ފަޒްނާ އަހުމަދު

ދުޅަހެޔޮ ދިރިއުޅުމަކަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފަޒްނާ

ފައިދާހުރި ކާނާ ކެއުމާއި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމުގައި ސަރުކާރާއި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ފަޒްނާ މިހެން ވިދާޅުވީ މިއަދު ހެނދުނު މީރުމާ ހޮޓެލްގައި ބޭއްވި "ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމަކީ ރާއްޖޭގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި އަދި އަންހެނުން އާދަޔާ ހިލާފަށް ބަރުދަން އިތުރުވުން ހައްލުކުރުމަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ދެވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމަކީ ޔުނިސެފާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އަދި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވަނީ މީގެ ކުރިން އެކަމަނާއަށް ތައުލީމީ ދާއިރާއިން ލިބިވަޑައިގެންފައިވާ ބައެއް ތަޖުރިބާތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެކަމަނާ ވަނީ ސްކޫލުތަކުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ތާޖުއްދީން ސްކޫލުން ކުރި ތިން ކަމެއް ހިއްސާކުރައްވާފަ އެވެ. މީގެތެރޭގައި މުޅި ސްކޫލަށް އަމާޒުކޮށްގެން ހަފްތާއަކު އެއްފަހަރު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއް ހިންގުމާއި، ހިޔާރުކުރެވޭ ދަރިވަރުންގެ ގްރޫޕަކަށް ބުއްތަށި ދީގެން ކަސްރަތު ކުރުވުމަށް ހަތަރު އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގުމާއި އަދި އިންޓަވަލް ބްރޭކްތަކަށް ދަރިވަރުން ގެންނަ ކާބޯތަކެތީގެ ސާވޭއެއް ހެދުމަށްފަހު ގެންނަ ތަކެތީގެ ތެރެއިން ސިއްހަތަށް ފައިދާނުކުރާ ކާބޯތަކެތީގެ ބަދަލުގައި މޭވާއާއި އެހެނިހެން ސިއްހަތަށް ފައިދާހުރި ތަކެތި ބޭނުންކުރުމަށް ބާރު އެޅުމަށް ކުރެވުނު މަސައްކަތް ހިމެނެ އެވެ.

ފަޒްނާ ފާހަގަކުރެއްވި ގޮތުގައި ދުޅަހެޔޮ ކާނާ ކެއުމާއި ގަވައިދުން ކަސްރަތު ކުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް ފަރުވާތެރިވާން ޖެހެ އެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ހަރަކާތްތެރި ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް އުޅުމުގެ މައުލޫއު ހިމެނެ އެވެ.