ހަބަރު

މަޖިލިސް ކެމްޕެއިން ގައްސާން ރަސްމީކޮށް ފައްޓަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން މުހައްމަދު ގައްސާން މައުމޫން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވައި ކެމްޕެއިން ފައްޓަވައިފި އެވެ. އޭނާ ވާދަ ކުރައްވަނީ ތ. ގުރައިދޫ ދާއިރާއަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގައްސާނަށް ވަނީ ޕީޕީއެމްގެ ޓިކެޓް ދެއްވާފަ އެވެ. އެ ޓިކެޓް ދެއްވީ މީގެ ދުވަސްތަކެއް ކުރިންނެވެ. އޭރު ޕީއެންސީ ވެސް އުފައްދާފައެއް ނުވެ އެވެ.

ގައްސާން މިއަދު އެކަން އިއުލާން ކުރެއްވިއިރު އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ގުރައިދޫ ދާއިރާއަށް އެމަނިކުފާނުގެ ތާއިދާއެކު އެހެން ކެންޑިޑޭޓެއް ނެރުމަށް ނިންމަވާފަ އެވެ. ރައީސް މައުމޫން މިއަދު ވަނީ ގުރައިދޫ ދާއިރާއަށް އެމަނިކުފާނުގެ ޓިކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓަށް މަރުހަބާ ދަންނަވައި ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

އެއަށްފަހު ގައްސާން ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ގުރައިދޫ ދާއިރާގެ ތިން ރަށްކަމުގައިވާ ގުރައިދޫ، ދިޔަމިގިލި، ގާދިއްފުށީގެ ރައްޔިތުންގެ ގާތް މިތުރެއްގެ ގޮތުގައި އެ ތިން ރަށުގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށެވެ. އަދި ތިން ރަށުގެ ތަރައްގީއާ އުފާފާގަތި ކަމަށް މަސައްކަތްކޮށްދިނުމުގެ އަޒުމުގަ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ، ގުރައިދޫ، ދިޔަމިގިލި، ގާދިއްފުށީގައި ހުރި މައްސަލަތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ވާދަކޮށް، މާތްﷲގެ ވާގިފުޅާއި ރައްޔިތުންގެ ތާއީދާއިއެކު މި އިންތިހާބު ކާމިޔާބުކޮށް، މި ތިން ރަށުގެ ލޮބުވެތި ރައްޔިތުންގެ އިތުބާރު ލޯބި އިތުރަށް ހޯދައި، ކާމިޔާބު މަސައްކަތްތަކެއް ކުރިއަށް މިއޮތް ފަސްއަހަރުގެ މެންބަރުކަމުގެ ދައުރުގައި ކޮށްދިނުން،" ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ގައްސާން ވިދާޅުވި އެވެ.

ގައްސާން ވަނީ އޭނާއަށް ތާއިދު ކުރާ ރައްޔިތުން އިންތިހާބުގައި ބައިވެރިވާ އެހެން އެއްވެސް ކެންޑިޑޭޓަކަށް އަދި އެ ކެންޑިޑޭޓެއްގެ ސިޔާސީ ފިކުރަށް ކުޑައިމީސްބަހެއް ރައްދު ނުކުރެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

މީގެކުރިން ވެސް ގުރައިދޫ ހިމެނޭ ދާއިރާއަށް ގައްސާން ވާދަ ކުރެއްވި އެވެ. އޭރު އޭނާއަށް ނާކާމިޔާބުވީ މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާ ވާދަކޮށް 26 ވޯޓުގެ ތަފާތުންނެވެ. އެހެންވެ، ގައްސާންއަކީ އެ ދާއިރާއާ ގާތް ބޭފުޅެކެވެ.

ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަގަނޑުގެ ތެރޭގައިވެސް އަދި މިހާތަނަށްވެސް ގައްސާނު ހުންނަވަނީ ކުރީގެ ރައީސް ޔާމީނާއި އެކުއެވެ. އެއާއެކު ރައީސް މައުމޫނާއި ގައްސާނުއާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށް ބެލެވުނެވެ. ޕީޕީއެމް އިން ބޭއްވި ބޮޑު ޖަލްސާއެއްގައި، ރައީސް ޔާމީން ވަނީ މަޖިލީހުގެ ގޮނޑިއެއް ގައްސާނަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ އިރު ވެސް ގައްސާން ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގެ މަގާމުގަ އެވެ. އަދި ރައީސް ޔާމީންގެ ދިފާއުގައި ޕީއެސްއެމްއަށް އިންޓަވިއުއެއް ވެސް ދެއްވާފައިވެ އެވެ.

ބައްޕާފުޅުގެ އިތުރުން ބޭބޭފުޅު އަހުމަދު ފާރިސް މައުމޫނާއި ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމުން ވެސް ގައްސާން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ރައީސް ޔާމީންއާއެކު ޕީޕީއެމްގެ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މައުމޫންގެ ތާއިދާއެކު ފާރިސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަ އެވެ. އޭނާ ވާދަ ކުރައްވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ. ރައީސް މައުމޫން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާއިރު އެ މަސައްކަތުގައި ގައްސާން ނޫން އަނެއް ތިން ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.