ރައީސް މައުމޫން އަބްދުލްގައްޔޫމް

ޔާމީންގެ މައްސަލަ ބަލައިދޭން މައުމޫންގެ ޕާޓީން އެދިއްޖެ

ވެރިކަން ލިބިވަޑައިގެންފި ނަމަ އަނިޔާވެރިކަން އިސްކޮށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި ކޯޓުތަކުގެ ހުރުމަތް ކަނޑާލައި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވާފައިވާ ކަމަށާ އެ ވާހަކަތައް ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

އެ ޕާޓީން މިކަމަށް ގޮވާލެއްވީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ފަހަތުގައި ހުންނެވި މޭސްތިރިއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން ދެންވެސް ވެރިކަން ލިބިވަޑައިގެންފި ނަމަ އަނިޔާވެރިކަން އިސްކޮށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި ކޯޓުތަކުގެ ހުރުމަތް ކަނޑާލައި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މިވާހަހަކަތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްވެސް ގޮވާލާ ކަމަށެވެ.

"ރައްޔިތުންގެ ކުރިމަތީ ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ހިނގާފައި ހުރި ކަންކަމުގައި ދޮގު ހަދައި ހަގީގަތް އޮޅުވާލަން މަސައްކަތްކޮށް އަނިޠާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އިހްތިރާމް ނުކުރާ ކަމުގެ ހެއްކެކެވެ. އެފަދަ ކަންކަން ކޮށްއުޅެނީ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބަޔަކު ކަމަށް ދެކިގެން އަނިޔާވެރި ވެރިކަން ހިންގާ ވެރިންނެވެ،" ޔާމީނަށް ރައްދު ދީ ނެރެފައިވާ އެ ބަޔާނުގައި ބުނެފައިވެއެވެ.

ޔާމީންގެ އެ ވާހަކަތަކަށް ރައްދުދީ އެމްއާރްއެމް އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޔާމީންގެ ވެރިކަން ވައްޓާލުމަށް ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ކަމަށް ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުން އެ ތާރީހުގައި ސަރުކާރު ވައްޓާލުމަށް ނުވަތަ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލޭ ގޮތަށް އެއްވެސް އަމުރެއް ނެރުއްވާފައިނުވާ ކަމަށެވެ.

އެ ތާރީހުގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުއްވާފައިވަނީ އޭރުގެ ސަރުކާރުން ސިޔާސީ ޖައްބާރުކަމުގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތައްކޮށް ޝަރުއީ ދާއިރާއަށް ނޫފޫޒުފޯރުވައިގެން އެކި ގޮތްގޮތަށް ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅުއްވާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުއްވި އެ އަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ގާނޫނާއި ހިލާފަށް އަމަލުކުރުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރުވި ކަަމަށާ އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި ގާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލި ކަމަށްވެސް ބުނެފައިވެއެވެ.

"ކުރީގެ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް މި ޕާޓީގެ ޒައީމް އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަކީ ރައީސް މައުމޫންގެ ތާއީދާއިއެކު އެމަނިކުފާނު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން ގެންނެވި ސަރުކާރެއް ކަމުން ރައީސް ޔާމީންގެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަ މަގަށް ރުޖޫއަ ކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން އަދި ފަހުން ޕާޓީގެ ބޭރުން މަސައްކަތް ކުރެއްވިއެވެ،"

އަދި ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ރައީސް ޔާމީން އާއި ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައި ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކޮށް ގައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާހު ކުރެއްވުމަށް އެތައް ގޮތަކުން މަސައްކަތް ކުރެއްވުމަށްފަހު އެ މަސައްކަތްތައް ނާކާމިޔާބު ވުމުން ކަމަށެވެ.

"ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލުމަށް އަމުރުކުރީ ރައީސް ޔާމީން ނޫން ކަމަށް ވިދާޅުވެ އެ ކަމުން ރެކިވަޑައިގަތުމަށްވެސް އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ޕާޓީއިން ދެކޭގޮތުގައި އޭރު ސަރުކާރުގެ ބާރުތަކާއި ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތެވެ. އެހެންކަމުން މިއަދު އެ ކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަގީގީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި ފިނޑި ވާހަކަފުޅުތަކެކެވެ،" އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.