ޑރ. މަރްޔަމް މާރިޔާ

ބޭރު މެގަޒިނެއްގެ ބޭރުގަނޑަށް ނޫރައިން!

ހުނަރަށް ބަލަންޏާ ދިވެހިންނަކީ މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ބައެކެވެ. ދިވެއްސަކު ދިރިއުޅޭ ކޮންމެ ތަނެއްގައި ވެސް އެމީހުން ފާހަގަވާ ހާއްސަ ކަމެއް ވެއެވެ. އަދި އޭގެ ތެރޭގައި ވެސް ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ ބަޔަކު ވެސް އުޅެ އެވެ. މިވެސް އެފަދަ ފަހުރުވެރި ދިވެއްސެކެވެ. މިއީ ނިއުޒިލެންޑްގައި ދިރިއުޅެމުންދާ އުމުރުން 29 އަހަރު ނޫރައިން މުހައްމަދު އަލީ ޖަނާހުގެ ވާހަކައެވެ. -- ނޫރައިންއަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ ދަރިކަނބަލެކެވެ.

ނޫރައިން ފާހަގަ ކުރެވިފައި ވަނީ ވަރަށް ނަމޫނާ ޒުވާނެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ބަދަލަށް ވަކާލާތު ކުރައްވާ އެހެން މީހުންނަށް އެހީތެރިވެ ދެއްވުމުގައި އޭނާއަކީ ދިރޭ މިސާލެކެވެ. ހައްގުތަކަށް އަޑު އުފުއްލެވުމާއި އެހީގެ މަސައްކަތުގައި ޗެންޕިއަނެކެވެ.

ނޫރައިން ވަނީ އޭނާގެ ވަރަށް ޒުވާން އުމުރުން ފެށިގެން ތަފާތު ކަންކަމުގައި އަދި ކުރެެއްވި ކޮންމެ ކަމެއްގައި ލީޑާޝިޕް ދައްކަވާފަ އެވެ. އޭނާގެ އެ ހިތްވަރާ ކެރިވަޑައިގަތުމުގެ ސަބަބުން ނިއުޒިލެންޑްގައި އޭނާއަކީ އުހަށް އަރާފައިވާ ތަރިއެކެވެ. ބައެއް އިވެންޓްތަކުގައި އޭނާ ނިއުޒިލެންޑް ތަމްސީލުކޮށް ދެއްވަ އެވެ. އަދި 2017 ވަނަ އަހަރު އެ ގައުމުގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި ވެސް ނޫރައިން ހިމެނިވަޑައިގެންނެވި އެވެ. އެހިސާބުން ފެށިގެން ނޫރައިންގެ ވިދުން ވަނީ ވަރަށް ގަދަވެފަ އެވެ. ބޭރުގެ މަޝްހޫރު މެގަޒިންތަކުގެ ކަވަރުން ނޫރައިން ފޮޓޯއަށް ޖާގަ ހުސްކުރާން ފެށީ އެހެން ވެގެނެވެ. އެންމެ ފަހުން ކަވަ ސްޓޯރީއެއްގެ ގޮތުގައި ނޫރައިންގެ ވާހަކަ ގެނެސްދީފައި ވަނީ އެމް2ވުމަން އިންނެވެ.

ނިއުޒިލެންޑަކީ އެހެން ގައުމުތަކުން ވަރަށް ގިނައިން ޒުވާނުން ހިޖުރަކޮށް ދިރިއުޅެމުންދާ ގައުމެކެވެ. ޒުވާނުން ހިޖުރަ ކުރާއިރު ހުޅަނގުގެ ބައެއް ގައުމުތަކުގައި ވެސް ކުރިމަތިލާންޖެހޭ ނަސްލީ ތަފާތު ކުރުންތަކާ އެފަދަ ޒުވާނުންނަށް ކުރިމަތިލާން ޖެހުން މަދެއް ނޫނެވެ. އެހެން ކަމުން ނޫރައިންގެ މަސައްކަތަށް ހެއްދެވީ އެ ތަފާތު ކުރުންތައް ނައްތާލާ ބަދަލު ގެންނަ ޒުވާނާއަށް ވެ ވަޑައިގަންނަވާށެވެ. އެކަމަކު ނިއުޒިލެންޑަށް ވަރަށް ޅަ އުމުރެއްގައި ދިރިއުޅުން ބަދަލު ކުރެއްވި ނޫރައިން އެންމެ ބޮޑު ސަމާލުކަމެއް އަބަދުވެސް ދެއްވަނީ ފަހުރުވެރި މުސްލިމެއްގެ ގޮތުގައި ދިރިއުޅުއްވާށެވެ. ދެން ބަދަލު ގެނެސްދޭށެވެ.

ނޫރައިން ވަނީ ނިއުޒީލޭންޑްގެ ސިޔާސީ ފަރާތްތަކާއި ކަމާގުޅޭ އިދާރާތަކުގެ އިސް ވެެރިންނާއި މަަޝްވަރާކޮށް ހިޖުރަވެެރިންނަށް ނިއުޒީލޭންޑްގައި ކުރިމަތިވާ ގޮންޖެހުންތަކާ ދަތިތައް ސަމާލު ކަމަށް ގެނެސްދީފަ އެވެ. އޭނާ ވިދާޅުވެ އެވެެ: "ބޭނުމަކީ ހުރިހާ އެންމެންނަށް ވެސް ހަމަހަމަ ދިރިއުޅުމެއް ހޯދައި ދިނުން،"

ނޫރައިންގެ އެންމެ ބޮޑު މަސައްކަތަކީ އޭނާގެ ދިރިއުޅުން ވެސް އޮންނަ އޯކްލޭންޑްގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެކި ދާއިރާތަކުން ހިލޭ ސާބަހަށް ހިދުމަތް ކޮށްދިނުމެވެ. އެގޮތުން ސިޓީގެ ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އަޑު އުފުލާ، އެކަންކަން ހައްލު ކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ވެސް ނޫރައިންނެވެ. ކަންބޮޑުވުންތަކުގެ އަޑު އުފުލާ ޖަލްސާތަކާއި ބައްދަލްވުންތަކުގައި އެންމެ ބާރު އަދި އެންމެ ހަރު އަޑަކީ އެއީ އެވެ.

އެ ސިޓީގެ މުހިންމު ބައެއް ނިންމުންތައް ނިންމުމުގައި އެންމެ ފަހު ބަސް ވިދާޅުވާ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ރާއްޖޭގެ ނޫރައިން އެވެ. އެ ނޫނަސް ނޫރައިންގެ ދާއިރާއިން އޭނާގެ އެހީތެރި ކަމަށް އެދޭ ކޮންމެ މީހަކަށް އުފަލާއެކު އަގަކާ ނުލައި އެހީތެރިވެ ދެއްވޭތޯ މަސައްކަތް ކުރައްވަ އެވެ. ހަމަ ކޮންމެ ދުވަހަކު އެއްވެސް ވަރުބަލި ކަމެއްނެތި އެކަމުގައި އެތައް ވަގުތެއް އޭނާ ހޭދަ ކުރެއްވަ އެވެ.

މިއަދު ނޫރައިންނަކީ މުހިންމު މަގާމުތަކެއްގެ މަސްއޫލިއްޔަތު އުފުއްލަވަމުން ވަޑައިގަންނަވާ ޒުވާން ބޭފުޅެކެވެ. އޭނާއަކީ "އަޕް ސައިޑް ޑައުން އެޑިއުކޭޝަން ޓްރަސްޓް" ގެ ޓްރަސްޓީ އަދި 350 އެއޯޓިއުރޯގެ ޓްރެޒަރާ އެވެ. ޖޫނިއާ ޗެންބަރު އިންޓަނޭޝަނަލް (ޖޭސީއައި) ގެ އޭޝިޔާ ފެސިފިކް ރީޖަންގެ ރައީސްކަން މިހާތަނަށް ކުރެއްވި ހަތަރު އަންހެން ބޭފުޅުންގެ ތެރެއިން އެކަކީވެސް ޗާޓެޑް އެކައުންޓެންޓެއްގެ ގޮތުގައި އާނެސްޓަން ޔަންގުގައި ވެސް މަސައްކަތް ކުރައްވާ ނޫރައިންނެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ބޭއްވި "އިންޓަނޭޝަނަލް ކޯޕަރޭޓް ޕާޓްނާޝިޕް ކޮމެޓީ ވޯލްޑް ކޮންގްރެސް" ގެ ފަޚުރުވެރި ބައިވެރިންގެ ތެރޭގައި ވެސް ނޫރައިން ހިމެނި ވަޑައިގެންނެވި އެވެ. އެއީ 160 ގައުމު ތަމްސީލް ކުރާ އެ ދާއިރާގެ އެންމެ ބޮޑު ކޮންގްރެސް އެވެ.

އަޅުގަނޑުގެ ބޭނުމަކީ ހުރިހާ އެންމެންނަށް ވެސް ހިތްހަމަޖެހޭ ހަމަހަމަ ދިރިއުޅުމެއް ހޯދައި ދިނުން،
ނޫރައިން ޖަނާހު | ޒުވާނެއް

ނޫރައިން ވަނީ، ޒުވާން އަންހެނުންނަށް ކުރިއަށް ދާންވީ ރަނގަޅު ގޮތް ވިދާޅުވެ ދެއްވާ އެކަމުގައި ހިތްވަރުދެއްވާ ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވާން ހާއްސަ ޖަމިއްޔާއެއް ވެސް އުފައްދަވާފަ އެވެ. "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ހިންގާ ޖަމިއްޔާއިން ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެ ދެއެވެ. އަދި މަސައްކަތުގެ މައިދާނުގައި ކުރިއަށް ދާން ނޫރައިންގެ ފަރާތްޕުޅުން ހިތްވަރު ދެއްވަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރަކީ ނޫރައިންގެ ހަޔާތުގައި ވަރަށް ހާއްސަ އަހަރެކެވެ. "ޔޫއެން ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ސަމިޓް" ގައި އަންހެނުން މަސައްކަތުގެ މައިދާނުގައި ކުލަ ތަފާތު ނުކުރުމަށް ގޮވާލާ ނިއުޒިލެންޑް ތަމްސީލް ކުރެއްވީ ނޫރައިންނެވެ.

ހިތްވަރާ ގަދަ އަޒުމާއެކު ކުރި މަސައްކަތުން ނޫރައިން ވަނީ 2017 ވަނަ އަހަރު އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި ހިމެނި ވަޑައިގެންފަ އެވެ.. އޭގެ ކުރިން 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދެވި އެވެ. މި ހުރިހާ ކާމިޔާބީތަކެއް ނޫރިން ހާސިލް ކުރެއްވީ ޒުވާން އުމުރުގަ އެވެ. އެއީ ދުނިޔޭގައި ނޫރައިން ވިދާލި ސަބަބެކެވެ. މަޝްހޫރު މެގަޒިންތަކުގެ ފަލަ ސުރުހީތަކަށް ނޫރައިން ގެންދާއިރު އެފަދަ މަޖައްލާތަކުގެ ކަވަ ސްޓޯރީއަކަށް ނޫރައިން ވެފައި ވެ އެވެ.