ފަޒްނާ އަހުމަދު

ނަފްސާނީ ސިއްހަތުގެ ފަރުވާ ގާތުން ލިބެންޖެހޭ: ފަޒްނާ

ލާމަރުކަޒީ އުސޫލުން އަތްފޯރާފަށުގައި ނަފްސާނީ ސިއްހަތުގެ ފަރުވާއާއި އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ، އުފެއްދުންތެރި، މުޖުތަމައެއްގެ ނާރެސް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ވިލާ ކޮލެޖުން އިންތިޒާމުކޮށްފައިވާ ދެވަނަ ސައިކޮލޮޖީ ސިމްޕޯޒިއަމް އަދި އެގްޒިބިޝަން އިފްތިތާހްކޮށްދެއްވާ މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ވަނީ މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެމީހެއްގެ ނަފްސާނީ ހާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށްވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ ހިދުމަތަކަށްވުން މުހިއްމު ކަމެއްކަމުގައި ފާހަގަކުރައްވާފަ އެވެ. މިކަމުގެ ބޭނުމަކީ މުޖުތަމައެއް ބިނާކުރުމުގައި ފަރުވާނުކުރެވި ހުރި ނަފްސާނީ މައްސަލަތަކުގެ ބުރައާނުލައި ކޮންމެ މީހަކަށްވެސް އެންމެ އުފެއްދުންތެރި އެންމެ އުފާވެރި ގޮތުގައި އެމީހެއްގެ ހިދުމަތް މުޖުތަމައާ ހިއްސާކުރުމުގެ ހެޔޮކަން ލިބުންކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.

މެޑަމް ފަޒްނާގެ ވާހަކަފުޅުގައި ވަނީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިއްމު ކަންވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ސްކޫލްތަކަށް ހާއްސަ ޕްރޮގްރާމްތަކާއި ޕްރައިމަރީ ހެލްތްކެއާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ސިއްހަތާ ބެހޭ މައްސަލަތައް ދެނެގަނެ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަމާއި ވަސީލަތްތައް ތަނަވަސްކުރުން މުހިއްމު ކަންވެސް ފާހަގަކުރެއްވި އެވެ.

ފަޒްނާ ވިދާޅުވީ ސުލްހަމަސަލަސް އުފާވެރި އުފެއްދުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެންމެ ފަރުދެއްވެސް ބާކީވެގެން ދިޔަނުދީ އެމީހަކަށް އެކަށީގެންވާ ހައްގު ފަރުވާ ލިބިދިނުމަކީ އެންމެ އެކުގައި ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށެވެ. ހަމަ އެއާއެކު މެދުކެނޑުމެއްނެތި "އެވިޑެންސް-ބޭސްޑް" ފަރުވާ، އެ ހިދުމަތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ ކުރައްވާ އުއްމީދެއް ކަމުގައިވެސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަކުރަމުން ދަނީ "މެންޓަލް ހެލްތް އިޒް އަ ޔުނިވާސަލް ހިއުމަން ރައިޓްސް" މި ޝިއާރުގެ ދަށުންނެވެ.