ޑރ. މުހައްމަދު ޖަމީލް އަހުމަދު

މައުމޫންގެ ވާހަކަފުޅުން ފެނުނީ ނުބައި ހަސީލަތް: ޖަމީލް

Jul 27, 2021
7

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ވާދަ ކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ވިދާޅުވުމަށް ކުރީގެ ނާއިބު ރައީސް އަދި ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްދު ދެއްވައިފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫން އިއްޔެ ވިދާޅުވީ ރައީސް ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށާ އެފަދަ ބޭފުޅަކަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދެއްވުމަށް ރައީސް ޔާމީން މިނިވަން ކުރެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މީހަކު ކުށެއް ކޮށްފިއްޔާ އެމީހަކަށް އަދަބު ލިބުމަކީ ގާނޫނީ ގޮތުން ހަމަ އެންމެ ރަނގަޅު ކަމެކޭ. އަޅުގަނޑު ބެހޭކަށް ބޭނުމެއް ނޫން ޝަރީއަތަކާ. އެއްޗެއް ބުނާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް މިހާރު ޔާމީން އެ އޮންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި. އެެހެން ހުންނަވަނިކޮށް އޭނާއަށް ނުކުމެ އެ ކަހަލަ ކަމެއް [އިންތިހާބުގައި ވާދަކުރުން] ކުރެވިގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް މައުމޫންގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ ހައްގު ބަސް ވިދާޅުވާން ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ޖަމީލް ވިދާޅުވީ އެ ޝަރީއަތުގައި ގާނޫނީ ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެއީ ފެންނަން ހުރި ސާފު ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެ ވާހަކަތައް ވިދާޅު ނުވުމުން ފެނިވަޑައިގެންނެވީ ނުބައި ހަސީލަތް ކަމަށެވެ.

ރައީސް މައުމޫންގެ ވާހަކަފުޅަށް އެމަނިކުފާގެ ދަރިކަލުން ޣައްސާން މައުމޫންވެސް ރައްދު ދެއްވިއެވެ. ރައީސް މައުމޫންގެ ނަންފުޅު ނުގެންނަވާ ޣައްސާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުން އަދި ރައްޔިތުންގެ ލޯތްބާއެކު 2023 ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން ކަމަށެވެ. ޣައްސާން ވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރެއްވުމަށްވެސް ގޮވާލައްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެެއް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ކޮވިޑްގެ ހާލަތު ގޯސްވުމާއި ހަމައަށް އެމަނިކުފާނު ގެންދެވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ. މިވަގުތު ހުކުމް ތަންފީޒު ކުރައްވަނީ ގެކޮޅުގައި ހުންނަވައިގެންނެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމާމެދު އިދިކޮޅުން އެތައް ސުވާލެއް އުފައްދާއިރު 2023 ގެ ރިޔާސީ އިންތިހާބުގައި ރަައީސް ޔާމީން ވާދަކުރައްވާނެ ކަމަށް އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.