ހަބަރު

ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެންނާނަން: ގައްސާން

Dec 1, 2019
10

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންކޮށް އަލުން ވެރިކަމަށް ގެނެސްފައި ނޫނީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ އެއް މިލިއަން ޑޮލަރުން އަމިއްލަ މަންފާ ހޯއްދެވިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި ފަސް މިލިއަން ޑޮލަރު އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ވެސް ވަނީ ކޮށްފަ އެވެ.

މިހާރު ރައީސް ޔާމީން ހުންނެވީ މާފުށީ ޖަލުގަ އެވެ. އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވި ހާއްސަ ގޮޅީގަ އެވެ.

ރައީސް ޔާމީން ގޮޅީގައި ހުންނެވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުން މިއަދު ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިން ހާސް އަހަރަށްވުރެ ދިގު މާޒީއެއް އޮތް ދިވެހި ތާރީހު ދުށް އެންމެ ބޮޑު އުމްރާނީ ތަރައްގީއެއް ކުރު ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވި މޭސްތިރިއަކީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ކަމަށެވެ.

"އެމަނިކުފާނު މިއަދު ވަނީ ސިޔާސީ ހުކުމެއްގައި ގައިދުކޮށްފަ، ޕީޕީއެމްގެ ބަދަހި ލަޝްކަރުގެ މަސައްކަތް ހުއްޓައިލާނީ އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު އިންތިހާބުކޮށްފަ،" ގައްސާން ވިދާޅުވި އެވެ.

ގައްސާން ރައީސް ޔާމީން ފަހަތުގަައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައްޕާފުޅު ރައީސް މައުމޫން އާއި ބޭބެފުޅު ފާރިސް މައުމޫން ޖަލަށްލާ ހުކުމްތައް ކުރަމުން ދިޔައިރު ވެސް ގައްސާން ހުންނެވީ ރައީސް ޔާމީންއާއެކު އެވެ. މިހާރު ގައްސާން ފާޅުގައި ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް ބައްޕާފުޅާއި ބޭބެފުޅުގެ ދިފާއުގައި ވާހަކަ ދައްކަވާފައިއެއް ނުވެ އެވެ.

ގައްސާން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވީ ވެސް ރައީސް ޔާމީންގެ ތާއިދާއެކު އެވެ. މިފަހުން ގައްސާން ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. އެ ދުވަހު ގައްސާންއާއެކު ފާރިސް ފުލުހަށް ވަޑައިގެންނެވި އެވެ. ނަމަވެސް އެއީ ސިޔާސީ ކަމެއް ނޫން ކަމަށް ފާރިސް ފަހުން ވިދާޅުވި އެވެ.

ރައީސް މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތް ފައްޓަވާފައިވާއިރު އެކަމުގައި ވެސް ގައްސާން ބައިވެރިވެވަޑައިނުގަންނަވަ އެވެ. އާ ޕާޓީގައި އިސްކޮށް އުޅުއްވަނީ ފާރިސްގެ އިތުރުން ޔުމްނާ މައުމޫނެވެ. ގައްސާން ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގަ އެވެ.