ހަބަރު

ގާނޫނު ތަންފީޒު ނުުކުރާތީ ފިޔާޒުގެ ފާޑުކިޔުން މުއައްސަސާތަކަށް

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ތަންފީޒު ކުރަމުން ނުދާތީ، ދައުލަތުގެ މުއައްސަސާތަކަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

"މާއްދާ 29 މިވެސް ހައްގެއް" ގެ ނަމުގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް ހޭލުންތެރި ކުރުމުގެ ގޮތުން، އިންފޮމޭޝަން ކޮމިޝަނަަރުގެ އޮފީހުން ފެށި ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޔާޒު ވިދާޅުވީ، މިހާތަނަށް އައި އިރު، އެގާނޫނު އޮތީ ތަންފީޒު ނުކޮށް ކަމަށާއި، އެހެން ނަމަވެސް އޭނާ އެގާނޫނު ތަންފީޒު ކުރައްވާނެ ކަމަށެވެ.

އެގާނޫނު ތަންފީޒު ކުރަން ހުރަސް އެޅޭނެ މީހަކު މި އުޑުދަށުގައި ނުހުންނާނެ ކަމަށާއި، އެގާނޫނު ތަންފީޒު ކުރާނީ މަސްލަހަތައް ބަލައިގެން ކަމަށްވެސް ފިޔާޒު ވަނީ ވިދާޅުވެފަ އެވެ. އަދި ގިނަ ހައްގުތަކަށް މީހުން އަހުލުވެރިވެފައިވީނަމަވެސް، މާއްދާ 29 އަށް ނޫސްވެރިންނާއި، މުއައްސަސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، އާންމުންވެސް އަހުލުވެރިނޫންކަން ފިޔާޒު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން، ފިޔާޒް ވިދާޅުވީ އެފަދަ ކެމްޕެއިނެއް ފަށަން ޖެހުނީ ދައުލަތުގެ ބައެއް އިދާރާތައް އޮތް ހާލަތުން ކަމަށާއި، މައުލޫމާތު ފޯރުކޮށްދޭން ޖެހޭ 1200 އެއްހާ މުއައްސަސާ ހުރިއިރު އެ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް ހުށަހަޅާ މުއައްސަސާތަކުގެ އަދަދު 200 އަށް ވުރެ ވެސް ދަށް ކަމަށެވެ. އަދި އޭގެން އެނގިގެންދަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުވާ މިންވަރު ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 6،000 ރިޕޯޓް ހުށަހަޅަން ޖެހޭއިރުގައި ހުށަހަޅާފައިވާ ޖުމްލަ އަދަދަކީ 702 ކަމަށްވެސް ފިޔާޒު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށާއި، މައުލޫމާތު ހާމަ ކުރުން އެންމެ ދަށީ ޝަރުއީ ދާއިރާ އާއި ސިޔާސީ ޕާޓީތަކުން ކަންފާހަގަ ކުރައްވާ ފިޔާޒު ވިދާޅުވީ، އެފަރާތްތަކުން އެ އޮފީހަށް މިހާތަނަށް އެންމެ ރިޕޯޓެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. މީގެ އިތުރުން ފިޔާޒު ވިދާޅުވީ، އެގާނޫނު ތަންފީޒު ކުރުމަށް ނުފޫޒު ފޯރުވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި، މައުލޫމާތު ހޯދުން މޮނިޓާ ކުރުން ހަރުދަނާ ކުރާނެ ކަމަށެވެ.