ރާއްޖޭގައި ދޭ ވެކްސިންތަކާ ގުޅޭ ގޮތުން ކޮންމެހެން އެނގެން ޖެހޭ މައުލޫމާތުތައް ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ހެލްތު މިނިސްްޓްރީއަށް އަންގަވައިފި އެވެ.
ރާއްޖޭގައި ދޭ ހުރިހާ ވެކްސިނެއްގައި ކޮންޓްރާއިންޑިކޭޝަންތައް ހޯދަން ހުށެޅީ އަމިއްލަ ފަރާތަކުންނެވެ. އޭނާ ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ކޮމިޝަނަރު ކުރިއަށް ގެންގެންދެވި އެވެ.
ކޮންޓްރާއިންޑިކޭޝަނަކީ ބޭހެއް ނުވަތަ ފަރުވާއެއް ހޯދުމުގައި އެއިން ލިބިދާނެ ގެއްލުންތަކާ އެ ފަރުވާ ނުވަތަ ބޭސް ބޭނުންކުރަން ނުޖެހޭ ހާލަތުތަކާ ބެހޭ މައުލޫމާތުތަކެވެ.
އެ މައުލޫމާތުތައް ހޯދަން އާންމު އެ މީހާ ހެލްތު މިނިސްޓްރީއަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނާ މުއްދަތު ހަަމަވި އިރު ވެސް އެއާ ގުޅޭ ފުރިހަމަ މައުލޫމާތު މިނިސްޓްރީން އެ މީހާއަށް ދީފައެއް ނުވެއެވެ،
އެ މީހާ ބުނީ ބައެއް މައުލޫމާތުތައް ހިމެނޭ ލީފްލެޓެއް ދިން ނަމަވެސް އޭގައި ދެބައި ކުޅައެއްބައި މައުލޫމާތު މަދު ކަމަށެވެ. އޭނާގެ ވާހަކަތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ކޮންމެ ވެކްސިނެއް ދޭއިރު ވެސް ކޮންޓްރާއިންޑިކޭޝަންސްތައް ލީފްލެޓްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އާންމު ކުރާ ކަމަށެވެ. އަދި ލީފްލެޓެއްގައި ނެތް ނަމަވެސް ފުރިހަމަ މައުލޫމާތު ޑަބްލިއުއެޗްއޯގެ ވެބްސައިޓުން ފެންނަން ހުންނަ ކަމަށެވެ.
އެ ދެ ފަރާތުގެ ވާހަކަ އަޑު އެއްސެވުމަށް ފަހު ކޮމިޝަނަރު ފިޔާޒު ވަނީ އާންމު އެ މީހާ އެދުނު ގޮތަށް ރާއްޖޭގައި ދޭ ހުރިހާ ވެކްސިނެއްގެ ކޮންޓްރާއިންޑިކޭޝަންތަކުގެ މައުލޫމާތުތައް ހިމެނޭ ފުރިހަމަ ލީފްލެޓްތައް އެ ފަރާތަށް ދޭން އަންގާފަ އެވެ.