އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހ. ގުރުވަ، އަހްމަދު އާހިދު ރަޝީދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އާހިދަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އާހިދު އެންމެ ފަހުން އަދާ ކުރައްވާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވާނަންސް މެނޭޖަރުގެ މަގާމެވެ. އާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔާ ޔުނިވަސިޓީން ބެޗެލާ އޮފް ލޯ ވިތް އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އާހިދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.