އިންފޮމޭޝަން ކޮމިޝަނާ

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ހަތަރު ނަމެއް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ހަތަރު ބޭފުޅެއްގެ ނަން މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅުއްވައިފި އެވެ.

އެ މަގާމަށް ކުރިމަތި ލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އައްޔަނު ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވުމުން ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީ އިއްވެވީ މަޖިލީހުގެ އަމީންއާންމެވެ.

ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ޝިހާމް މުހައްމަދު ވަހީދެވެ. އޭނާ ވަނީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި ވީމީޑިއާ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ކުރިން އަދާކުރެއްވި އެވެ.

މި ލިސްޓްގައި ހިމެނޭ އެހެން ބޭފުޅުންނަކީ ހ. ގުރުވަ، އަހްމަދު އާހިދު ރަޝީދާއި މ. ދާސްތާން، މަރިޔަމް އަލީމް އާއި އަޒްލީމާ އަހްމަދު (ދަފްތަރު)ވެސް ހިމެނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހުގެ މިދިޔަ ދައުރުގެ ޖަލްސާ އަށް ރައީސް ސޯލިހް ފޮނުއްވި ނަންތަކުގެ ތެރޭގައި އަޒްލީމާ ފިޔަވާ ދެން ތިއްބެވި ތިން ބޭފުޅުން ހިމެނެ އެވެ. އޭރު ފޮނުވި ލިސްޓުގެ ކުރީގައި ވެސް އޮތީ ޝިޔާމް މުހައްމަދު ވަހީދެވެ. ނަމަވެސް މަޖިލީހުން އެއިން އެއްވެސް ބޭފުޅަކަށް ރުހުން ނުދޭން މިދިޔަ ދައުރުގައި އޮތީ ނިންމާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވުމުން އެ ބޭފުޅުންގެ ނަންތައް ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ދުވަހު ނޫހެއް ހެއްދެވުމުގެ ގޮތުން އެނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު ފަހުކޮޅު އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އެ މަގާމު ހުސްވެއްޖެނަމަ 90 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރަން ގާނޫނު ލާޒިމް ކުރެ އެވެ. ނަމަވެސް ގާނޫނުގައި ބުނާ މުއްދަތު ވަނީ ފަހަނައަޅާ ގޮސްފަ އެވެ.