ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ނުސީދާ ރައްދެއް؛ މައުމޫންގެ ސިޔާސީ ދައުރު މިހާރު މާޒީވެއްޖެ

ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމަށް އަމާޒު ކުރައްވާ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ. ރައީސް ޔާމީންގެ ފާޑުވިދާޅުވުން ރައީސް މައުމޫނަށް އަމާޒު ކުރެއްވީ ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫނަށް އަމާޒު ކުރައްވާ ރައީސް ޔާމީން ނުސީދާކޮށް ފާޑުވިދާޅުވީ އިންޑިއާ-ރާއްޖެ ގުޅުން ކަންބޮޑުވާ ހާލަތެއްގައި އޮތްއިރުވެސް މައުމޫން މި ސަރުކާރުގެ ޕާޓްނަރެއްގެ ގޮތުގައި ހުންނެވުމުންނެވެ. ރައީސް ޔާމީން ވިދާޅުވީ 3،000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ވެރީންވެސް އެއީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާން ނިކުމެ ތިއްބެވި ލީޑަރުން ކަަމަށް ދައްކަން އެކި ކަހަލަ މެސެޖްތައް ދީ ހައްދަވާ ކަމަށެވެ. ނަމަވެސް އެއީ ލީޑަރުން ނޫން ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެފަދަ ބޭފުޅުންވެސް ކަމެއް ކުރައްވަން ކެރިވަޑައިގަންނަވާނަމަ ވަތަނުގެ ދިފާއުގައި ތެދުވާން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ހިތްވަރު އެފަދަ ބޭފުޅުންގެ ކިބައިން ފެނިވަޑައިނުގަންނަވާ ކަަމަށެވެ.

ޔާމީން ވިދާޅުވީ މިއަދު މިއީ ހަލީފާއިންގެ ދުވަސްވަރު ނޫން ކަމަށާ ރައްޔިތުން އެއް ލީޑަރެއްގެ ފަހަތުގައި ނުތިބޭނެ ކަމަށެވެ. އަދި ރައްޔިތުން ތާއީދު ކުރާނެ ލީޑަރަކީ ނިންމާނީ އެ ލީޑަރެއްގެ ގާބިލު ކަމާއި ދައްކަވާ ވާހަކަތަކާއި އަމަލުކުރައްވާ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ރައީސް މައުމޫނަށް އިޝާރާތް ކުރައްވާ ނަމަވެސް އެމަނިކުފާނުގެ ނަންފުޅު ވިދާޅުނުވެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ދައުރު މާޒީވެ ހިނގައްޖެ ކަމަށެވެ.

"އޭގެ ތެރޭގައި އުޅޭނެ 50،000 ހަމަވާ ޕާޓީތައް. އެކަމަކު އޭގެ ތެރޭގައި އުޅޭނެ 3،000 މެންބަރުން ހަަމަނުވާ ޕާޓީތައް. ގިނަ ޕާޓީތައް 3،000 ހަމައެއް ނުވާނެ. އެކަމަކު އެބަޖެހޭ ދިދަ ހިފައިން ނިކުންނަން. އެންމެ ރަނގަޅު ދެއްތޯ މި މީހުން އަރާމުކޮށްލަން ގޭގައި ތިބިއްޔާ. ރާއްޖޭގެ މިއޮއް ބޮޑު އާބާދީގެ ތެރެއިން 3،000 މީހުން ހަމަނުވާ ކަމަށްވަންޏާ އެއީ ލީޑަރެއްގެ ގޮތުގައި ޕޯޓްރޭވެގެނެއް ރައްޔިތުންނަށް ދައްކައިގެން މެސެޖްތަކެއް ދޭނެ ކަމެއް ނެތޭ. އަނެއްކާ ބައެއް މީހުން ގަބޫލުކުރަން ޖެހޭ ދެއްތޯ އެ މީހުންގެ ސިޔާސީ ދައުރު މިހާރު މާޒީވެ ހިނގައްޖެ ކަމަށް. އެއަކަށް ޖާގައެއް ނެތޭ މިއަދަކު،" ޔާމީން ވިދާޅުވިއެވެ.

މައުމޫންގެ އެމްއާރްއެމްގައި މިވަގުތު 3،000 މެންބަރުން ހަމައެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ އަދަދު ހަމަކުރުމަށް އެ ޕާޓީއަށް ތިން މަހުގެ ނޯޓިސްވެސް ދީފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މިހާރު ވެއްޓިފައި އޮތް ހާލަތުގެ ޒިންމާ ސަރުކާރު ކޯލިޝަންގައި ތިއްބެވި ހުރިހާ ލީޑަރުން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ގައުމާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާނަމަ މިހާރުވެސް ސަރުކާރުގެ ތެރެއިން ނިކުންނަވާ ހެއްދެވިފައިވަނީ ވަރަށް ބޮޑު ގޯހެއް ކަމަށް އިއުތިރާފުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ކުލުނެއް އެއިން ބޭފުޅަކަށް ކިރިޔާވެސް ލިބިވަޑައިގަންނަވާނީ އެކަން ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީޕީގެ އިތުރުން ދެން ތިބި ސިޔާސީ މީހުން -- ދެ މޫނު ހިފަައިން އުޅޭ ސިޔާސީ މީހުން -- މިއަދު ނުވާނެ ތިމަންނަ މެންނަށް މި ގެނެވުނީ މިވަރު ބައެކޭ ބުނާކަށް. އެ ޒިންމާ އެބަޖެހޭ ހުރިހާ ސިޔާސީ ލީޑަރުންގެ ބޮލުގައި އަޅަން. ހުރިހާ ސިޔާސީ ލީޑަރުންނާ އަދި އެ މީހުންނާއެކީ އައުވާނުން އެބަ ޖެހޭ އެ ޒިންމާ އުފުލަން. އެ ޒިންމާ އުފުލާއިރު އެންމެން ނިކުމެ މިހާރު ބުނަންވީ ތިމަންނާ މެންނަށް މި އޮތީ ވަރަށް ބޮޑު ގޯހެކޭ ހެދިފައި. ވަރަށް ފަސޭހައިން ހުންނާނެ މީގެ ކުރީން މީގެން ބައެއް ބޭފުޅުން ވިދާޅުވެފައި ރައްޔިތުން ކިބައިން ތިމަންނާ މާފަށް އެދެމޭ، ތިމަންނާއަށް މި ހެދުނީ ވަރަށް ބޮޑު ގޯހެކޭ، މިހާރު އެ ވާހަކަ ބުނެލަން ކެރޭ މީހަކު ނެތް. އެކަމަކު ސިޔާސީ ލީޑަރުންގެވެސް ކޮންމެވެސް ހިތްވަރެއް ހުންނަން ވާނެ ދެއްތޯ،" އެމަނިކުފާނަށް ކުރެއްވި ތާއީދު އެއްބަފާ ބޭބެ ގެންދެވި ގެންދެވުމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ބަޔަކު ނުދެއްކެވި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމްގެ މެންބަރުން ވާހަކަ ދައްކަވާނެ ކަމަށެވެ.