ހުސައިން ފިޔާޒު މޫސާ

މައުލޫމާތު ހައްގާ ގުޅޭގޮތުން ވަޒީރުންނަށް މައުލޫމާތު އަރުވައިފި

Mar 3, 2020
1

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤާ ގުޅޭގޮތުން ވަޒީރުންނަށް މިއަދު މަޢުލޫމާތު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ކެބިނެޓްގެ ވޯކިން ސެޝަންގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އެވެ. އެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ނައިބު ރައީސާއި ކެބިނެޓްގެ ވަޒީރުންނާއި ރައީސް އޮފީހުގެ މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ދެއްވި ޕްރެޒެންޓޭޝަންގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އުސޫލުތަކާބެހޭ ގޮތުންނާއި، ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރެއްވެވި އެވެ.

މި ބައްދަލުވުމުގައި ވަޒީރުން ކުރެއްވި ގިނަ ސުވާލުތަކަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ޖަވާބު ދެއްވެވި އެވެ. މައުލޫމާތު ދޫކުރުމުގައި ދިމާވާ ކަންކަމާއި އިތުރަށް ރަނގަޅު ކުރެވިދާނެ ބައެއް ކަންކަމުގެ ހިޔާލު ވެސް ވަޒީރުން ދެއްވެވި އެވެ.