އަހުމަދު އުޝާމް

ކޮމިޝަނަރަކު ނެތި 100 ދުވަސް: އުޝާމްގެ ފާޑުވިދާޅުވުން ސަަރުކާރަށް

އިންފޮމޭޝަން ކޮމިޝަނަރު ނެތި އެތައް ދުވަހެއް ފާއިތުވެގެން ދިއުމަކީ ސަރުކާރުން ވަރަށް ޒިންމާދާރު ކުޑަކޮށް ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން އަލުން ވަނީ ހުޅުވާލާފައެވެ. ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލާފައި ވަނީ ޖޫން 2، 2021 ގައި ހުޅުވާލުމުން އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ ކަމަށެވެ.

މިއަދު އަލުން ހުޅުވާލުމުން މި މަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އާ ހަމައަށް އެ މަގާމަށް އެދި ރައީސް އޮފީހަށް ހުށަހަޅަށް ވެސް އެދިފައި ވެއެވެ.

މެންބަރު އުޝާމް މިއަދު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރު ނެތި އެތައް ދުވަހެއް ފާއިތުވެގެން ދިއުމަކީ ސަރުކާރުން ވަރަށް ޒިންމާދާރު ކުޑަކޮށް ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ. ގާނޫނުގެ 47 ވަނަ މާއްދާގަ ބުނަނީ 60 ދުވަސް ތެރޭގައި މީހަކު އައްޔަން ކުރަންވާނެ ކަމަށާ ނަމަވެސް 100 ދުވަސް ވެގެން ދިޔައިރުވެސް ނަމެއް ފޮނުވޭވަރު ނުވި ކަމަށް އުޝާމް ވިދާޅުވިއެވެ.

"މިވީ ގޮތުން ކުރިއަށް އޮތް ދެ މަސްތެރޭގަވެސް މީހަކު އައްޔަން ނުކުރެވޭނެ،" އުޝާމް ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭޕްރީލް މަހުގެ 26 ގައި މަޖިލީހަށް ފޮނުއްވިއެވެ. އެ ލިސްޓުގެ ކުރީގައި އޮތީ ޝިހާމް މުހައްމަދު ވަހީދެވެ. ދެން އެ މަގާމަށް އައްޔަނު ކުރަން ހުށަހެޅި ނަންތަކުގެ ތެރޭގައި ހ. ގުރުވަ، އަހުމަދު އާހިދު ރަޝީދާއި މ. ދާސްތާން، މަރިޔަމް އަލީމް ހިމެނެ އެވެ. ނަމަވެސް އެއިން ނަމަކަށް ކޮމެޓީން ރުހުން ލިބޭ ގޮތެއް ނުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒު މޫސާ އެ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެ މަގާމު އޮތީ ހުހަށް އަދި ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.