އިންފޮމޭޝަން ކޮމިޝަނާ

އިންފޮމޭޝަން ކޮމިޝަނަރަކަށް އާހިދު ލާން މަޖިލީހުން ރުހުން ދީފި

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަހްމަދު އާހިދު ރަޝީދު އައްޔަނުކުރަން މަޖިލީހުން ރުހުންދީފި އެވެ.

އާހިދު އެ މަގާމަށް އައްޔަނުކުރަން މަޖިލީހުގެ މިނިވަން މުވައްސަަސާތަކާ ބެހޭ ކޮމިޓީން މީގެ ކުރިން އޮތީ ފާސްކޮށްފަ އެވެ. އަދި އާހިދު އެ މަގާމަށް އައްޔަނުކުރުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 49 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަޖިލީހަށް ފޮނުއްވި ލިސްޓްގައި ހަތަރު ބޭފުޅަކު އޮތް ނަމަވެސް އާހިދުގެ ނަން ހިމަނާފައި އޮތީ ލިސްޓުގެ ދެވަނައިގަ އެެވެ. ލިސްޓުގެ އެންމެ ކުރީގައި އޮތީ އެއީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ޝިހާމް މުހައްމަދު ވަހީދެވެ. އެކަމަކު މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އެ މަގާމަށް އާހިދު އައްޔަނުކުރާ ށެވެ.

އާހިދަކީ މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މުހިއްމު މައްސަލަތަކެއް ހުށަހަޅުއްވައިގެން އެ ގާނޫނުގެ ބޭނުން ވަރަށް ބޮޑަށް ހިއްޕެވި ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އެ މަގާމު ހުސްވެއްޖެނަމަ 90 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރަން ގާނޫނު ލާޒިމް ކުރެ އެވެ. ނަމަވެސް ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ގޮސް އެ އޮފީސް ވަނީ ގާނޫނީ ހުސް ކަމެއްގެ ތެރޭގަ އެވެ.