އިންފޮމޭޝަން ކޮމިޝަނާ

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހަތަރު ނަމެއް މަޖިލީހަށް ފޮނުވައިފި

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ނުވަ ބޭފުޅުންގެ ތެރެއިން އެ މަގަމާށް އައްޔަން ކުރަން ރައީސް ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ނަން އިއުލާން ކުރައްވާފަ އެވެ.

އެ ހަތަރު ބޭފުޅުންގެ ފެންވަރާއި ގާބިލު ކަން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ މަގާމުގެ ދައުރު ހަވަމުންނެވެ. މިދިޔަ ހޯމަ ދުވަހު އޭނާގެ ދައުރު ހަމަވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުވެ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

މަޖިލީހަށް ފޮނުވި ނަންތައް

  • ހުސައިން ފިޔާޒު މޫސާ، އަތަމާގެ، ތ. ވިލުފުށި
  • އަހުމަދު ފަޔާޒު ހަސަން، މ. ހަޒާރީވިލާ
  • އަހްމަދު އާހިދް ރަޝީދު، ހ. ގްރޫއަ
  • ފާތިމަތު ސައުޝަން މ. ވެންކޫވަ

އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ އޮފީހެކެވެ. އެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވާލުމެވެ.