އިންފޮމޭޝަން ކޮމިޝަނާ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅެއްގެ ނަން

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހަޅުއްވައިފި އެވެ.

އެ މަގާމަށް ކުރިމަތި ލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އައްޔަނު ކުރައްވަން ރައީސް ސޯލިހަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ އިއްވައިފަ އެވެ.

އެ ލިސްޓުގެ ކުރީގައި އޮތީ ޝިހާމް މުހައްމަދު ވަހީދެވެ. އޭނާ ވަނީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ވީ މީޑިއާ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އަދާ ކުރެއްވި އެވެ. ކުރީގެ ނޫސްވެރިއެކެވެ.

ދެން އެ މަގާމަށް އައްޔަނު ކުރަން ހުށަހެޅި ނަންތަކުގެ ތެރޭގައި ހ. ގުރުވަ، އަހުމަދު އާހިދު ރަޝީދާއި މ. ދާސްތާން، މަރިޔަމް އަލީމް ހިމެނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ފިޔާޒު މޫސާ، އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. ދުވަހު ނޫހެއް ހެއްދެވުމުގެ ގޮތުން އެނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު ފަހުކޮޅު އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.