ހަބަރު

މަތީ ތައުލީމާއި ބެހޭ ހާއްސަ އެކްސްޕޯއެއް ފަށައިފި

"ނެކްސްޓް ސްޓެޕް" ކެރިއާ ގައިޑަންސް އަދި މަތީ ތައުލީމާބެހޭ އެކްސްޕޯ އެއް ފަށައިފި އެވެ.

މި އެކްސްޕޯ ފައްޓަވައިދެއްވީ މިކަމަށްޓަކައި މިއަދު ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ. މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖްގެ ރައީސް ޑރ. ނައުޝާދާއި، އެކޮލެޖްގެ މުވައްޒަފުންނާއި ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބި ކަނބަލުން ވަނީ މައުރަޒުގައި ހުޅުވާފައިހުރި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

ކުލިކް ކޮލެޖުން އިންތިޒާމުކޮށްގެން، ޖޭސީއައި މޯލްޑިވްސްއާ ގުޅިގެން ބާއްވާ މި އެކްސްޕޯ ކުރިޔަށްގެންދަނީ މިއަދާ މާދަމާ، އާރޓްގެލަރީ ގައެވެ. މިއަހަރުގެ މި އެކްސްޕޯ ބޮޑަށް އަމާޒުކޮށްފައި ވަނީ އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކްލިކް ކޮލެޖްގެ ރައީސް ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ ކްލީކް ކޮލެޖުން މިއެކްސްޕޯ ބޭއްވުމުގެ އެންމެބޮޑު މަގްސަދަކީ ސްކޫލް ނިންމާ ދަރިވަރުންނަށް ރާއްޖޭގައި ކުރެވެން ހުރި ތަފާތު މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުން ކަމަށެވެ. އަދި ދިވެހިރާއްޖާގައި ވަރަށް ތަފާތު މަސައްކަތް އެބަހުރި ކަން ކުދިންނަށް އޮޅުން ފިލުވައިދީ، ވޮލަންޓިއާ ކުރުމާއި ސްޕޯޓްސް އެންޑް ފިޓްނަސް އާއި ބިއުޓީ އެންޑް ގްރޫމިންގް އަދި ކަލިނަރީ އަކީވެސް އަބުރުވެރި މަސައްކަތްތަކެއްކަން ކުދިންނަށް ކިޔައިދިނުން ކަމަށްވެސް ވިދާޅުވި އެވެ.

"އައި.އެލް.އޯ ގެ ހިސާބުތަކުން ދައްކާގޮތުގައި 2020 ގައި އޭޝިއާ ޕެސިފިކް ގައުމުތަކުގައި ވަކިން ހާއްސަކޮށް ސައުތު އެޝިއާގައި ޔޫތް އަންއެމްޕްލޮއިމެންޓް ރޭޓް ދަނީ މައްޗައް. މީގެ އެންމެ ބޮޑު އެއްސަބަބެއްކަމުގައި ބެލެވެނީ އޭޝިއާގެ ގައުމްތަކުގައި ޑީސަންޓް ވޯކް (ނުވަތަ އަބުރުވެރި މަސައްކަތް) ކުރުމުގެ ފުރުސަތު މަދުވުން. ގެރިޕޯޓްގައި ބުނާގޮތުން ފަގީރުކަން ނައްތާލުމަށާއި ސަސްޓެއިނަބަލް އެކޮނޮމިކް ޑިވެލެޕްމމެންޓްއަށް އަބުރުވެރި ވަޒީފާއެއް މިއަދުގެ ޒުވާނުންނަށް ހޯދާދިނުމަކީ ކޮންމެހެން މުހިންމުކަމެށް." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ނައުޝާދު ވިދާޅުވީ ސްކޫލް ނިންމާ ދަރިވަރުންނަށް ކުރެވެން ހުރި ތަފާތު މަސައްކަތްތަކާއި ދާއިރާ ތަކާބެހޭގޮތުން މި އެކްސްޕޯގެ ތެރެއިން މައުލޫމާތު ދެވޭނެ ކަމަށެވެ.

ކްލިކް ކޮލެޖުން ބުނީ މި އެކްސްޕޯގައި ބޭނުމަކީ ސްކޫލު ނިންމާކުދިން މަތީ ތައުލީމީ މަރުަހލާއަށް ދިއުމަށް ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދަރިވަރުންނަށް ދިނުމާއި ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާ އަދި ވަޒީފާއެއް ހޯދުމަށް ސީވީ ތައްޔާރުކުރުންފަދަ ކަންކަމުގައި ކުދިންނަށް އިރުޝާދާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން މި މައުރަޒުގައި، މަޝްހޫރު ބައެއް ކުންފުނި ތަކުގެ ހިއުމަން ރިސޯސް މެނޭޖަރުން ބައިވެރިވެ އިންޓަވިއުއާ ސީވީ ތައްޔާރުކުރުން ފަދަ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށާއި އަދި މި ނޫންވެސް އެކިއެކި ދާއިރާތަކުން ކުދިންނަށް މުހިންމު މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ބައެއް ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދުންފަދަ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ފަހިވެގެންދާނެ ކަމަށްވެސް އެކޮލެޖުން ބުނެ އެވެ. މިއެކްސްޕޯގައި 12 ޕްރެސެންޓޭޝަނަކާއި ޕެނަލް ޑިސްކަޝަންސް ކުރިއަށްގެންދާ ގޮތައްވަނީ ހަމަޖެހިފަ އެވެ.