައި އޫޅޭތަން. ގެއަށް ދިޔައިމާ އަޅުގަނޑަށް ފެނޭ ކޮއްކޮމެން އުޅޭ ހާލު. އަޅުގަނޑު ދެކެން ބައްޕަ ވަޒީފާގެ ބުރަ މަސައްކަތުން އަވަދިގެން އައިސް މަންމައަށް އެހީވެ ދީފައި މަންމަ ބަލިވެ އުޅޭތީ ގޭތެރޭ ކުނި ކަހާ ސާފުކޮށް ފުށް މޮޑެ ރޮށި ފިހެ ލައިގެން ކާ އެއްޗެހި ތައްޔާރު ކުރާތަން. އެ ނިކަމެތިކަން އަޅުގަނޑުގެ ފަހަތުން އަންނާތީ އެއާ ދުރަށް ދާނެ ވިސްނުމެއް ސިކުނޑީގައި ބާއްވައިގެން އަޅުގަނޑު އުޅުނީ... ބޭނުންވީ ފުމެ ދުވެ ކުޅެ މަޖާކޮށް ހީނ ސަކަރާތް ޖަހަން. އަދި ރީތި ހެދުމެއް ލައި ރީތި ބޫޓަށް އަރައިގެން އެހެން ކުދިންނާއެކު ދުވަން ބޭނުންވަނީ،" މަންޑޭ އޭނަގެ އޮފީހުގައި އިންނަވައިގެން އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

މަންޑޭ ވިދާޅުވި ގޮތުގައި އޭނާގެ އެ ވިސްނުމުގެ ތެރެއިން އުންމީދުގެ އެހެން ހުޅުކޮޅެއް ވެސް އޭރު ދިއްލިފައި ހުއްޓެވެ. އެއީ ރާއްޖެއަށް ހަމިންބާޑް ހެލިކޮޕްޓަރު ތައާރަފުވުމާއެކު އޭގެ ކެބިން ކުރޫއަކަށް އެއްބަނޑު ބޭބެ، އިބްރާހިމް ނާޒިމަށް ވެވި އޭނާގެ ސަަބަބުން އާއިލާއަށް އަންނާން އޮތް އުފާވެރި ކަމާއި ކުރިއެރުމުގެ އުންމީދެވެ.

ނާޒިމް ހަމިންބާޑުގައި އުދުހެން ފެށި އިރު އަދި ސްޓޭޑިއަމަށް ހޮލިކޮޕްޓަރުގައި ޖައްސާއިރު ބަލާން ގޮސް މަންޑޭ ހުންނައިރު އެ ސްޓޭޑިއަމުންގެ ތެރެއިން ދުއްވައިގަތް އަނެއް ބޭބެ މުހައްމަދު ނާޒިމް އޭރު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި "ފަންތޮށި ނާޒިމަކަށް" ވެގެނެއް ނާދެ އެވެ.

"އޭރު އަނެއް ބޭބެ މަޝްހޫރެއް ނުވޭ ... ފަންތޮށި ނާޒިމަކަށް ނުވޭ. އެކަމަކު ހަމިންބާޑުގައި ހުންނަ ބޭބެއަށް ރަނގަޅު މުސާރަ ލިބޭތީ ވަރަށް އުފާވޭ ވަރަށް ބޮޑު އުންމީދެއް އޮވޭ ބޭބެއަށް. ނަމަވެސް އެ އުންމީދުތައް ހާސިލުވުމުގެ ކުރިން ހަމިންބާޑް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޭބެ ނިޔާވެ ދެކެމުން އައި އުންމީދުތަކާއި ހުވަފެންތައް ފެނަށްވެ ހުޅުކޮޅު ނިވެގެން ދިޔައީ،" މަންޑޭ ވިދާޅުވި އެވެ.

ނާޒިމް މަރުވީ ހާދިސާ އައީ ޖަނަވަރީ 8، 1994 ގައެވެ. ހޮނިހިރު ދުވަހެއްގެ ގާތްގަނޑަކަށް 11:15 އެހާކަންހާއިރު އަރިއަތޮޅު ފެސްދޫ ކައިރީގައި ހިނގައިދިޔަ އެ ހާދިސާގައި ހަމިންބާޑް ހެލިކޮޕްޓާސްގެ އެމްއައި-8ޕީ މަރުކާގެ ހެލިކޮޕްޓަރު ވެއްޓުނު ގޮތަށް ކަނޑުގެ އަޑިއަށް ދިޔައިރު، ބޯޓުގައި ތިބި 11 މީހުންގެ ތެރެއިން ނުވަ މީހުން މަރުވެ، އެކަކަށް ވަރަށް ބޮޑަށް އަނިޔާވިއިރު އެހެން ފަސިންޖަރަކަށް ކުދި އަނިޔާތަކެއް ލިބުނެވެ. އޭގެ ތެރެއިން މަރުވި އެކަކީ މަންޑޭގެ އުންމީދުތަކާ ގުޅިފައިވާ އޭނާގެ ބޭބެ އެވެ.

"އެފަދަ ނުރަކާތެރި ގޮތަކަށް އަދި ކުއްލި ގޮތަކަށް ބޭބެ ނިޔާވުން ލިބުނު ހިތާމައާ އެއްވަރަށް އެއީ ލިބުނު ވަރަށް ބޮޑު ޝޮކަކަށްވީ... އެ ހަބަރު ލިބުމާއެކު ދުވެދުވެ ހުރި އަޅުގަނޑު ހުއްޓުނީ. ސަބަަބަކީ އޭނާގެ ސަބަބުން އާއިލާއަށް އަދި އަޅުގަނޑަށް ވެސް ވަރަށް ބޮޑު އުންމީދެއް އާވެފައި އޮތީ. އެ ބޭބެއަކީ އަހަރެންގެ ވަރަށް ބޮޑު ހޯޕެއް! އެ އުންމީދު މަރުވެ ދިއުމުން ހުރިހާ ހުވަފެނެއް ވެސް ފެނަށް ވެގެން ދިޔައީ... އޭގެ ފަހުން ވަރަށް ގިނައިން އެކަނި ސްޓޭޑިއަމަށް ގޮސް ހެލިކޮޕްޓަރު ޖައްސާ ދިމާއަށް ބަލަހައްޓައިގެން ވެސް ހުންނަން... ހެލިކޮޕްޓަރުން ބޭބެ ފައިބައިގެން އަންނަ މަންޒަރު ފެންނަހެން ހީވަނީ..." އޭނާ ވިދާޅުވި އެވެ.

ނާޒިމް ނިޔާވުމުން އިތުރަށް ކިޔަވާކަށް މަންޑޭ ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް މަންމައާ ބައްޕައަށްޓަކައި ސްކޫލަށް ދިޔަ އެވެ. އެކަމަކު މުޅީން އުޅެވުނީ ކުޅިވަރުގެ ތެރޭގަ އެވެ. ބާސްކެޓްގައި ބައިވެރިވެ ސްކޫލް ޓީމަށް ކުޅެން ފަށައިގަތުމުން ދިރިއުޅުމަކީ ބާސްކެޓް ކުޅުން އެކަނި ކަމަށް ސިކުނޑިއަށް ގަބޫލު ކުރެވުނެވެ. މަންޑޭއަށް އެގޮތަށް އިހުސާސް ކުރެވި ދުއްވައިގަތުމާއެކު ބާސްކެޓްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭނާ ނެގި އެވެ. އަދި ގައުމީ ޓީމާއެކު ދިހި ރާއްޖެ ތަމްސީލް ކުރާން ޖަޕާނަށް ދާން ފުރުސަތު ލިބި ދަތުރަށް ތައްުޔާރުވާން ފެށި އެވެ.

"އޭރު މަންމަ ބަލިވެ އުޅޭތާ 18 އަހަރުވެ، ވަރަށް ބަލި ބޮޑު ވެއްޖެ! ފުރަން އުޅެނިކޮށް މަންމަ ބުނި ވާހަކައެއް އަދިވެސް ހިތުގައި ބިންވަޅު ނެގިފައި އެބަ އިނދޭ... އެ ދުވަހު މަންމަ ބުނަނީ މި ވަގުތު މި ފަސް އިނގިލި ފެންނަނަ ފަދައިން މާދަމާ ލޯ މާރާލިޔަސް މަންމައަށް ފެނެއޭ މަމްދޫހަށް އެހީވެ، ލޯބިވާނެ އެއްވެސް މީހަކު ނެތި ދާތަން... އެހެންވީމާ މަންމަގެ ވަސިއްޔަތަކީ އަމިއްލައަށް އުޅެވޭވަރަށް ދަރިފުޅު މަސައްކަތެއް ކުރާށޭ އަދި އެހެން މީހުން ދެކެ ވަރަށް ލޯބިވާ މީހަކަށް ވާށޭ!" މަންޑޭ ވިދާޅުވި އެވެ. "ކަން ދިމާވި ގޮތުން އަޅުގަނޑު ޖަޕާނުގައި ހުއްޓާ މަންމަގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ... މާލެ އައިތާ ހަތަރުވަަނައަށްވީ ދުވަހު މަންމަ ނިޔާވެއްޖެ،" މަންމަގެ ފޮޓޯއެއް ދައްކާލަމުން މަންޑޭ ވިދާޅުވި އެވެ. އެ ފޮޓޯގެ ނުފުށުގައި މަންޑޭގެ އަތުން ލިޔުއްވައި އޮންނަނީ "މަންމަ ނިޔާވީ އޭޕްރީލް 5. 1999 ގައި ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހު" އެވެ.

"މަންމަ ވަކިވި ދުވަސް ވީ ހަޔާތަށް ވަރަށް ބޮޑު ބަދަލެއް އައި ދުވަހަކަށް. އެ ހިސާބުން އިތުރަށް ސްކޫލަށް ވެސް ނުގޮސް ޔުނީފޯމް ބާލާފައި ސްޓެލްކޯ ބާސްކެޓް ޓީމްގެ ޖޯޒީލައިގެން ކުޅެން ނުކުތީ. އަޅުގަނޑު ހުރެގެން ސްޓެލްކޯ ޓީމަށް ބާސްކެޓް ތަށި ހޯދައި ދީފައި ދެން ދިޔައީ މާޒިއާއަށް" އެނާ ވިދާޅުވި އެވެ. "އެކަމަކު މަންމަ އާއި ބޭބެގެ މަތީން މާ ބޮޑަށް ހަނދާން ވާތީ އަދި ހާއްސަކޮށް ނިޔާވުވުމުގެ ކުރީން މަންމަ ބުނި ވާހަކައިގެ މަތީން ހަނދާންވެ އަސަރު ކުރާން ފެށުމުން ބާސްކެޓް ބޯޅަ ދޫކޮށްލައި ކޯޓުން ފޭބީ. އެކަމަކު ބާސްކެޓުން ދަސްވި ކަމެއް އޮތް އެއީ ގަދައަޅައި ކުރިޔަށް ދާން މަސައްކަތް ކުރުމުގެ އަޒުމު"

މަންޑޭ ވިދާޅުވި ގޮތުގައި މާޒިއާގެ ފެހި ޖޯޒީ ބޭލި ފަހުން ރަހުމަތްތެރިއެއް ކަމަށްވާ ފިރުޝާންއާ ބައްދަލުވެ މާލެ އާއި ރިސޯޓްތަކާއި ރަށްރަށުގެ ގޭގޭގައި ޑިސް އެންޓަނާ ހަރު ކުރުމުގެ ވަޒީފާއެއް ޖޭބީ ކައިރީން ލިބުނީ ދާނެ އަމާޒެއް ވެސް މަންޒިލެއް ވެސް ނެތިފައި ހުއްޓަ އެވެ.

ގިނަ ބަޔަކު ދަންނަ ޖޭބީ މަންޑޭއަށް ދިން އެ ވަޒީފާއަކީ މުސާރައެއް ލިބޭ ގޮތަށް މަންޑޭ ވަޑައިގެންނެވި ފުރަތަމަ ވަޒީފާ އެވެ. އެ ވަޒީފާގެ މުސާރައަކީ 750 ރުފިޔާ އެވެ. އެ މުސާރާގައި ހަތަރު އަހަރެއްހާ ދުވަހު އުޅުއްވި އެވެ. މުސާރައިގެ ބޮޑުބައި ދެއްވީ ބައްޕައަށެވެ.

"ވަޒީފާއަށް ފަަހު ރައްޓެހިން ލިބި ފަހުން ދެން ބޮޑަށް ބަދަލުވީ 'ސްޓްރީޓް ބޯއީ' އަކަށް އޭރު 21 އަހަރު ވެއްޖެ ދެން މީހުން ސައިބޯތަނުން ދުފާލައިގެން ފެންފޮދެއް ބޯލައިގެން ބައެއް ފަހަރު ބައެއް މީހުން ކޮފީއެއް ދިނީމަ އެވެސް ބޯލައިގެން ތަންތަނުން ހޮވައިގެން ސިގިރޭޓް ބަޓް ބުރި ބޯލައިގެން އުޅުނީ..." މަންޑޭ ވިދާޅުވި އެވެ.

އަޅުގަނޑަށް ފެނޭ ބޭރު ތެރޭން އެހެން ކުދިން އުފަލުގައި އޫޅޭތަން. ގެއަށް ދިޔައިމާ އަޅުގަނޑަށް ފެނޭ ކޮއްކޮމެން އުޅޭ ހާލު. އަޅުގަނޑު ދެކެން ބައްޕަ ވަޒީފާގެ ބުރަ މަސައްކަތުން އަވަދިގެން އައިސް މަންމައަށް އެހީވެ ދީފައި މަންމަ ބަލިވެ އުޅޭތީ ގޭތެރޭ ކުނި ކަހާ ސާފުކޮށް ފުށް މޮޑެ ރޮށި ފިހެ ލައިގެން ކާ އެއްޗެހި ތައްޔާރު ކުރާތަން. އެ ނިކަމެތިކަން އަޅުގަނޑުގެ ފަހަތުން އަންނާތީ އެއާ ދުރަށް ދާނެ ވިސްނުމެއް ސިކުނޑީގައި ބާއްވައިގެން އަޅުގަނޑު އުޅުނީ... ބޭނުންވީ ފުމެ ދުވެ ކުޅެ މަޖާކޮށް ހީނ ސަކަރާތް ޖަހަން. އަދި ރީތި ހެދުމެއް ލައި ރީތި ބޫޓަށް އަރައިގެން އެހެން ކުދިންނާއެކު ދުވަން ބޭނުންވަނީ،
ހަސަން މަމްދޫހު | ޒުވާން ވިޔަފާރިވެރިޔާ

މަންޑޭ ވިދާޅުވި ގޮތުގައި މަގުމަތީން ވެސް ތަޖުރިބާތަކެއް ކުރެވުނެވެ. ނިކަމެތީން ފެނުމުން މޫނު އަނބުރާލާފައި ދާ މީހުނާއި އެހީތެރިވާން އަތް ހުޅުވާލާ މީހުން ފެނި ދަސްވެ ފިލާވަޅުތަކެއް ލިބުނެވެ. އެ ތަޖުރިބާތައް ކުރެވެމުން ދިޔަ ނަމަވެސް މަންމަ ދުށް ހުވަފެން ހަގީގަތަކަށް ހަދަން ކުރަންޖެހޭ މަސައްކަތް އޮތީ ނުކުރެވި އެވެ. އަދި އެކަމާ ނޫޅެވި މަޑުމަޑުން އޮޔާ ބެހެމުން ގޮސް 2003 ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހި ހާދިސާއާއެކު މާލެ ތެރޭގައި އުފެދުނު، ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅު ފިކުރުތަކާއި ޑިމޮކްރަސީގެ އޮއިގަނޑުގައި ޖެހި އެ ހަރާކަތުގެ ތެރެއަށް މަންޑޭ ވެސް ގެނބިގެން ދިޔައީ އެވެ.

"ދެން ވާން ފެށި ގޮތަކީ ސިފައިންގެއާ ދޫނިދުއާ ތަންތަނަށް ގެންދަން ފެށީ އެހެންވެ ރައީސް މައުމޫންގެ ވެރިކަން ދެކެ ފޫހިވެފައި ހުރީ. ރަައީސް މައުމޫނުގެ ވެރިކަމަށް ތައީދު ނުކުރިޔަސް ބައްޕަ ރައީސް އޮފީހުގައި އުޅޭތީއާއެކު ރައީސަށް އޮންނަ އިހުތިރާމެއް އޮވޭ... އެކަހަލަ ގޮތަކަށް ކަންކަން ދާން ފެށުމުން ހިތަށް އަރަނީ އަބަދު މިހެން ޖަލުގައި ހޭ އުޅޭނީ؟"

ދެން އޮތީ މަސައްކަތެއް ކުރާން ފެށުމެވެ؛ އެ އަޒުމުގައި ނުކުމެ އެޕޯލޯގެ ޕާޓްނަރެއް ކަމަށްވާ ދިގަލި ވަހީދާ ބައްދަލު ކުރުމުން ފިހާޅޮހި ރިސޯޓަށް ހިލަވެލި ގެންދިއުމުގެ ޕްރޮޖެކްޓެއް އޭނާ ހޯދައި ދެއްވި އެވެ. ހަ މީހުނާއެކު އެ ޕްރޮޖެކްޓްގައި ދޯންޏަކަށް 17 ޓަނު ހިލަވެލި، ބަރުކޮށް ފިހާޅޮއްސަށް ގެންގޮސް ހުރިހާ ހިލަވެއްޔެއް ސައިޓަށް ބޭލީ ކޮނޑުމަތީގެ އެވެ. ޕްރޮޖެކެޓްުން ލިބުނު 120،000 ރުފިޔާ ހަމަހަމައަށް ބަހާލައި މާލޭގައި އިމާރާތް ކުރާ ތަންތަން ވެސް ހިލަވެލި އުފުލައި ދިނެވެ. ހުޅަނގު ދެކުނު، ޓީޖެޓީން ޕިޕަކަށް ހިލަ ބަރު ކޮށްގެން ގެންގޮސް ކޮނޑުގައި ސައިޓަށް ބާލައި ދެނީ އެވެ. އެއީ ގޯންޏަކަށް ބައި ރުފިޔާއެއްގެ ރޭޓުންނެވެ.

އޭގެ ކުރިން މަންޑޭ އެހެން ވަޒީފާއަކަށް ވެސް ދިޔަ އެވެ. އޭއީ މިހާރު ވަރަށް ފުޅާވެ ބޮޑުވެފައިވާ އެންސިސް ފަށައިގަތަނާ އެވެ. އެތާނގައި ކުރި މައްސައްކަތީ ކޮނޑުމަތީގައި ބޮޑު ކަންނެލި އުފުލުމެވެ. އެތަނުން މަންޑޭއާ ބައްދަލުވެ ރައްޓެހިކަން އުފެދުނު އޭރު އެތާނގެ މުވައްޒަފަކު މިހާރު އެއީ މަންޑޭގެ ވަރަށް ގާތް ރަހުމަތްތެރިއެއް އަދި އޭނާގެ މުވައްޒަފެކެވެ. މަންޑޭ މިހާރު ހިނގާ އެހީގެ ޕްރޮގްރާމްގެ މެނޭޖަރަކީ ވެސް އޭނާ އެވެ.

"ހިލަވެލީގެ މަސައްކަތުން ފައިސާކޮޅެއް ލިބިފައި ހުއްޓަސް މީހުން ދެކެނީ އަޅުގަނޑަކީ ލާޗާރުބިޗާރަށް އުޅޭ މޮޔައެއް ކަމަށް. އެހެން ނަމަވެސް އެ ފައިސާކޮޅުން ޕްލޭނެއް ހަދާލައިގެން ޓްރައި ކުރީ ލަންކާއަށް ކަނޑު މަސް ބޭރު ކުރުމަށް އެ މަސައްކަތް ފަށައިގެން ގޮސް އެކި ދިމާ ދިމާއިން އަންނަންޖެހޭ ފައިސާ ނުލިބި ތާށިވެ އެގޮތް މިގޮތަށްވެ ތަރުތީބު ގެއްލުނު އިރު އަޅުގަނޑުގަނޑު ދޫކޮށްފައި ބައެއް ޗެކްތައް ބައުންސްވެ އަނެއްކާ ޖަލަށާއި ޝަރީއަތަށް ދަމަން ފަށައިފި،"

ދެހާސް ތިން ވަނަ އަހަރު އުފެދުނު ސިޔާސީ އޮއިވަރުގައި މަންޑޭ ބެހިގެން ދިޔައިރު އޭގެ ތެރޭގައި ގާސިމް އިބްރާހިމް އުޅުއްވަ އެވެ. އެ ހަރަކާތުގައި ހިމެނުނު އެންމެންގެ ތެރެއިން މަންޑޭއަށް ކަމުދިޔައީ ގާސިމެވެ. އެއީ އޭނާ މީހުނަށް އެހީތެރިވެ ދެއްވާތީ އެވެ. ގާސިމާ ބައްދަލުވުމަކީ އެދޭ އެދުމަކަށް ވެސް އޭރު ވެފައި އޮތެވެ.

ސިޔާސީ ހަރާކާތުގެ ތެރޭގައި އުޅެނިކޮށް 2004 ވަނަ އަހަރު މަޝްހޫރު "އޯގަސްޓް ބާރަތޭރަ" އައިސް ޖުމްހޫރީ މައިދާނުން މުސާ ރަމީޒު (މޫސަބޭ) އާ ގާތް ކަމެއް އުފެދުނެވެ. އޭނާއަކީ ގާސިމާ ވަރަށް ގާތް މީހެއް ގޮތަށް އަޑުތައް އޮންނާތީ އާއި ކުރިންސުރެ ކައިރިން ގާސިމް ދެކެލައި ބައްދަލުވުމުގެ ޝައުގުވެރިކަން ހުންނާތީ ގާސިމް ބައްދަލު ކޮށްދިނުމަށް މޫސަބޭ ގާތުގައި އެދުނެވެ.

"ބުނެފި މާ ބޮޑު ކަމެއް ނޫނޭ! އެހެން ހުއްޓާ އެއް ދުވަހު މުސަބޭ ގުޅާފައި ބުނީ އަވަހާ އަންނާށޭ ގާސިމް ގާތަށް ދާން. އެ ދުވަހު ގާސިމާ ބައްދަލު ވުމުން އަޅުގަނޑަށް އެނގެނީ އެއީ ވަރަށް ބޮޑު ހިތެއް ލިބިވަޑައިގެންފައިވާ ތަފާތު ބޭފުޅެއް އަދި ވަރަށް ހިތްތިރި ދީލަތި ބޭފުޅެއްކަން،"

މަންޑޭ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަށް ފަހު ގާސިމުގެ ވަޒީފާއެއްގައި ހުއްޓާ ބަންގުރޫޓުވި އޭނާގެ ކުންފުނިން އިޝޫކޮށްފައި އޮތް 48،7،00 ރުފިޔާގެ ޗެކެއް ބައުންސުވި މައްސަލާގައި ޝަރީއަތް ނިމި ޖަލަށް ދާން ޖެހިއްޖެ އެވެ. އަދި ހުކުމުން ބައެއް ތަންފީޒު ކުރި ފަހުން އެކަން ގާސިމަށް އެނގި ވަޑައިގެން އަމިއްލަފުޅަށް އެ ފައިސާ ދައްކަވައި މަންޑޭ މިނިވަން ކުރެއްވީ އެވެ. އޭރު ގާސިމް ހުންނެވީ ރައީސް މައުމޫނުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.

އޭގެ ކުރިން އެ މައްސަލައިގެ ތަހުގީގުގެ ތެރޭގައި ވެސް މަންޑޭއަށް ޖަލަށްދާން ޖެހުނެވެ. އެ ތަހުގީގަށް ފަަހު ގެއަށް ދޫކޮށްލި ދަނޑިވަޅު މަންޑޭ އެންމެ ލޯބިވާ އޭނާގެ އެންމެ ކުޑަކޮއްކޮ އަބްދުﷲ ޝިފާގު މޫސާ ކިޑްނީ ފޭލި ވެގެން ނިޔާވި އެވެ. އެއީ 2005 ވަނަ އަހަރު އެވެ.

"ކޮއްކޮގެ ޖަނާޒާ ހިނގަމުން ދިޔައިރު ކަރުނަ ފޮހެލާފައި އަޒުމެއް ކަނޑައެޅީ މާތް ﷲ އިރާދަ ކުރެއްވިއްޔާ ފައިސާ ހޯދަނަމޭ... އަދި އެހީއަށް އެދޭ އެއްވެސް ދިވެެއްސަކަށް ދެރަ ގޮތެއް ވިޔަ ނުދޭން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަމޭ! އެ އަޒުމު ކަނޑައަޅަން ޖެހުނީ ކޮއްކޮ ބަލިވެ އުޅުނު އިރު އެނާއަށް ފަރުވާ ކުރާނެ ފައިސާ ނުލިބި ބައްޕަ އުފުލާން ޖެހުނު ބުރަ އާއި ސަލާން ޖަހަން ހިނގި ހިނގުން ފެނި ދެރަ ވެގެން،"

"އެއްވެސް މީހަކު އަޅައެއް ނުލި ތިމާގެ މީހުން ވެސް އަޅައެއް ނުލި އެކަމަކު ރައީސް މައުމޫން ތީމުގެ ބަޖެޓުން ކޮންމެވެސް އެހީއެއްވި އަޅުގަނޑު މާ ބޮޑަށް ގަޔާ ނުވިޔަސް ރައީސް އެހީވި. ނަމަވެސް ރާއްޖެއިން ބޭރަށް ގެންދެވޭވަރު ނުވެ އެކަމަށް އެދި ސަލާން ޖަހަމުން ދަނިކޮށް ކޮއްކޮ ނިޔާވީ އޭގެ ސަބަބުން އަޒުމު ކަނޑައެޅީ ފައިސާ ހޯދަން. އަދި އެއްވެސް ދިވެއްސަކަށް ދެރައެއް ހިތާމައެއް ލިބުނަ ނުދޭން އަޅުގަނޑަށްވީ ވަރަކުން އެހީވެ ދޭން. އެ ނިޔަތް ގަނެެގެން ހުއްޓާ ޖަލަށްލީ... ފަހުން ގާސިމް އަޅުގަނޑު ސަލާމަތްކޮށް ދަރަނި ފިލުވީ. ޖަލުން މިނިވަން ވުމުން ގާސިމް އަޅުގަނޑު ގެންގޮސް ބައްޕައެއް ފަދައިން ދިން ނަސޭހަތެއް ދިން ވިދާޅުވި މަމްދޫހު އަމިއްލައަށް ކޮޅަށް ތެދުވާށޭ!"

އެންމެ ބޮޑު ސުވާލަކީ މިއީ؟

އޭގެ ފަހުން ގާސިމްގެ ސެކިއުރިޓީންގެ ތެރޭގަ އާއި އޭނާގެ ޕާޓީގެ ބައެއް ކަންކަމުގައި މަންޑޭ އުޅުނެވެ. އަދި ކައިވެންޏަކާ ހަމައަށް ދިއުމުން ހުރިހާ ހަރަދެއް ވެސް ގާސިމް ދެއްވި އެވެ. ކައިވެނީގެ ރަނަށް ދޭން ޖެހުނު 786 ރުފިޔާ މަންޑޭއަށް ދެއްވީ ވެސް ގާސިމުގެ ޖީބުންނެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިމި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ފެށުނުތަނާ ގާސިމްގެ ވަޒީފާ ދޫކޮށްލައި އަމިއްލައަށް ވިޔަފާރިއެއް ކުރަން ނުކުމެ "ކާޔާ މޯލްޑިވްސް" ގެ ނަމުގައި ވިޔަފާރިއެއް ފެށީ އެވެ. ނުއެއް ހިނގި އެވެ. އޭގެ ފަހުން 2012 ނިމޭން ދަނިކޮށް މަންޑޭގެ މިހާރުގެ ތަނަވަސް ކަމާއި ވިޔަފާރީގެ ނަސީބުގެ ދޮރު ހުޅުވި ތަނަވަސް ވެގެން ދިޔަ އެވެ.

"ކޮރެއާ ބިލިނިއަނަރަކާ އަޅުގަނޑާ ގުޅޭ ގޮތް މިންވަރު ވަނީ ރައީސް ޔާމީންގެ ވެރިކަން ފެށޭން ދަނިކޮށް، އެއީކަން ނޭނގޭ މިހާރު އެންމެންގެ ވެސް އެންމެ ބޮޑު ސުވާލަކަށް ވާނީ!"

ހަގީގަތުގައި ވެސް އެންމެ ބޮޑު ސުވާލަކީ އެއީ އެވެ. ބޮޑެތި ވިޔަފާރިވެރިންނާއި މަހުޖަނުންނާއި ބާރުގަދަ ފަރާތްތައް ވެސް ތިބި ރާއްޖެއިން އެކުގައި ވިޔަފާރި ކޮށްލަން ދެކުނު ކޮރެއާގެ ޒުވާން ބިލިއަނަރަކަށް ކަމުދިޔައީ މަންޑޭ އެވެ. އޭނާ މަންޑޭއާއެކު ވިޔަފާރި ކުރަން ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ ބިލިއަނަރެއްގެ ހިތް ފަހަތަ ކުރަން މަންޑޭ ދެއްކެވީ ކޮން ވާހަކަތަކެއް ހެއްުޔެވެ؟

މަންޑޭ ވިދާޅުވި ގޮތުގައި ވިޔަފާރި ކުރަން އެކި ފަހަރު މަތީން ސްރީލަންކާއަށް ވަޑައިގެން ފުުރުސަތެއް ހޯއްދަވަން މީހުނާ ބައްދަލު ކުރަން އުޅުއްވުމުގެ ތެރޭގައި ލަންކާގެ އާމީގައި މަސައްކަތް ކުރައްވަ ހައި ރޭންކުގެ ބޭފުޅަކާ އޭނާއާ ބައްދަލުވެ ރަހުމަތްތެރި ކަމެއް އުފެދިފައި ވެއެވެ. އަދި އަބަދުވެސް ވިޔަފާރީގެ ހިޔާލު ގެންގުޅުއްވާތީ އާއި ވިޔަފާރީގެ ވާހަކަ ދައްކަވާތީ އޭނާ ދަންނަ ކޮރެއާ ޕާޓީއެއް އެބައުޅޭ ކަމަށް ވިދާޅުވެ އެ މީހުނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވީ އެވެ.

"އޭނާ އަޅުގަނޑު ގޮވައިގެން ގޮސް އިންޓްރޮޑިއުސް ކޮށް ދިނީ. އޭރު އެމީހުން މި ސަރަހައްދުގައި ކުރާން ބޭނުންވާ މައިގަނޑު ވިޔަފާރިއަކީ ސޯލާ ހަކަތައިގެ ވިޔަފާރިއެއް. އެކަމަކު އަޅުގަނޑު އޮފާ ކުރީ ރާއްޖޭގައި ކޮންސްޓަރަކްޝަން ދާއިރާއިއަށް އިންވެސްޓް ކުރަން، ހައުސިން ރައްޖެއަށް ބޭނުންވާކަން. އެ ވާހަކަތައް ދެއްކީމާ އެ މީހުން ބުނީ ޕްރޮޕޯސަލެއް ގެނެސް ބަލާށޭ... އޭރު އޮފީހެއް ހުޅުވަން ވެގެން ތަންތަނުގެ ރެންޓްތައް ބަލަމުން ދިޔައިރު އަގު ބޮޑުވެގެން އުޅުމުގެ ތެރޭގައި އައިޑިއާ އައިސްގެން ޕްލެޓިނަމްގެ އަގުތަކާއި މިންތައް ނަގައިގެން ޕްރޮޕޯސަލް ހަދައިގެން ލަންކާއަށް ގޮސް އެ ހުށަހެޅީ."

މަންޑޭ ވިދާޅުވި ގޮތުގައި ދަތުރު ހަދައިގެން ގޮސް ހުށަހެޅުމުން އެ މީހުން މާ ބޮޑަކަށް ޝައުގުވެރިއެއް ނުވި އެވެ. އެކަމަކު ދޫކޮށް ނުލައި އެއީ ރާއްޖޭގައި ފައިދާއާއެކު ކުރެވޭނެ ކަމެއް ކަން ވިސްނައި ދޭން މަސައްކަތް ކުރެއްވި އެވެ.

"އޭރަކު އެއީ ކިހާވަރެއްގެ ބައެއް ކަމެއް ވެސް އެމީހުންގެ ފަހަތުގައި ހުރީ ކިހާވަރެއްގެ ކާކު ކަމެއް ވެސް ނޭނގޭ! އެ މީހުން ވެސް މާ ގަޔާ ނުވެފައި ތިބެފައި ބުނީ ތިން ދުވަސް ފަހުން ޖަވާބެއް ދޭނަމޭ އެ ދުވަހު ގޮސް އަޅުގަނޑު އިތުރަށް ކިޔައިދޭން ފެށުމުން އަޅިގަނޑުގެ ސިކުނޑީގައި އޮތް މަންޒަރު ނަގައިގެންފި... ދެން ޖަވާބެއް ނުދީ ބަލަހައްޓައިގެން އިނދެނެފައި ބުނީ 'ޔޫ އާ އަ ސްމާޓް ގައި' އެހެން! އެހިސާބުން ފެށިގެން އަޅުގަނޑަގެ ޕްރޮޖެކްޓް އޮންބޯޑު ވީ!"

އަދި އެހިސާބުން ފެށިގެން މަންޑޭއާއެކުގައި ވިޔަފާރި ކުރަން ނިންމި އެވެ. އަދި އެއީ ކޮން ބައެއް ކަމާއި ފަހަތުގައި ހުންނެވީ ބިލިއަނަރެއްކަން މަންޑޭއާ ހިއްސާ ކުރި އެވެ. މަންޑޭ ވިދާޅުވި ގޮތުގައި އޭނާއާ ގުޅިވަޑައިގެންފައި ވަނީ ދެކުނު ކޮރެއާގައި އެންމެ މުއްސަނދި ތިނެ ބލިއަނަރުންގެ ތެރޭގައި ހިމެނި ވަޑައިގަންވާ ބޭފުޅެކެވެ. ކުޑަ ދުވަސްކޮޅެއް ފަަހުން ދެކުނު ކޮރެއާއަށް ވަޑައިގެން ބިލިއަނަރާ ބައްދަލުވެ ވަޑައިގެން އެއީ އެކުގައި ވިޔަފާރި ކުރާ ބޭފުޅަކަށްވުރެ ބޮޑަށް ރަހުމަތްތެރިއަކަށް ވެވަޑައިގެންނެވި އެވެ.

"އެހިސާބުން މަސައްކަތް ފެށުނީ... ކުރިން އަޅުގަނޑުގެ ސިކުނޑީގައި ބިނާ ކޮށްގެން ހިފައިގެން މިނިސްޓްރީއަށް ގެންދިއުމުން އެއްލައިލީ [ކޭޕާކް] އިމާރާތް ގެންގޮސް ކޮރެއާ ބިލިއަނަރުގެ ސިކުނޑިއަށް ލައި ދިނީ! އެހިސާބިން ދެން ޕްރޮޖެކްޓާއެކު ސަރުކާރު ތެރެއަށް ވަނުމުން ހީނގެންފައި އަހަނީ ކިހިނެއްހޭ ތިކަން ކުރާނީ؟ ފައިސާ ކޮބައިހޭ؟ މީހުން ކޮބައިހޭ؟ ދެން ހަމަ މަލާމާތް ކުރަނީ. އެ މަލާމާތާއި ސުވާލުތަކަށް ދޭން އޭރު އަޅުގަނޑު އަތުގައި އޮތް ހަމައެކަނި ޖަވާބަކީ 'އަހަރެން މިކަމަށް މަސައްކަތް ކޮށްފާނަމޭ' އޭނޫން ޖަވާބެއް ނުދެވުނު ދެން ނުކުމެގެން ދަނީ.. އެކަމުގައި އެތައް ދަތި އުނދަގުލެއް އުފުލައިގެން އެކަން ކާމިޔާބުވީ،"

މަންޑޭ ވިދާޅުވި ގޮތުގައި މިހާރު ހުޅިމާލޭގައި 14 ބުރިއަށް ހެދި ފުރިހަމަވާން ދާ ކޭޕާކަކީ އޭނާގެ ވިޔަފާރީގެ ކުޑަކުޑަ ރަމްޒީ ތަނބެކެވެ. ރާއްޖޭ އައި ސިންގަޕޫރާއި ކޮރެއާ އާއި ޗައިނާ އާއި ތައިލެންޑޭގައި ވެސް އޭނާގެ ފިޔަފާރި ހިނގަ އެވެ. އަދި އޭނާއަކީ ކޮރެއާގެ ބިލިއަނަރުގެ އިންޓަނޭޝަނަލް ވިޔަފާރީގެ އެއް ޕާޓްނަރެވެ. މަންޑޭ ވިދާޅުވި ގޮތުގައި އޭނާ ދުށް ހުވަވެން ހަގީގަަތަކަށްވީ އޭނާގެ މޮޅު ކަމަކުން ގަދަ ކަމަކުން ނޫނެވެ. އެކަމަކު އެއީ ކޮރެއާ ބިލިއަނަރު އޭނާއަށް ކުރެއްވި އިތުބާރާއި އޭނާއަށް މަންޑޭ ދެއްކެވި އިހުލާސްތެރި ނިޔަތާއި ސާފު މޫނުގެ ސަބަބުން މާﷲ އޭނާއަށް މިންވަރު ކުރެއްވި ތަނަވަސްކަން ބޮޑު ނިއުމަތެކެވެ.

ވަރަށް ތަނަވަސް މުއްސަނދި ވިޔަފާރިވެރިއަކަށް ވެވަޑައިގެންނެވުނު އިރު މިހާރު ކޮރެއާ އާއި ޗައިނާ އާއި ސިންގަޕޫރާއި ތައިލޭންޑާއި އަދި މާލެއާއެކު 500 އަށް ވުރެ ގިނަ މުވައްޒަފުން މަންޑޭގެ ހިދުމަތުގައި 24 ގަޑިއިރު ތިބެ އެވެ. އެކަމަކު
އަދިވެސް މަންޑޭ އުޅުއްވަނީ ވަރަށް އާދައިގެ ގޮތަކް އެންމެ ކުރިން ވެސް އޭނާގެ އުޅުނު ހިތްތިރި ދިރިއުޅުމުގަ އެވެ.

"އަޅުގަނޑުމީ ހަމަ ގިރާވަރު މޫސަގެ މަންޑޭ... އަޅުގަނޑު ކުރި ތަޖުރިބާ އެހެން މީހުން ކޮށް ބޭސް ފަރުވާ ކުރާނެ ފައިސާ ނުލިބި ދުނިޔެއާ ވަކިވެވެގެންދާ މަންޒަރު ދޭކަށް އަޅުގަނޑު ބޭނުމެއް ނުވޭ. މާﷲ އަޅުގަނޑަށް މި ދެއްވި ތަނަވަސްކަމާމެދު އަޅުގަނޑު ދެކެނީ ހާލު ޖެހިފައިވާ ނިކަމެތި މީހުނަށާއި އެހީއަށް ބޭނުންވާ މީހާއަށް، އޮތް މިންވަރަކުން ރައްދު ދޭން އަޅުގަނޑާ މަތި ކުރި އަމާނާތެއްގެ ގޮތުގައި... އަޅުގަނޑު މިހުރީ ކޮންމެ އުފަލަކަށް އަތްފޯރާ ހިސާބުގައި، އެހެންވެ އަޅުގަނޑު ބޭނުމީ އެހެން މީހުން އުފާ ކޮށްދޭން،"

މަންޑޭ ވިދާޅުވި ގޮތުގައި އެހެން މީހުން ފަދައިން އޭނާއަކީ ވެސް 100 ޕަސެންޓް ފުރިހަމަ މީހެއް ނޫނެވެ. ހަޔާތުގައި އެންމެ ރަނގަޅު ނޫން ކަންކަން ހިނފައި ހުރެދާނެ އެވެ. އެކަމަކު ހުވަފެނުގައި ދުށް ހުރިހާ ކަމެއް ވެސް އޭނާއަށް މިހާރު ހާސިލް ވެފައި ވެ އެވެ. އަދި އޭނާގެ މަންމަގެ ފަހު ދުވަސްތަކުގައި އެދުނު ފަދައިން ލޯބިވެ އެހީވާނެ އެކަކު ނެތަސް ކޮޅަށް ތެދުވެ ހިނގައި ގަނެވޭވަރު ކުރެވިފައި ވެއެވެ.

"އަޅުގަނޑު ސިކުނޑީގައި އޮތް ތަސައްވުރެ ހަގީގަތަކަށް ވެއްޖެ އަޅުގަނޑު މަންމަ ވަކިވެގެން ދަމުން އެދުނު ކަންކަން ކަންކަން ފުރިހަމަ ކުރެވިއްޖެ! އަޅުގަނޑުގެ ބޭގެ ފަރާތުން އާއިލާއަށް ލިބޭނެ ކަމަށް އުންމީދު ކުރި އުފާތައް ގެއްލިފައި ވަނިކޮށް އެ އުފާވެރިކަން އާއިލާއަށް އަނބުރާ ހޯދައި ދެވިއްޖެ! އަދި ފަރުވާ ދެވޭނެ ފައިސާ ނެތިގެން އަޅުގަނޑުގެ ކޮއްކޮ ދުނިޔެއާ ވަކިވެގެން ދިޔަ ދުވަހު ކުރި އަސަރުގައި ޖަނާޒާގެ ތެރޭ ހުރެ ކަނޑައެޅި ޓާގެޓަށް ވާސިލު ވެވިއްޖެ،"

މަންޑޭގެ މަންމަ ވިދާޅު ވަނީ ތެދެކެވެ؛ މަންމަ ވަކިވެގެން ދިއުމުން މަންޑޭއަށް އުޅެން ޖެހުނީ ވަރަށް ނިކަމެތި ކަމާއި ދެރައިގަ އެވެ. އާއިލާއެއް ނެތެވެ. ލޯތްބެއް ވެސް އަޅައިލާނެ މީހަކު ވެސް އެހީތެރިއަކު ވެސް ރައްޓެއްސަކު ވެސް ނުވި އެވެ. އެކަމަކު މިއަދު އޭނާގެ ވަށައިގެން ވަނީ ލޯތްބާއި ލޯބިވާ މީހުނެވެ. އެހީތެރިންނާއި އެހީއަށް އެދޭ މީހުނެވެ. ބައްދަލު ކުރަން ބޭނުންވާ މީހުންނާއި ކޮންމެހެން ބައްދަލު ކޮށްލަން ބޭނުންފުޅު ވެގެން ވަޑައިގަންނަވާ ބޭފުޅުންގެ ކިޔޫ ވަރަށް ދިގެވެ.

"އެއީ ދުނިޔޭ ދެކޭ ހަގީގަތް، އަޅުގަނޑު ބޭނުމީ ނިކަމެތި މިސްކީނުންނާއި އާދައިގެ މީހުންގެ ލޯބި އެ ފަދަ ފަރާތްތަކުގެ ދުއާއަށް ވުރެ ބޮޑު ލޯތްބެއް ބޭނުމެއް ނޫން... ދެން ބޭނުމީ އަޅުގަނޑަށް ނުލިބުނު އުފާ ދަރިންނަށް ހޯދައިދޭން،"

މަންޑޭގެ އާއިލާ

އެއްބަންޑު އެއްބަފާ

އަހުމަދު މަމްދޫހު
ހަސަން މަމްދޫހު
އަލީ ސުހައިލް
އައިޝަތު ދިފްލީން
ހުސައިން ސުހައިލް
އަބްދުﷲ ޝިފާގު މޫސާ (ކިޑްނީ ފޭލްވުމަށް ފަހު ނިޔާވެފައި)

އެއްބަނޑު ވަކި ބަފާ ދެބެއިން

މުހައްމަދު ނާޒިމް (ފަންތޮށި ނާޒިމް)
އިބްރާހިމް ނާޒިމް - ހަމިންބާޑް ފެސްދޫ އެކްސިޑެންޓްގައި ނިޔާވެފައ

މަންޑޭގެ ބައެއް އެކުވެރިންގެ ދުލުން

އެންމެ ނިކަމެތިވި ދުވަހު މަންޑޭ ފެނުމުން މޫނު އަނބުރާ ނުލައި ދިޔަ ދެތިން ހަތަރު މީހަކު އުޅެ އެވެ. މިހާރު ހުރިހާ ވަގުތެއްގައި ވެސް މަންޑޭއާ އެންމެ ގާތުގައި ތިބެނީ ވެސް އެ ރަހުމަތްތެރީންނެވެ. އޭގެ ތެރެއިން އެކަކީ މަންޑޭގެ ވަރަށް ޒުވާން އުމުރު މަގުމަތީގައި އުޅުނު އިރު އެކުގައި ހޮޓާތަކަށް ވަދެ، ފޯއް ތަބައްތަކުން ދުފާލައި މަގުމަތީން ސިނގެރޭޓް ބަޓް ހޮވައިގެން އެކުގައި ޝެއާކޮށް ބޮއި އުޅުނު ހުސައިން ނައީމެވެ.

އޭނާ ބުނި ގޮތުގައި މެދުނުކެނޑި މަންޑޭއާއެކު އެންމެ ގިނަ ދުވަހު އުޅުނީ އޭނާ އެވެ. އެކަހަލަ ދެވަނަ މީހަކު އޭނާއަށް އަދި ފެނިފައެއް ނުވެ އެވެ.

"އޭނާއަކީ ވަރަށް ހިތް ހެޔޮ މީހެއް. ރުފިޔާއެއް އޮތިއްޔާ އެހީއަށް ބޭނުންޖެހިފައިވާ އަނެއް މީހާއަށް ބައިރުފިޔާއެއް ދޭން ބޭނުވާ މީހެއް.... ވަރަށް ނިކަމެތި ހާލުގައި ބޮޑުވެގެން އައީ. އަޅުގަނޑުމެން ދެމީހުން އެކުގައި ވެސް ވިޔަފާރިކޮށް އެތައް ފަހަރަކު ފޭލިވި... އޭގެ މާފަހުން ތަނަވަސް މީހަކަށް ވެގެން އޭނާ އަމިއްލައަށް އަޅުގަނޑަށް ގުޅައި އޭނާގެ ވަޒީފާއަށް އަޅުގަނޑު ގެންދިޔައީ. ވަޒީފާގައި ހުއްޓަސް މިއަދު ވެސް އަޅުގަނޑާ އޭނާއާ އޮތް ގުޅުމަކީ މަގުމަތީގައި ބަޓް ބުރި ބޯން އުޅުނު އިރުވެސް އޮތް ގުޅުން އެހާ ސިމްޕަލް،" ހުސައިން ވިދާޅުވި އެވެ.

މަންޑޭ ވިދާޅުވާ ގޮތުގައި އޭނާގެ ސިއްރުވެރި އެކުވެރިޔަކީ ޓެކްސީ ކުރަން އުޅުނު އާދައިގެ ރަހުމަތްތެރި އިމްރާނެވެ. އެއީ އޭނާ ނިކަމެތި ހާލުގައި އުޅުނު އިރު ކޮންމެ ދުވަހަކު ޓެކްސީ ކުރުމަށް ފަހު މަންޑޭއަށް ސައި ދީ ހައިކަން ފިލުވައިދިން އާދަޔާހިލާފު ދެ ގޮތެއް ނުވާ ރަހުމަތްތެރިއެވެ. އަބަދުވެސް ބަނޑުހައިވެފައި ހުރިތޯ ބަލައި ހެދި އެވެ. މަންޑޭއަށް ތަނަވަސްކަން ލިބުމާއެކު ފުރަތަމަ ހޯދީ ވެސް އިމްރާނެވެ. އަދި އޭނާ ގެނެސް މަންޑޭއާ އެންމެ ގާތުގައި ބެންދި އެވެ.

އިމްރާން ބުނި ގޮތުގައި "މަންޑޭއަކީ އަމިއްލަ ނަފުސަށް ވުރެ އަނެއްމީހާ އިސް ކުރާން ދަސްކޮށްފައިވާ އަދި އެކަމަށް ލޯބި ކުރާ" މީހެކެވެ.

ކޮރެއާގެ ބިލިއަނަރުގެ ހިތް ފަހަތަ ކުރުމުގައި މަންޑޭއަށް ވަރަށް މުހިންމު ރޯލެއް އަދާކޮށްދެއްވި ބޭފުޅަކުވެސް ވެއެވެ. ނަން ލިޔާކަށް އޭނާ ބޭނުންފުޅެއް ނުވެއެވެ. އަދި މިހެން ވިދާޅުވި އެވެ: "މަންޑޭގެ ކޮރަޕްޝަނެއް ނޯންނާނެ، އިހުލާސްތެރިވާނެ، އަތުގައި އޮތް އެއްޗެއް އަނެއް މީހާއަށް ދެވިގެން ނޫނީ ހިތްހަމައެއް ނުޖެހޭނެ. ކަންކަން ނިންމާލުމުގައި އަވަސް އަދި ދީލަތި ކަމުގެ އިންތިހާގައި ހުރި މިއަދު ވަރަށް ތަނަވަސް ބޭފުޅެއް. އެންމެ ކުރުކޮށް ބުނަންޏާ ބުނެވޭނީ އަންއެކްސްޕެކްޓެޑް ޕާސަން އެކޭ.... އަޅުގަނޑު މަންޑޭއަށް އެހީވެ ދިނިން. އޭގެ ބަދަލުގައި އެނާ ދެކެނީ އަޅުގަނޑަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައި"

މަންޑޭގެ އެންމެ ހާއްސަ އެކުވެރި ރަހުމަތްތެރިޔަކީ މުހައްމަދު މުހުސިން (މުންޗުޅި) ބުނީ މަންޑޭއަކީ ތަނަވަސްކަން ލިބި ވަޑައިގަތުމާ ހަމަައަށް ވެސް އަދި މިއަދުވެސް ދެގޮތެއް ނުވާ ރަހުމަތްތެރިއެކެވެ. ލިބި ވަޑައިގެންނެވި ނިއުމާތާމެދު ބޮޑައެއް ނުވެ ޝުކުރުވެރި ހިތަކާއެކު އެހީވެދެއްވާ ބޭފުޅެކެވެ.

"ކުރިންވެސް ހުރި މަންޑޭ މިހާރު ވެސް އެއީ އެއްވެސް ބަދަލެއް އޭނާއަކަށް ނާދޭ. ހަމަ އެ މިޒާޖް ހަމަ އެ އެހީތެރިކަން. އަބަދުވެސް މީހުނަށް އެހީވުމަކީ އޭނާގެ އުފަލެއް،" މުންޗުޅި ބުންޏެވެ.

މަންޑޭ ދަތުރުގެ ރޮނގުމަތީގައި ގައުމީ ރަން ކެޕްޓަން އައްސަދު އަބުދުލް ޣަނީއަކީ ވެސް މުހިންމު ނަމެކެވެ. އޭނާ ބުނި ގޮތުގައި މަންޑޭއަކީ ހިތްތިރި ކަމާއި ހިތްޔޮ ކަމުގެ ނަމޫނާއެކެވެ.

މި ވަަގުތު މަންޑޭގެ އެހީ އެންމެ ބޮޑަށް އަމާޒު ކުރައްވާފައި ވަނީ ކޮވިޑާ ގުޅިގެން ރަށްރަށަށް އެހީތެރިވެ ދެއްވުން ކަމަށް ވިޔަސް ބޭސް ފަރުވާއަށް ބޭނުންވާ މީހުނާއި ކިޔަވާން ބޭނުންވާ ފަރާތްތަކާށާއި ފަގީރުންނާއި މިސްކީނު ޔަތީމުންނަށް އެހީވެ ދެއްވުމަކީ މަންޑޭ އިސްކަން ދެއްވާ ކަންކަމެވެ.

"މިހާރުވެސް އެތައް ބަޔަކަށް އެހީވޭ މިދިއަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަ އެންމެ ދުވަހެއް ވެސް ނުދާނެ އެހީ ގޮތުގައި ލައްކައެއްހާ ރުފިޔާގެ ހޭދަ ނުކުރާ އެއީ އަޅުގަނޑަށް އެނގިގެން. އެކަމަކު އެނޮނިމަސްކޮށް ވެސް މަންޑޭ ވަރަށް ގިނަ ބަޔަކަށް އެހީވޭ" ނައީމް ވިދާޅުވި އެވެ.